12 އޮކްޓޯބަރ 2016 - 08:51

ކޯޑޯބާ، އާޖެންޓީނާ (އޮކްޓޯބަރު 12) - ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ވެނެޒުއޭލާ އަތުން 2-0 އިން މޮޅުވެ ދެކުނު އެމެރިކާ ކޮލިފައިން ގްރޫޕުގެ އެއް ވަނަ އަށް ބްރެޒިލް ޖެހިލިއިރު، އަމިއްލަ ދަނޑުގައި ޕެރަގުއޭ އަތުން 1-0 އިން ބަލިވެ އާޖެންޓީނާ އަށް ޕްރެޝަރު ބޮޑުވެއްޖެ އެވެ.
ބްރެޒިލް އެއް ވަނައިގައި އޮތީ 10 މެޗުން 21 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އުރުގުއޭ އޮތީ 10 މެޗުން 20 ޕޮއިންޓާ އެކު އެވެ. ރޭ އުރުގުއޭ ކުޅުނު މެޗުން ވަނީ 2-2 އިން ކޮލަމްބިއާއާ އެއްވަރުވެފަ އެވެ. ތިން ވަނައިގައި އޮތް އެކުއެޑޯ އާއި ހަތަރު ވަނައިގައި ކޮލަމްބިއާ އަށް 10 މެޗުން ވަނީ 17 ޕޮއިންޓާ އެކު އެވެ. އާޖެންޓީނާ ފަސް ވަނައިގައި އޮތީ 10 މެޗުން 16 ޕޮއިންޓާ އެކު އެވެ.
ވެނެޒުއޭލާ ދަނޑުގައި ރޭ ކުޅުނު މެޗުގެ އަށް ވަނަ މިނިޓްގައި ބްރެޒިލަށް ލީޑުނަގައިދިނީ ގަބްރިއެލް ޖީސަސް އެވެ. ދެ ވަނަ ހާފްގައި ބްރެޒިލްގެ ދެ ވަަނަ ލަނޑު ކާމިޔާބުކުރީ ބްރެޒިލްގެ މިޑްފީލްޑަރު ވިލިއަން އެވެ.
މިއީ ކޮލިފައިންގައި ބްރެޒިލް ޖެހިޖެހިގެން މޮޅުވި ފަސް ވަނަ މެޗެވެ. އަދި އެ ޓީމުން އަންނަނީ އާ ކޯޗު ޓިޓޭގެ އިރުޝާދުގެ ދަށުން މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވަމުންނެވެ.
އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް އަނިޔާވި ފަހުން އެ ޓީމުގެ ނަތީޖާތަށް ވަނީ ދަށްވެފަ އެވެ. މެސީ ނުލައި އެ ޓީމުން އެންމެ ފަހުން ކުޅުނު ތިން މެޗުން މޮޅެއް ނުހޯދެ އެވެ. އެ ޓީމު ރޭ ޕެރަގުއޭ އަތުން ބަލިވިއިރު، އޭގެ ކުރިން ކުޅުނު ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ.
ރޭގެ މެޗުގައި އާޖެންޓީނާ ކޮޅަށް ޕެރަގުއޭ އިން ލަނޑު ޖެހީ މެޗުގެ 18 ވަނަ މިނިޓްގައި ޑާލިސް ގޮންޒާލެސް އެވެ. ކޮލިފައިންގައި ދެން އާޖެންޓީނާ ކުޅޭ މެޗުގައި އަންނަ މަހު 10 ވަނަ ދުވަހު ނުކުންނާނީ ބްރެޒިލާ ދެކޮޅަށެވެ.
ކޮލިފައިންގައި ރޭ ޗިލީ ވަނީ 2-1 އިން ޕެރޫ ބަލިކޮށްފަ އެވެ. އަދި ބޮލިވިއާ އާއި އެކުއެޑޯ ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.