06 އެޕްރީލް 2020 - 12:36

ތިން އަހަރުގެ ދައުރަކަށް އިންތިޚާބުކޮށްފައިވާ ކައުންސިލަރުންގެ ދައުރު، ރައްޔިތުންގެ މަޖިލީހުން އިތުރުކުރުމަކީ ގާނޫނުއަސާސީގެ ރޫހާ ޚިލާފު އަމަލެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
މިދިޔަ ހޮނިހިރުދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވި އިންތިޚާބު ނުބޭއްވުނީ ކޮވިޑް-19 އިން ރައްކާތެރިވާން ސަރުކާރުން އެޅި ފިޔަވަޅުތަކާ ހެދި އެވެ. މުއްދަތު ފަހަނަޅައިގޮސްފައިވާ އިންތިޚާބު ފަސްކުރުމުގެ ގާނޫނީ ބާރެއް އިލެކްޝަންސް ކޮމިޝަނަށް ނުލިބޭތީ، އިންތިޚާބު ފަސްކުރުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ. އެގޮތުން ލާމަރުކަޒީ ގާނޫނާއި ގާނޫނުއަސާސީ އަށް ވަނީ އިސްލާހު ހުށަހަޅައިފަ އެވެ.
މަޖިލީހުގައި މިއަދު ބަހުސް ފަށާފައިވާ "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްސަ ގާނޫނު 2020" ނަމުގައި ހުށަހެޅި ބިލުގައި އޮތީ ރައްކާތެރި މާހައުލެއް ގާއިމްކުރެވެންދެން އިންތިޚާބުގެ ތައްޔާރީތައް މަޑުޖައްސާލުމަށެވެ. އެހެންކަމުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމިއްޖެކަން ކަމާބެހޭ ފަރާތްތަކުން އިއުލާންކޮށް، އިންތިޚާބުގެ ތާރީހް އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރަންދެން ކައުންސިލަރުން މަގާމުތަކުގައި ދެމިތިބޭނެ އެވެ. ނަމަވެސް އަންނަ އަހަރުގެ ޖެނުއަރީ 6 ގެ ކުރިން އިންތިހާބު ބާއްވަން އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ކޮރޯނާވައިރަހުން ރައްކާތެރިވާން އެޅި ފިޔަވަޅުތަކާ ހެދި އިންތިހާބު ފަސްކުރުމާ ގުޅޭ ގޮތުން ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހުގައިވަނީ، އިންތިހާބު ފަސްކުރަންޖެހުމާ ގުޅިގެން ލާމަރުކަޒީ ގާނޫނަށް ގެންނަަ އިސްލާހާ ގުޅިގެން، މިހާރު ކޮމިޝަނުން އިއުލާނުކޮށްފައިވާ ކައުންސިލްތަކުގެ އިންތިހާބު ބާއްވައި އާ މެންބަރުން މަގާމާ ހަވާލުވަންދެން މިހާރު ތިބި މެންބަރުން މަގާމުގައި ދެމި ތިބޭނެ ކަމަށެވެ.
މަޖިލީހުގެ 18 ވަނަ ދައުރުގައި އެ މަޖިލީހުގެ ނައިބުރައީސްކަން ކުރެއްވި މޫސަ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުން ވޯޓު ދީގެން ހޮވަންޖެހޭ އެއްވެސް މަގާމަކަށް މީހަކު އިންތިޚާބު ކުރުމުގެ ބާރު މަޖިލީހަށް ދިނުން، އަމަލުކުރަމުންދާ ގާނޫނުއަސާސީގެ ރޫހާ ޚިލާފު ކަމަށެވެ. އެއް ކެންޑިޑޭޓަކު 30 އަހަރު ވަންދެން ވެރިކަމަށް ނެރެން މަޖިލީހުން ނިންމީ ވެސް މެޖޯރިޓީ އޮތުމުން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނުސީދާ ބަހުގެ ހަމަލާއެއް އަމާޒުކުރެއްވި އެވެ.
މޫސަ ވިދާޅުވީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލެވޭ އުމުރަށް ބަދަލު ގެނައުމަށް ގާނޫނުއަސާސީ އަށް ވޯޓު ދިނުމަށް ފަހު އެކަމާ ދެކޮޅު ހެދި މީހުން ކޮރޯނާވައިރަހާ އަޅުވައި ރައްޔިތުންނަށް ލިބިދޭ ވޯޓުގެ ހައްގުން މަހްރޫމްކުރަމުންދާ ކަަމަށެވެ. އަދި އިންތިޚާބީ ދައުރު އިތުރުކުރާ ނަމަ ހުރިހާ މަގާމްތަކަކާ މެދު ވެސް އެ އުސޫލުން އަމަލުކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ ކޮރޯނާވައިރަސްގެ ނުރައްކާ ނެތް ނަމަ "މިއަދު މީ އަޅުގަނޑު އެކަނިވެސް އިހްތިޖާޖް ކުރަން މަޖިލީސް ކައިރީގައި ހުންނާނެ ދުވަހެއް" ކަމަށެވެ.
މިހާރު އަމަލުކުރަމުން އަންނަ ގާނޫނު ބުނާ ގޮތުން އާ ކައުންސިލަރުން އިންތިޚާބު ކުރަން ޖެހެނީ ހިނގަމުން އަންނަ ކައުންސިލްގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިންނެވެ. މިހާރުގެ ކައުންސިލްތަކުގެ ދައުރު ހަމަވަނީ ޖޫން މަހަށެވެ.
މިކަމަށް ގާނޫނީ ހައްލެއް ހޯދަން މަޖިލީހަށް ހުށަހެޅި ބިލުގައި ބުނެފައި ވަނީ، އެ ބިލު ގާނޫނަކަށްވެ އަމަލުކުރަން ފެށުމާ އެކު އިންތިޚާބު ފަސްވީ ކަމަށެވެ. ބިލުގައި ބުނީ އިންތިޚާބާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުން އެންމެ ރަނގަޅު ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާތާ ހަތް ދުވަހުގެ ތެރޭގައި އިންތިޚާބާ ގުޅޭ ކަންކަން ރަސްމީކޮށް ފަށާނެ ތާރީޚަކާއި އިންތިޚާބު ބާއްވާނެ ތާރީޚެއް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރަންވާނެ ކަަމަށެވެ.
ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިބުމުން އިލެކްޝަންސް ކޮމިޝަނުން އިންތިޚާބުގެ ތައްޔާރީތައް ފަށަން ޖެހޭނީ މެދުކަނޑާލި ހިސާބުން މިހާރު އިއުލާންކޮށްފައިވާ ކެންޑިޑޭޓުންނާ އެކުގައި ކަމަށް އެ ބިލުގައިވެ އެވެ.