12 އޮކްޓޯބަރ 2016 - 08:48

ލަންޑަން (އޮކްޓޯބަރު 12) - ގޯލްކީޕަރު ޖޯ ހާޓްގެ މޮޅު ކުޅުމާ އެކު، ރޭ ވޯލްޑް ކަޕް ކޮލިފައިންގައި ސްލޮވީނިއާއާ ލަނޑެއް ނުޖެހި އިންގްލެންޑް އެއްވަރުވެއްޖެ އެވެ.
ދުނިޔޭގެ 67 ވަނައިގައި އޮތް ސްލޮވީނިއާ އަތުން ލަދުވެތި ގޮތަކަށް އިންގްލެންޑް ބަލިނުވެ ސަލާމަތްވުމުގެ ޝުކުރު ހައްގުވަނީ، މެންޗެސްޓާ ސިޓީން ދޫކޮށްލުމުން އިޓަލީގެ ޓޮރިނޯ އަށް ކުޅެމުން އަންނަ ހާޓަށެވެ. އޭނާ ވަނީ ސްލޮވީނިއާގެ ގިނަ ހަމަލާތަކެއް ސަލާމަތްކޮށްފަ އެވެ.
ސްލޮވީނިއާގެ ޔޮސިޕް އިލިޗްގެ ނުރައްކާތެރި ދެ ހަމަލާ އޭނާ މަތަކުރިއިރު، ޔަސްމިން ކުރްޓިޗް ބޮލުން ފޮނުވާލި ނުރައްކާ ބޯޅައެއް ހުށިޔާރުކަމާ އެކު މަތަކުރި އެވެ.
ފުރަތަމަ ހާފުގައި އިންގްލެންޑުން ރަނގަޅަށް ކުޅުނު ނަމަވެސް ދެ ވަނަ ހާފުގައި އެއްކޮށް ކޮންޓްރޯލްކުރީ ސްލޮވީނިއާ އިންނެވެ. އިންގްލެންޑުގެ ވަގުތީ ކޯޗު ގަރެތު ސައުތުގޭޓް މެޗު ފެށީ ކެޕްޓަން ވޭން ރޫނީ ބެންޗުގައި ބަހައްޓައިގެންނެވެ. މެޗުގެ ފަހުކޮޅު އޭނާ ކުޅެން އެރި ނަމަވެސް މާ ނުރައްކާތެރި ބޯޅައެއް ފޮނުވާލެވޭ ގޮތެއް ނުވި އެވެ.
މި ނަތީޖާއާ އެކު ވެސް އިންގްލެންޑް އޮތީ ހަތް ޕޮއިންޓާ އެކު ގްރޫޕް އެފް ގެ އެއް ވަނައިގަ އެވެ. ލިތުއޭނިއާ އާއި ސްލޮވީނިއާ އަށް ފަސް ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން ދެ ވަނައިގައި އޮތީ ލިތުއޭނިއާ އެވެ.
ދުނިޔޭގެ ޗެމްޕިއަން ޖަރުމަން ވަނީ ރޭ ނޮދަން އަޔަލެންޑް އަތުން 2-0 އިން މޮޅުވެފަ އެވެ. މި މެޗުގައި ޖަރުމަނަށް ލަނޑު ޖަހައިދިނީ ހޫލިއަން ޑްރެޒްލާ އާއި ސާމީ ކެދީރާ އެވެ. ޖަރުމަން އޮތީ ނުވަ ޕޮއިންޓާ އެކު ގްރޫޕް ސީ ގަ އެވެ. ހަތް ޕޮއިންޓާ އެކު ދެ ވަނައިގައި އޮތީ އަޒަރުބައިޖާނެވެ.