ކޮވިޑް-19: ބަލި ޖެހޭ މީހުން މެލޭޝިއާގައި އެންމެ މައްޗަށް ދާނެ ކަމަށް ލަފާކުރަނީ މިމަހު މެދުތެރޭގައި
ކޮވިޑް-19: ބަލި ޖެހޭ މީހުން މެލޭޝިއާގައި އެންމެ މައްޗަށް ދާނެ ކަމަށް ލަފާކުރަނީ މިމަހު މެދުތެރޭގައި

ކުއާލަ ލަމްޕޫރު (އެޕްރީލް 6) - ކޮރޯނާވައިރަސް ޖެހޭ މީހުންގެ އަދަދު މެލޭޝިއާގައި ޕީކަށް އަރާނެ ކަމަށް ލަފާކުރަނީ މި މަހު މެދުތެރޭގައި ކަމަށާއި ބަލި ޖެހޭ މީހުންގެ ނިސްބަތް އަންގައިދޭ ކާވް، އޭގެ ފަހުން ދަށަށް ދާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ލަފާކޮށްފި އެވެ.

"މިހާރު ލިބެން ހުރި މައުލޫމާތަށް ބަލައި، ޑަބްލިއުއެޗްއޯގެ ކަންޓްރީ އޮފީހުން ލަފާކުރަނީ މެލޭޝިއާގައި ހޮސްޕިޓަލްތަކަށް ރިޕޯޓްކުރާ ކޭސްތައް އެންމެ މައްޗަށް އަރާނީ އެޕްރީލް މެދެއްހާ ހިސާބުގައި،" މެލޭޝިއާ، ބުރޫނާއީ އަދި ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަ ޑަބްލިއުއެޗްއޯގެ ހެޑް އޮފް މިޝަން ޔިންގް-ރޫ ލޯ ވިދާޅުވި އެވެ.

ނަމަވެސް އޭނާ ވިދާޅުވީ ޑަބްލިއުއެޗްއޯގެ ލަފާކުރުންތައް ކޮންމެ ވަގުތަކު ވެސް ބަދަލުވެދާނެ ކަމަށެވެ.

"ކާވް ތިރިއަށް ދާނެ ކަމުގެ ނިޝާންތައް ވަނީ ފެންނަން ފަށާފައި. އެކަމަކު މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ދޫދީ އަދި މީހުން އަމިއްލަ ރައްކާތެރި ކަމަށް ނުބަލައިފި ނަމަ ހާލަތު ކޮންމެ ވަގުތަކު ވެސް ބަދަލުވެދާނެ،" އޭނާ ވިދާޅުވި އެވެ.

ލޯ ވިދާޅުވީ މެލޭޝިއާގައި ކޮމިއުނިޓީ ސްޕްރެޑެއް ނުވަތަ މުޖުތަމައުގައި ބަލި ފެތުރިދާނެ ފަދަ ހާލަތެއް، ލިބެން ހުރި ޑޭޓާ އަށް ބަލާއިރު ހާމަނުވާ ކަމަށެވެ.

މެލޭޝިއާގެ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ނޫރް ހިޝާން އަބްދުﷲ ވިދާޅުވީ މެލޭޝިއާގައި އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދު، އެޕްރީލް މަހުގެ ފުރަތަމަ ހަފުތާ ނުވަތަ ދެ ވަނަ ހަފުތާގައި ދަށަށް ދާން ފަށާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މެލޭޝިއާ މިހާރު ވަނީ މި މަހު 14 އާ ހަމައަށް ލޮކްޑައުންކޮށްފަ އެވެ.

މެލޭޝިއާ އިން މިހާތަނަށް ވަނީ 3،662 މީހުން ޕޮޒިޓިވްވެ 61 މީހުން މަރުވެފަ އެވެ.