05 އެޕްރީލް 2020 - 21:14

މެޑްރިޑް (އެޕްރީލް 5) - ކޮވިޑް-19 ޖެހިގެން ސްޕޭނުން މަރުވާ މީހުންގެ އަދަދު ޖެހިޖެހިގެން ތިން ވަނަ ދުވަހު ދަށަށް ހިނގައްޖެ އެވެ.
ސްޕޭނުގެ ހެލްތު މިނިސްޓްރީން ބުނީ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ އެ ގައުމުން މަރުވެފައި ވަނީ 674 މީހުން ކަމަށެވެ. މިއީ ވޭތުވެދިޔަ 10 ދުވަހަށް ބަލާ އިރު އެންމެ މަދުން މީހުން މަރުވި ދުވަހެވެ.
ސްޕޭނުގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވީ ކޮވިޑް-19 ގައި ސްޕޭން މިހާރު ޕީކަށް އަރަނީ ކަމަށާއި ލަފާ ކުރެވޭ ގޮތުން ކާވް ދެން ދާނީ ދަށަށް ކަމަށެވެ.
ސްޕޭން ލަކްޑައުންކޮށްފައި އޮންނަ މުއްދަތު އެޕްރީލް 25 އަށް އިތުރުކުރިކަން ބޮޑު ވަޒީރު ވަނީ އިއުލާން ކުރައްވައިފަ އެވެ. އަދި ސްޕޭނުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރެވޭ ކަމަށް ވިދާޅުވި އެވެ.
"ލޮކްޑައުން ކުރުމަކީ ހެލްތު ސެކްޓަރަށް ވެސް ލިބޭނެ ލުޔެއް. އެކަމަކު މިއީ އެންމެން ވެސް ތަޖްރިބާ ކުރަމުންދާ އެންމެ އުނދަގޫ ދުވަސްތައް،" ސަންޗޭޒް ވިދާޅުވި އެވެ.
ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ސްޕޭނުން ޕޮޒިޓިވްވެފައި ވަނީ 7،026 މީހުންނެވެ. އެކަމަކު މިދިޔަ ހުކުރު ދުވަހު ވަނީ 7،472 މީހުން ޕޮޒިޓިވްވެފަ އެވެ.
ސްޕޭނުން މިހާރު ވަނީ 130،759 މީހުން ޕޮޒިޓިވްވެ 12،418 މީހުން މަރުވެފަ އެވެ.