ކޮވިޑް-19: މަގާމުން ދުރުކުރި މަނަވަރުގެ ކެޕްޓަން ޕޮޒިޓިވްވެއްޖެ
ކޮވިޑް-19: މަގާމުން ދުރުކުރި މަނަވަރުގެ ކެޕްޓަން ޕޮޒިޓިވްވެއްޖެ

ވޮޝިންޓަން (އެޕްރީލް 6) - އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރު ތިއޮޑޯ ރޫޒްވެލްޓުގައި ކޮރޯނާވައިރަސް ފެތުރެމުންދާތީ އަވަސް އެހީތެރިކަން ފޯރުކޮށް ދިނުމަށް އެދި ޕެންޓަގަނަށް ސިޓީ ފޮނުވުމުން ކެޕްޓަންގެ މަގާމުން ދުރުކުރި ބްރެޓް ކްރޯޒިއާ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ ކަމަށް ޚަބަރުތައް ބުނެފި އެވެ.

ކޮވިޑް-19: މަގާމުން ދުރުކުރި މަނަވަރުގެ ކެޕްޓަން ޕޮޒިޓިވްވެއްޖެ
ކޮވިޑް-19: މަގާމުން ދުރުކުރި މަނަވަރުގެ ކެޕްޓަން ޕޮޒިޓިވްވެއްޖެ

ކެޕްޓަން ކްރޯޒިއާގެ ޓެސްޓުގެ ނަތީޖާ ވަނީ ނިއު ޔޯކް ޓައިމްސް އިން އާއްމުކޮށްފަ އެވެ. އެ ނޫހުން ބުނެފައިވާ ގޮތުގައި ކްރޯނާވައިރަހުގެ އަލާމާތްތައް ކްރޯޒިއާގެ ކިބައިން ފެންނަން ފަށާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އޭނާ މަނަވަރުން ފޭބި ފަހުން ކަމަށެވެ.

ކްރޯޒިއާ މަނަވަރުން ފޭބި ވަގުތު އެތައް ހާސް ފަޅުވެރިންނެއް ވަނީ އޭނާ އަށް ހޫނު ތަރުހީބެއް ދީފަ އެވެ. އަދި އެއީ ބަތަލެއް ކަމަށް ބައެއް ފަޅުވެރިން ބުންޏެވެ.

ކްރޯޒިއާ ޕޮޒިޓިވްވެފައި މި ވަނީ އޭނާ މަގާމުން ދުރުކުރުން ދިފާއުކޮށް އެމެެރިކާގެ ޑިފެންސް ސެކްރެޓަރީ މާކް އެސްޕާ ވާހަކަ ދައްކަވާފައި ވަނިކޮށެވެ. އެސްޕާ ވިދާޅުވީ ކްރޯޒިއާ މަގާމުން ދުރުކުރުމަކީ ނޭވީ ސެކްރެޓަރީ ތޯމަސް މޮޑްލީ އަށް ނިންމަން އުނދަގޫވި ނިންމުމެއް ކަމަށެވެ.

ކެޕްޓަން ކްރޯޒިއާ މަގާމުން ދުރުކުރުމުން އެމެރިކާ ސަރުކާރަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ. ބައެއް ފަރާތްތަކުން ބުނި ގޮތުގައި ކެޕްޓަން އަމަލުކޮށްފައި ވަނީ އޭނާގެ ބެލުމުގެ ދަށުގައިވާ އެތައް ހާސް ފަޅުވެރިންނެއްގެ ރައްކާތެރި ކަމަށްޓަކައި ކަމަށެވެ.

ގުއާމްގައި ބަނދަރުކޮށްފައިވާ މަނަވަރުގެ ފަޅުވެރިން ސަލާމަތްކޮށްދޭން އެދި ކެޕްޓަން ކްރޯޒިއާ މާޗް 30 ވަނަ ދުވަހު ފޮނުއްވި ސިޓީ ވަނީ ބައެއް މީޑިއާތަކަށް ލީކުވެފަ އެވެ. އެ ސިޓީގައި އޭނާ ވަނީ "އަހަރެމެން މި ތިބީ ހަނގުރާމައެއްގައި ނޫން ކަމަށާއި ފަޅުވެރިން މަރުވާން ދޫކޮށް ނުލެވޭނެ" ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ސިޓީގައި އޭނާ ވަނީ ގިނަ އަދަދެއްގެ މީހުން އެއް ތަނެއްގައި އުޅެން ޖެހިފައިވާ އިރު ބަލިވާ މީހުން އައިސޮލޭޓް ކުރުމަކީ ކުރަން ފަސޭހަ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވެފަ އެވެ.

ޕެންޓަގަންގެ އޮފިޝަލުން ބުނެފައި ވަނީ ކްރޯޒިއާ މަސައްކަތް ކޮށްފައި ވަނީ އޭނާ ބޭނުންވާ ގޮތް އާއްމުންނަށް ހާމަކުރުމަށް ކަމަށެވެ.

ރޫޒްވެލްޓް މަނަވަރުގައި ތިބި 4،800 ފަޅުވެރިންގެ ތެރޭން ދެބައިކުޅަ އެއްބައި މީހުން މިހާރު ވަނީ ކޮރޯނާވައިރަހަށް ޓެސްޓްކޮށްފަ އެވެ. އޭގެ ތެރޭން ޕޮޒިޓިވްވެފައި ވަނީ 155 ފަޅުވެރިންނެވެ. ޕެންޓަގަން އިން ނިންމާފައި ވަނީ ފަޅުވެރިން ގުއާމްގައި ކަރަންޓީން ކުރުމަށެވެ.

މާޗް 28 ވަނަ ދުވަހު މަނަވަރު ގުއާމަށް ދިޔައީ ވިއެޓްނާމަށް ކުރި ފަސް ދުވަހުގެ ދަތުރަކަށް ފަހު އެވެ.