12 އޮކްޓޯބަރ 2016 - 10:29

ލާއޮސްގެ މައްޗަށް ދެ ލެގުން 5-1 ގެ އެގްރިގޭޓަކުން ކުރި ހޯދައި އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުން ޖާގަ ލިބުމުގައި، ޓީމުގެ ރޫހު ރަނގަޅުވުމާއި ކުޅުންތެރިން މޮޅަކަށް ބޭނުންވެފައި ތިބި މިންވަރު ބޮޑު ދައުރެއް އަދާކުރި ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޑަރެން ސްޓެވާޓް ބުނެފި އެވެ.
ފުރަތަމަ ލެގުން 4-0 އިން ރާއްޖެ މޮޅުވިއިރު އިއްޔެ ރަށުން ބޭރުގައި ކުޅެ ރާއްޖެ ވަނީ ލާއޮސްއާ 1-1 އިން އެއްވަރުކޮށްފަ އެވެ. ފުރަތަމަ ލެގުން ތަފާތު ބޮޑުކޮށް ބަލިވެފައިވާތީ އިއްޔެގެ މެޗަށް ލާއޮސް ނުކުތީ އޯލް އައުޓް އެޓޭކެއްކޮށް ތަފާތު ބޮޑެއް މޮޅެއް ހޯދާށެވެ. ލާއޮސް އިން މެޗު ކޮންޓްރޯލްކޮށް ރަނގަޅު ހަމަލާތައް އިއްޔެ އުފެއްދި އެވެ. އަދި އޭގެ ތެރެއިން އެޓޭކެއްގައި ދެ ވަނަ ހާފުގައި ލީޑު ނެގި ނަމަވެސް ފަހު ވަގުތު އަހުމަދު ނާޝިދު (ނައްޓޭ) ވަނީ ރާއްޖެ އަށް އެއްވަރުކޮށްދީފަ އެވެ.
ކޯޗު ބުނީ މި މެޗުގައި ލާއޮސް އިން މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ކަމަށާއި އެ ޓީމަށް ލަނޑު ނުޖެހުނީ ރާއްޖޭގެ ޑިފެންސް ލައިން ރަނގަޅަށް މަސައްކަތްކުރުމުން ކަމަށެވެ.
"އަހަރެމެންގެ ޑިފެންޑަރުން ވަރަށް ރަނގަޅަށް ކުޅުނު. ކުރީ މެޗާ މި މެޗުގެ ތަފާތަކީ މި މެޗުގައި އަހަރެމެންގެ އެޓޭކްތައް މަދުވެފައި ވަރަށް ބޮޑަށް ޑިފެންސްކުރަން ޖެހުނުކަން،" ސްޓެވާޓް ބުންޏެވެ.
މީގެ ދެ މަސް ކުރިން ޓީމާ ހަވާލުވި ސްޓެވާޓުގެ އިރުޝާދުގެ ދަށުން ރާއްޖެ ތިން މެޗު ކުޅެފައިވާއިރު ލާއޮސް އަތުންނާއި ބަންގްލަދޭޝް އަތުން މާލޭގައި ވަނީ މޮޅުވެފަ އެވެ. މި މެޗާ އެކު ގައުމީ ކޯޗާ އެފްއޭއެމުން ހަވާލުކުރި ފުރަތަމަ މަސައްކަތް އޭނާ މި ވަނީ ފުރިހަމަކޮށްފަ އެވެ. އެފްއޭއެމުން އޭނާ އަށް ދާއިމީ ކޮންޓްރެކްޓެއް ދޭން ކުރި ޝަރުތަކީ ދެ ލެގުން ކުރި ހޯދައި އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމެވެ.
"އަހަރެމެންގެ ޓީމު ރޫހު ވަރަށް ރަނގަޅު. އަދި ކުޅުންތެރިން ދައްކުވައިދީފި ކާމިޔާބަކަށް ފެންބޮވައިގެންފައި ތިބި މިންވަރު. ކުޅުންތެރިންނާއި އޮފިޝަލުންނަށް ޝުކުރުއަދާކުރަން ކުރި ބުރަ މަސައްކަތަށް،" ސްޓެވާޓް ބުންޏެވެ.
އޭނާ ވަނީ ދާއިމީ ކޮންޓްރެކްޓެއް ދީފި ނަމަ ރާއްޖެ ގޮވައިގެން އޭޝިއަން ކަޕަށް ދާން މަސައްކަތްކުރާނެ ކަމަށް ބުނެފަ އެވެ.
އިއްޔެގެ މެޗަށް ފަހު ލާއޮސްގެ ކޯޗު ވަލަކޯނޭ ފޮމްޕަކްޑީ ބުނީ އެ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ހަމްފެންގް ސަޔަވުއްތީ މެޗުގެ ކުރީކޮޅު އަނިޔާވެގެން ބާލަން ޖެހުމުން ޓެކްޓިސް ބަދަލުކުރަން ޖެހުނު ކަމަށާއި އޭނާ ހުރި ނަމަ އެޓޭކް ވަރުގަދަވީސް ކަމަށެވެ.