11 އޮކްޓޯބަރ 2016 - 20:30

ކެންސަރު ބަލީގައި ރޭ އަވަހާރަވި، މަޝްހޫރު މިއުޒީޝަން ޒީރޯ ޑިގްރީ އަހުމަދު ނާޝިދު (ފުލޫ ނާޝިދު) ގެ ޖަނާޒާ މީގެ އިރުކޮޅެއް ކުރިން ބާއްވަފައިފި އެވެ.
އޭނާގެ ޖަނާޒާ ބޭއްވީ މިރޭ އިޝާނަމާދަށް ފަހު އާ ސަހަރާގަ އެވެ. ނާޝިދުގެ ޖަނާޒާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ.
ކިޑްނީގެ ކެންސަރު ބަލީގައި ގިނަ ދުވަސްތަކެއް ތަހައްމަލު ކުރަމުން އައި ނާޝިދު 53، އަވަހާރަވީ އިތުރަށް ހާލު ސީރިއަސްވެގެން އޭޑީކޭ އަށް ގެންގޮސް ފަރުވާދެމުން އަންނަނިކޮށެވެ.
ނާޝިދަށް ކެންސަރު ޖެހިފައިވާކަން އެނގުނީ މީގެ ގާތްގަނޑަކަށް ފަސް އަހަރު ކުރިންނެވެ. އޭރުން ފެށިގެން ނާޝިދު ގެންދެވީ ލަންކާގައި ފަރުވާ ހޯއްދަވަމުންނެވެ. އޭނާ ރާއްޖެ ބަދަލުވީ އަހަރެއްހާ ދުވަސް ކުރިން ކަމަށްވެ އެވެ.
ދިވެހި މިއުޒިކަށް ހާއްސަކޮށް ދިވެހިވަންތަ މިއުޒިކަށް އަގު ނުކުރެވޭ ފަދަ ބޮޑެތި ހިދުމަތްތަކެއް ކޮށްދެއްވި ނާޝިދު އެންމެ ފަހުން އާންމުންނަށް ފެނިފައި ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ބޭއްވި "އަ ޓްރިބިއުޓް ޓު ނާޝިދު" ޝޯގަ އެވެ.
ނާޝިދަކީ ފަހުގެ ވަރަށް ގިނަ ޒުވާން ލަވަކިޔުންތެރިންނަށް ނަމޫނާ ލަވަކިޔުންތެރިއެކެވެ. ރާއްޖޭގައި، 1980ގެ ތެރޭގައި އުފަންވި ޒީރޯ ޑިގްރީ އެޓޯލް ބޭންޑްގެ "ދޯނި" އަލްބަމަކީ، މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ވިކިފައިވާ، އަދި ރާއްޖެ އަންނަ ޓޫރިސްޓުންގެ ތެރޭގައި ވެސް އެންމެ ބޮޑު ތަރުހީބެއް ހޯދާފައިވާ ދިވެހި މިއުޒިކީ އަލްބަމެވެ. އެ އަލްބަމްގައި ހިމެނޭ ހުރިހާ ލަވައެއްހެން ވަރަށް ބޮޑަށް މަޝްހޫރުވެ، އޭގެ 25 އަހަރު ފަހުން، މިއަދު ވެސް އެ އަލްބަމްގެ ލަވަތައް އިވެމުން ދެ އެވެ.