ނައިފަރު ކައިރި އަށް ކުޑަ ބިންހެލުމެއް، ލޮޅުމުގެ އަސަރު ވެސް ކުރި
ނައިފަރު ކައިރި އަށް ކުޑަ ބިންހެލުމެއް، ލޮޅުމުގެ އަސަރު ވެސް ކުރި

ޅ. ނައިފަރު ކައިރި އަށް ކުޑަ ބިންހެލުމެއް ރޭ އައިސް، އޭގެ ލޮޅުމުގެ އަސަރު އެ ރަށަށް ކޮށްފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު)ން ކުރި ޓުވީޓެއްގައި ބުނި ގޮތުގައި ރިކްޓަ މިންގަނޑުން 4.9ގެ ބާރު މިނުގެ އެ ބިންހެލުން އައީ ނައިފަރުގެ އިރު އުތުރުން 306 ކިލޯމީޓަރު ދުރަށެވެ. އެ ބިން ހެލުން އައީ، ބިންހެލުން ފަދަ ކަންކަން ބަލާ އެމެރިކާގެ މައި އިދާރާ ކަމަށްވާ ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނި ގޮތުގައި، ކަނޑުގެ 10 ކިލޯމީޓަރު އަޑިއަށެވެ.

ރިކްޓަ މިންގަނޑުން 4-4.9އާ ދެމެދުގެ ބިންހެލުންތައް ވަޒަންކުރަނީ ކުޑަ ބިންހެލުންތަކުގެ ގޮތުގަ އެވެ. އެފަދަ ބިންހެލުން އަންނަ ސަރަހައްދުތަކުގައި ހުންނަ އިމާރާތްތަކުގެ ތެރޭގައި ތިބޭ މީހުންނަށް ލޮޅުމުގެ އިހުސާސް ކުރެވެ އެވެ. ކަބަޑު ފަދަ ތަންތަނުގެ މަތީގައި ހުންނަ ތަކެތި ވެއްޓި ތަޅައިގެން ދިއުން ފަދަ ކުދިކުދި ގެއްލުން ލިބުނަސް، މި ވައްތަރުގެ ބިންހެލުމުގައި މާ ބޮޑު ގެއްލުމެއް ނުލިބޭނެ އެވެ.

ނައިފަރުގެ ބައެއް މީހުންނަށް ރޭގެ ބިންހެލުމުގެ އިހުސާސްވި އެވެ. އެ ރަށުން ވާހަކަދެއްކި މީހަކު ބުނި ގޮތުގައި ދަމު ނަމާދަށް ހޭލާ އުޅެނިކޮށް، ބިންގަނޑު ކޮންމެވެސް ވަރަކަށް ގުޑާހެން ހީވި އެވެ. އެނދުމަތީގައި އިށީނދެ ފައި ތަންކޮޅެއް ބާރަށް ތަޅުންގަނޑު މަތީގައި ބެހެއްޓުމުން ގުޑުމުގެ އިހުސާސް ތަންކޮޅެއް ބާރަށް ކުރި ކަމަށް ވެސް އޭނާ ބުންޏެވެ.

"އެހާ ބޮޑަކަށް ނުކުރެވޭ. މާ ގިނަ އިރެއް ވެސް ނުވޭ،" އެ މީހާ ބުންޏެވެ.

އެ ގޮތަށް އެ ބިންހެލުމުގެ އަސަރު ކުރި ކަމަށް ނައިފަރުން ވާހަކަދެއްކި ބައެއް އެހެން މީހުން ވެސް ބުންޏެވެ.

ނަމަވެސް، ނައިފަރު ކައުންސިލްގެ މެމްބަރު މުހައްމަދު ކާރިމް ވިދާޅުވީ ބިންހެލުމެއްގެ އަސަރު އެ ރަށަށް ކުރި ކަމުގެ ރިޕޯޓެއް ކައުންސިލަށް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.

ބިންހެލުން އާންމުކޮށް އުފެދެނީ ޓެކްޓޯނިކް ދެ ޕްލޭޓު ގުޅޭ ސަރަހައްދުތަކުގައި، އެއް ޕްލޭޓު އަނެއް ޕްލޭޓްގެ ހަރަކާތްތަކާ ގުޅިގެން އަންނަ ގުޑުމެއްގެ ސަބަބުންނެވެ. އެ ގޮތަށް ދެ ޕްލޭޓު ޖެހުމުން، އެ ސަރަހައްދުގައި ޖަމާވެފައި ހުންނަ ހަކަތަ ބޭރުވެ، ސައިސްމިކް ރާޅުތަކެއް އުފެދެ އެވެ. އެ ހިނދު، ދެ ޕްލޭޓު ދުރުވެ، ބިންހެލުމެއް އުފެދެނީ އެވެ.

ރޭ ބިންހެލުން އައި ސަރަހައްދަކީ ދެ ޕްލޭޓު ގުޅޭ ސަރަހައްދެއް ނޫނެވެ. އެހެންވެ، އެ ހިސާބަށް ބިންހެލުމެއް އަތުވެދާނެ ކަމަކަށް ސައިންސްވެރިން އާންމުކޮށް ގަބޫލެއް ނުކުރެ އެވެ. އެކަމަކު، ދުނިޔެ އަށް އަންނަ ބަދަލުތަކާ އެކު ޕްލޭޓުތަކަށް ވެސް މަޑުމަޑުން ބަދަލު އާދެ އެވެ. އެހެންވެ، އިންޑިއާ ކަނޑުގެ ޕްލޭޓަކަށް އައި ބަދަލެއްގެ ސަަބަބުން އެ ސަރަހައްދުގައި ބިންހެލުމެއް އުފެދުމަކީ އެކަށީގެންވާ ކަމެކެވެ.

ރާއްޖެ ކައިރި ހިސާބުތަކަށް އައި ބައެއް ބިންހެލުންތަކުގެ އަސަރު މީގެ ކުރިން ވެސް ރާއްޖެ އަށް ކޮށްފައިވެ އެވެ. އެކަމަކު ލޮޅުމުގެ އަސަރު އާއްމުކޮށް ކޮށްފައި ވަނީ ދެކުނަށެވެ.