ކޮވިޑް-19: ކޮންމެހެން ބޭންކަށް ދާން ޖެހިގެން ނޫން ގޮތަކަށް ނުދާން ބީއެމްއެލް އިން އިލްތިމާސްކޮށްފި
ކޮވިޑް-19: ކޮންމެހެން ބޭންކަށް ދާން ޖެހިގެން ނޫން ގޮތަކަށް ނުދާން ބީއެމްއެލް އިން އިލްތިމާސްކޮށްފި

ވަކި ދުވަސްތަކެއްގައި ބޭންކުތައް ހުޅުވިޔަސް، ކޮންމެހެން ދާން ޖެހިގެން ނޫން ގޮތަކަށް ބޭންކަށް ނުދިއުމަށާއި އިންޓަނެޓް ބޭންކިން އާއި އޭޓީއެމްތަކުން ލިބޭ ޚިދުމަތްތައް ބޭނުން ކުރަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

ކޮވިޑް-19: ކޮންމެހެން ބޭންކަށް ދާން ޖެހިގެން ނޫން ގޮތަކަށް ނުދާން ބީއެމްއެލް އިން އިލްތިމާސްކޮށްފި
ކޮވިޑް-19: ކޮންމެހެން ބޭންކަށް ދާން ޖެހިގެން ނޫން ގޮތަކަށް ނުދާން ބީއެމްއެލް އިން އިލްތިމާސްކޮށްފި

ކޮވިޑް-19 އާ ގުޅިގެން އިއުލާން ކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ ދަށުން ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. އެކަމަކު، ކޮންމެ ހަފުތާއެއްގެ ވެސް ވަކި ދުވަސްތަކެއްގައި ބޭންކްތައް ހުޅުވާތީ ގިނަ ބަޔަކު އެއްފަހަރާ ޚިދުމަތް ހޯދަން ދިއުމުގެ ސަބަބުން ބޭންކްތައް ކައިރި ތޮއްޖެހުމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. އަދި އެއީ ރައްކާތެރިކަމެއް ކަމަށް ނޫން ކަމަށް ކަމާބެހޭ އިދާރާތަކުން ވެސް ދަނީ އިލްތިމާސް ކުރަމުންނެވެ. ޚާއްސަކޮށް، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މުޅި ދުނިޔޭގައި ވެސް އަޅާ އެންމެ މުހިންމު އެއް ފިޔަވަޅަކީ ސޯޝަލް ޑިސްޓެންސް ކަމަށް ވިޔަސް، ރާއްޖޭގައި ތަންތަނުން ޚިދުމަތް ދޭއިރު އާންމުކޮށް އެ ކަމަށް ސަމާލުކަން ނުދޭ މައްސަލަ ވަރަށް ވަރަށް ބޮޑެވެ.

އެކަމާ ގުޅިގެން، ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ، އިންޓަނެޓް ބޭންކިން އާއި އޭޓީއެމްތަކުން ވެސް ލިބޭ ޚިދުމަތްތައް ހޯދުމަށް ބައެއް މީހުން ބޭންކްތަކަށް ދާ ކަން ފާހަގަކުރެވޭ ކަމަށާއި ގިނަ ބަޔަކު އެއްފަހަރާ ޚިދުމަތް ހޯދަން ދިއުމުގެ ސަބަބުން ކިއުތައް ދިގުވެ، ޚިދުމަތް ދިނުމަށް ގިނަ ވަގުތުތަކެއް ހޭދަވާ ކަމަށެވެ. އެހެންވެ، ކޮންމެހެން ބޭންކަށް ދާން ޖެހިގެން ނޫނީ ނުދިއުމަށާއި އިންޓަނެޓް ބޭންކިން އާއި އޭޓީއެމްތަކުން ލިބޭ ޚިދުމަތްތައް ބޭން ކުރަން އިލްތިމާސް ކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ.

"ބީއެމްއެލް އިން މި ވަނީ ފަސޭހައިން ބޭންކިންގެ ޚިދުމަތް ހޯދޭނެ ގިނަ ވަސީލަތްތަކެއް ގާއިމް ކޮށްފައި. މިގޮތުން އިންޓަނެޓް ބޭންކިން އަދި ސެލްފް ސާވިސް އޭޓީއެމް ބޭނުން ކޮށްގެން ވަރަށް ގިނަ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ހޯއްދެވޭނެ. އަޅުގަނޑުމެންގެ އިލްތިމާސަކީ ކޮންމެހެން ބްރާންޗަށް ވަޑައިގަންނަވަން ނުޖެހޭ ކަސްޓަމަރުން ބްރާންޗަށް ވަޑައިނުގެންނެވުމަށް." ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވި އެވެ.

ރާއްޖޭގެ ގައުމީ ބޭންކުން ބުނިގޮތުގައި، ފައިސާ އާއި ޗެކްތައް އެ ބޭންކުގެ އޭޓީއެމް މެދުވެރިކޮށް ޖަމާ ކުރެވޭނެ އެވެ. ފައިސާ ނެގުުމާއި ފައިސާ ފޮނުވުމުގެ އިތުރުން ބިލްތަކަށް ފައިސާ ދެއްކުމާއި ކްރެޑިޓް ކާޑާއި ލޯނަށް ވެސް އޭޓީއެމް މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ. އަދި ގޭގަައި ތިބެގެން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ވެސް ފައިސާ ދެއްކުމާއި ފައިސާ ފޮނުވުމުގެ އިތުރުން ލުއި ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ބުންޏެވެ.

މި ހަފުތާގައި ބޭންކުތައް ހުޅުވާނީ މާދަމާ އާއި އަންގާރަ އަދި ބުރާސްފަތި ދުވަހު އެވެ.

ކޮވިޑް-19 ހުރި މީހަކު މިހާތަނަށް މާލެއިން ފެނިފައި ނުވިޔަސް، މިދުވަސްވަރު ގިނަ ބަޔަކު އެއްވެ އެއްތަނަކުން ޚިދުމަތް ހޯދުމަކީ ނުރައްކާތެރި ކަމެއް ކަމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ ބުނަމުންނެވެ. އެހެންވެ، ގިނަ ޚިދުމަތްތަކެއް އޮންލައިންކޮށް ލިބޭނެ އިންތިޒާމް ގިނަ އިދާރާތަކުން ވަނީ ހަމަޖައްސައިފަ އެވެ.

ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް 19 މީހަކު ޕޮޒިޓިވް ވެފައި ވިޔަސް، އޭގެ ތެރެއިން ހަ މީހަކު ފިޔަވައި އެންމެން ވަނީ ރަނގަޅުވެފަ އެވެ. އެކަމަކު ބާކީ ތިބި ހަ މީހުންގެ ތެރެއިން ހަތަރު މީހުންނަކީ އިނގިރޭސިވިލާތުން އައި ދިވެހިންނެވެ. އެ މީހުން އަދި ރަނގަޅެއް ނުވެ އެވެ.