06 އެޕްރީލް 2020 - 11:10

ނިއު ޔޯކް (އެޕްރީލް 6) - ކޮވިޑް-19 ގެ ހާލަތު އެމެރިކާގައި އެންމެ ގޯސް ސްޓޭޓް ކަމަށް ނިއު ޔޯކުގައި އަލަށް ބަލި ޖެހޭ މީހުންގެ އަދަދު ފުރަތަމަ ފަހަރަށް ދަށަށް ހިނގައްޖެ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ނަމަވެސް ނިއު ޔޯކުގެ ގަވަރުނަރު އެންޑްރޫ ކޫމޯ ވިދާޅުވީ އަދަދުތަކުގެ އަލީގައި ވަކި އެއްޗެއް ބުނަން އަދި މާއަވަސް ކަމަށެވެ.
ނިއު ޔޯކުގައި ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށަށް ދިޔަ އިރު އެމެރިކާގެ އޮފިޝަލުން ވަނީ ކުރިއަށް އޮތީ އެންމެ ނުރައްކާ ހަފުތާ ކަމަށް ބުނެފަ އެވެ.
އެމެރިކާގެ ސާޖަން ޖެނެރަލް ޖެރޯމް އެޑަމްސް ވިދާޅުވީ ކުރިއަށް އޮތީ އެމެރިކާ މީހުންނަށް އެންމެ އުނދަގޫ އަދި އެންމެ ހިތާމަވެރި ހަފުތާ ކަމަށެވެ.
"މިއީ އެމެރިކާ މީހުންގެ ޕާލް ހާބަ ނުވަތަ ސެޕްޓެމްބަރު 11 ގެ ހާލަތަށް ވެދާނެ،" އޭނާ ވިދާޅުވި އެވެ. "މިކަން މުޅި އެމެރިކާގައި ހިނގާނެ."
ކޫމޯ ވިދާޅުވީ ނިއު ޔޯކުން އިއްޔެ މަރުވެފައި ވަނީ 594 މީހުން ކަމަށެވެ. އޭގެ ކުރީ ދުވަހު ވަނީ 630 މީހުން މަރުވެފަ އެވެ. ނިއު ޔޯކުން އެކަނި މިހާތަނަށް ވަނީ 4،159 މީހުން މަރުވެފަ އެވެ. އެ ސްޓޭޓުން ޕޮޒިޓިވްވި މީހުންގެ އަދަދު 123،000 އަށް އަރަ އެވެ.
ކޫމޯ ވިދާޅުވީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހުނު މީހުންގެ 75 ޕަސެންޓް މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައި ކަމަށެވެ. އަދި ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ދަށްވާން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނިއު ޔޯކުން މަރުވި މީހުންގެ އަދަދު ދަށްވި ނަމަވެސް އެ ސްޓޭޓުން ބަލި ޖެހޭ މީހުންގެ އަދަދު ޕީކަށް އެރިކަން އަދި ޔަގީނެއް ނޫނެވެ.
ނިއު ޔޯކާ ޖެހިގެން އޮންނަ ނިއު ޖާޒީން އާދިއްތަ ދުވަހު ވަނީ 3،000 މީހުން ޕޮޒިޓިވްވެފަ އެވެ. އެ ސްޓޭޓުގައި ތިބި ޕޮޒިޓިވްވި މީހުންގެ އަދަދަކީ 37،505 އެވެ. ނިއު ޖާޒީން ވަނީ 917 މީހުން މަރުވެފަ އެވެ. ދެކުނުގެ ލޫސިއާނާ ސްޓޭޓުން ވަނީ އިއްޔެ 3،010 މީހުން ޕޮޒިޓިވްވެފަ އެވެ. މިއީ 20 ޕަސެންޓުގެ އިތުރުވުމެކެވެ. އެ ސްޓޭޓުން ވަނީ 477 މީހުން މަރުވެފަ އެވެ.
އެމެރިކާގެ ޗީފް އިމިއުނޮލޮޖިސްޓް ޑރ. އެންތަނީ ފައުސީ ވިދާޅުވީ ގައުމުގެ "ހާލަތު ކޮންޓްރޯލްވީ" ކަމަށް ބުނުން އަދި އަވަސް ކަމަށެވެ.
އެމެރިކާ އިން މިހާތަނަށް ވަނީ 336،830 މީހުން ޕޮޒިޓިވްވެ 9،618 މީހުން މަރުވެފަ އެވެ.
އެމެރިކާގައި މަރުވި މީހުންގެ އަދަދު ވެސް އިއްޔެ ވަނީ ދަށްވެފަ އެވެ. އިއްޔެ މަރުވެފައި ވަނީ 1،165 މީހުންނެވެ. އޭގެ ކުރީ ދުވަހު ވަނީ 1،330 މީހުން މަރުވެފަ އެވެ. އަލަށް ބަލި ޖެހޭ މީހުންގެ އަދަދު ވެސް އިއްޔެ ވަނީ ދަށްވެފަ އެވެ. އެމެރިކާ އިން އިއްޔެ ޕޮޒިޓިވެފައި ވަނީ 25،316 މީހުންނެވެ. އޭގެ ކުރީ ދުވަހު ވަނީ 34،196 މީހުން ޕޮޒިޓިވްވެފަ އެވެ.