އެއް ކޮޓަރީގައި 50 ބިދޭސީން ވެސް އެބަ އުޅޭ: ފައްޔާޒު
އެއް ކޮޓަރީގައި 50 ބިދޭސީން ވެސް އެބަ އުޅޭ: ފައްޔާޒު

ބިދޭސީ މަސައްކަތު މީހުން ތޮއްޖެހުމުގެ ސަބަބުން، ދިރިއުޅުން އެހެން ތަންތަނަށް ބަދަލު ކުރަން ޖެހޭ 200 ވަރަކަށް ތަން ފާހަގަކުރެވިފައިވާ އިރު އޭގެ ތެރޭގައި އެއް ކޮޓަރީގައި 50 މީހުން ދިރިއުޅޭ ތަންތަން ވެސް އެބަހުރި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ، ބިދޭސީން ދިރިއުޅޭ ތަންތަނުގެ ތެރެއިން ދިރިއުޅުމުގެ ހާލަތު ވަރަށް ދެރަ ތަންތަން ހުރި ކަމަށާއި އެގޮތުން މިހާރުން މިހާރަށް ކޮންމެހެން ބަދަލުކުރަން ޖެހޭ 14 ވަރަކަށް ތަންތަން ފާހަގަކުރެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެއް ކޮޓަރީގައި 50 މީހުންނާއި 30 މީހުން އަދި 25 ވަރަކަށް މީހުން އެއްކޮށް ނިދާ ތަންތަން ހިމެނެ އެވެ.

މިގޮތަށް ގިނަ އަދަދެއްގެ ބިދޭސީން ނިދާ 12 ފޫޓު 13 ފޫޓުގެ ތަންތަނާއި އެއަށް ވުރެ ކުދި ޖާގައިގެ ކޮޓަރިތައް ވެސް އެބަހުރި ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

"ބައެއް ތަންތަނުގައި ވަގުތު ބަހައިގެން ވެސް މީހުން ނިދާ،" މިނިސްޓަރު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ، ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި 5،000 ބިދޭސީ މަސައްކަތު މީހުން ހާލަތު ރަނގަޅު ތަންތަނަށް ބަދަލު ކުރުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. ކޮވިޑް-19 އާ ގުޅިގެން ތަފާތު ބަލިތައް ފަސޭހައިން ފެތުރޭ ގޮތަށް، ތޮއްޖެހިފައިވާ ތަންތަނުގައި މިހާރު އުޅެމުންދާ ބިދޭސީން އެ އަށް ވުރެ ރަނގަޅު ތަންތަނަށް ބަދަލުކުރުމުގެ ކަންކަން ކުރިއަށް އަންނަނީ ކުރަމުންނެވެ.

މިގޮތަށް ބަދަލު ކުރި ނަމަވެސް، އެމީހުންގެ ހަރަދުތައް ކުރާނީ، ބިދޭސީންނާ ހަވާލުވެ އުޅޭ ކުންފުނިތަކާއި މީހުންނެވެ. ސަރުކާރުން އެ މީހުންނަށް ދައްކަނީ، އުޅޭނެ ރަނގަޅު ފެންވަރުގެ ތަންތަނެވެ.

މި ވަގުތު ބިދޭސީން ވަގުތީ ގޮތުން ބަދަލު ކުރުމަށް ނިންމާފައިވަނީ ހުޅުމާލެ ފޭސް ދޭއްގެ ބައެއް ތަންތަނަށާއި ގުޅީފަޅުގައި ހުރި ބައެއް ތަންތަނަށެވެ. ފައްޔާޒު ވިދާޅުވީ، ކުރިއަށް އޮތް ތާނގަައި މަސައްކަތް ކުރާނީ ގުޅީފަޅުގައި "ވޯކާސް ވިލޭޖް" އެއް ތަރައްގީ ކުރުމަށެވެ.

ރާއްޖޭގައި ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން، ސަރުކާރުން ވަނީ މާލޭގައި ބިދޭސީން އުޅޭ ތަންތަނުގެ ހާލަތު އޮޅުންފިލުވުމުގެ ސާވޭއެއް ވަރަށް ފަހުން ކޮށްފަ އެވެ. ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން އެންމެ ގިނައީ ބަންގްލަދޭޝް މީހުން ކަމަށް ވާއިރު، ގަވާއިދާ ޚިލާފަށް އުޅޭ މީހުންގެ ތެރޭގައި ވެސް ގިނައީ އެ މީހުންނެވެ.