06 އެޕްރީލް 2020 - 11:30

ލަންޑަން (އެޕްރީލް 6) - ކޮރޯނާވައިރަހަށް ޕޮޒިޓިވްވި އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ޓެސްޓްތަކެއް ހެދުމަށްޓަކައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި އެވެ.
ބޮޑުވަޒީރުގެ އޮފީހުން ބުނީ ޖޯންސަން ހޮސްޕިޓަލަށް ގެންދިޔައީ "ބަލީގެ އަލާމާތްތައް ތަކުރާރުވާން ފެށުމުން" ޑޮކްޓަރުގެ އިރުޝާދުގެ މަތިން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. ޖޯންސަން ކޮރޯނާވައިރަހަށް ޕޮޒިޓިވްވިތާ 10 ދުވަސްވެއްޖެ އެވެ.
ޖޯންސަން އެޑްމިޓްކުރި ނަމަވެސް ސަރުކާރު ހިންގުމުގެ ހުރިހާ މަސްއޫލިއްޔަތެއް އުފުލައްވާނީ އޭނާ އެވެ. ނަމަވެސް ކޮރޯނާވައިރަހާ ގުޅޭ ގޮތުން މިއަދު ހެނދުނު ބާއްވާ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާނީ ޚާރިޖީ ވަޒީރެވެ.
ސިއްހީ އޮފިޝަލުން ބުނީ ޖޯންސަންގެ މޭގެ އެކްސް-ރޭއެއް ނަގައި ފުއްޕާމޭގެ ސްކޭނެއް ހަދާނެ ކަމަށެވެ. އަދި ހިތުގެ ފަންކްޝަން ބެލުމަށްޓަކައި އިލެކްޓްރޯކާޑިއޯގްރާމެއް ހެދުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން އޮކްސިޖަން ލެވެލް ޓެސްޓް ކުރުމާއި ވައިޓް ބްލަޑް ސެލް ކައުންޓާއި ލިވަ، ކިޑްނީ ފަންކްޝަން ޓެސްޓްތައް ވެސް ހަދާނެ އެވެ.
ކޮރޯނާވައިރަހަށް ޖޯންސަން މާޗް 27 ގައި ޕޮޒިޓިވްވުމާ ގުޅިގެން ވަނީ އެކަހެރިވެވަޑައިގެންފަ އެވެ.
އިނގިރޭސިވިލާތުން މިހާތަނަށް ވަނީ 47،806 މީހުން ޕޮޒިޓިވްވެ 4،934 މީހުން މަރުވެފަ އެވެ.