ކޮވިޑް-19: ޓީސީ ރާއްޖެ ގެނެސް ކަރަންޓީނަށް
ކޮވިޑް-19: ޓީސީ ރާއްޖެ ގެނެސް ކަރަންޓީނަށް

ކޮރޯނާވައިރަހާ ގުޅިގެން، ސްރީ ލަންކާގައި ކަރަންޓީނުކޮށްފައި އޮތް ޓީސީ ސްޕޯޓްސް ކްލަބުގެ ސްކޮޑުގެ ރޭ މާލެ ގެނެސް ފުރަވެރި ރިޒޯޓުގައި 14 ދުވަހަށް ކަރަންޓީނުކޮށްފި އެވެ.

ލަންކާގައި ޓީސީ ކަރަންޓީނު ކުރީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ. އެއީ އޭއެފްސީ ކަޕްގައި ބަންގްލަދޭޝްގައި އެ ގައުމުގެ ބަޝުންދުރާ ކިންގްސްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އެނބުރި މާލެ އެނބުރި އައި ދަތުރުގަ އެވެ. ލަންކާގައި 14 ދުވަސް ވަންދެން ޓީސީ ކަރަންޓީނު ކުރަން ނިންމީ ބަންގްލަދޭޝް އަކީ އެ ވަގުތު ރިސްކު އޮތް ގައުމެއް ކަމަށްވެފައި އެ ގައުމުން ރާއްޖެ އަށް މީހުން އެތެރެވުން މަނާކޮށްފައި އޮތުމުންނެވެ.

ލަންކާގައި ޓީސީގެ ކަރަންޓީނު މުއްދަތު ހަމަވީ މި މަހު 26 ވަނަ ދުވަހު އެވެ. އޭގެ ހަތަރު ދުވަސް ކުރިން ލަންކާ ވަނީ ލޮކްޑައުންކޮށްފަ އެވެ. އަދި ވައިގެ ދަތުރުތައް މެދުކަނޑާލައިފަ އެވެ. ލަންކާގެ މެރީނޯ ބީޗް ހޮޓަލުގައި 24 ދުވަހަށް ފަހު ތިބުމަށް ފަހު ޓީސީ މާލެ އައީ ދިވެހި ސަރުކާރުން މޯލްޑިވިއަން މެދުވެރިކޮށް ހަމަޖެއްސި ދަތުރެއްގަ އެވެ.

ސަރުކާރުން މި ވަގުތު ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން ރާއްޖޭން ބޭރުން އަންނަ ކޮންމެ މީހެއް ވެސް 14 ދުވަހަށް ކަރަންޓީނު ފެސިލިޓީ އަށް ގެންދާނެ އެވެ. އެ ގޮތުން ޓީސީގެ ކުޅުންތެރިންނާއި އޮފިޝަލުން ވެސް ވަނީ ރޭ ކަރަންޓީނުކޮށްފަ އެވެ. ދެ ގައުމެއްގައި ކަރަންޓީނު ކުރަން ޖެހުމުން ގިނަ އުނދަގޫތަކެއް ކުރިމަތިވެފައިވާތީ ޓީސީގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

ލަންކާ އިން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 176 އަށް އަރައިފަ އެވެ. ލަންކާގައި މިހާތަނަށް މި ބަލިން 33 މީހުން ރަނގަޅުވެފައިވާއިރު، ފަސް މީހުން ވަނީ މަރުވެފަ އެވެ.

އޭއެފްސީ ކަޕްގެ މެޗުތަށް ވެސް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާއިރު، ރާއްޖޭގެ ފުޓްބޯޅަ ސީޒަން ވެސް ވަނީ ނިންމާލައިފަ އެވެ. އެގޮތަށް ނިންމީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލްކުރުމަށް ފަހު އެވެ. އެހެން ނަމަވެސް އަތޮޅުތަކުގެ ޓީމުތަކަށް ބާއްވާ ޖަޒީރާ ޗެމްޕިއަންޝިޕާއި ތިން ވަނަ ޑިވިޝަން ބާއްވާނެ އެވެ. އެކަމަކު ވަކި ތާރީހެއް ކަނޑައަޅަން ނިންމާފައިވަނީ ކޮވިޑް-19 ގެ ކަންތައްތައް ހަމަޔަކަށް އެޅުމުންނެވެ.

ރާއްޖޭގައި މިހާތަނަށް 19 މީހެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، 13 މީހުން ވަނީ ރަނގަޅުވެފަ އެވެ. މި ވަގުތު ފަރުވާދެމުން އަންނަނީ ހަ މީހަކަށެވެ.