31 މެއި 2016 - 14:16

ގުދުސް (މެއި 31) - މަރުގެ ކުށް ސާބިތުވި ފަލަސްތީނުގެ ތިން މީހެއްގެ މައްޗަށް ހަމާސް އިން ގާޒާ ސްޓްރިޕްގައި މަރުގެ އަދަބު މިއަދު ތަންފީޒު ކޮށްފި އެވެ.
ތިން މީހުންނަށް މަރުގެ އަދަބު ދީފައި ވަނީ އިސްތިއުނާފުގެ މަރުހަލާތައް ނިންމުމަށް ފަހު އެވެ. ގާޒާގައި ވެރިކަން ކުރާ ހަމާސް އިން މަރުގެ އަދަބު ތަންފީޒު ކުރުމާ ގުޅިގެން ފަލަސްތީން އޮތޯރިޓީން ވަނީ ފާޑުކިޔައިފަ އެވެ.
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ކުރިން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ރުހުން ހޯދަން ޖެހޭ ކަމަށް ފަލަސްތީނުގެ ގާނޫނުގައި އޮވެ އެވެ. ނަމަވެސް މަހްމޫދު އައްބާސްގެ ހުއްދަ ހަމާސް އިން ހޯދައިފައެއް ނުވެ އެވެ. މިއީ ވެސް ހަމާސް އާއި ފަތަހަ ޖަމާއަތާ ދެމެދު ބައިބައިވުން އޮތް މިންވަރު ދައްކުވައިދޭ ކަމެކެވެ.
ރައީސް އައްބާސްގެ ފަތަހަ ޖަމާއަތާއި ހަމާސްއާ ދެމެދު 2014 ވަނަ އަހަރު ވަނީ ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ނަމަވެސް މި އެއްބަސްވުމަށް މިއަދާ ހަމައަށް ވެސް އަމަލުކޮށްފައެއް ނުވެ އެވެ. ގާޒާ ސްޓްރިޕުގެ ބާރު ހަމާސް އަށް އޮންނަ އިރު ހުޅަނގު އައްސޭރި ކޮންޓްރޯލް ކުރަނީ ފަތަހަ ޖަމާއަތުންނެވެ. މަރުގެ އަދަބު ތަންފީޒުކޮށްފައި މި ވަނީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުންނާއި އދ. އިން ވެސް މަރުގެ އަދަބު ތަންފީޒު ނުކުރަން ހަމާސް އަށް އިލްތިމާސްކޮށްފައި ވަނިކޮށެވެ.
ފަލަސްތީން އޮތޯރިޓީގެ އެޓާނީ ޖެނެރަލް އަހުމަދު ބްރާކް ވިދާޅުވީ ހަމާސް އިން މަރުގެ އަދަބު ދީފައި ވަނީ ފަލަސްތީނުގެ ގާނޫނުތަކާ ޚިލާފަށް ކަމަށެވެ. މަރުގެ އަދަބު ތަންފީޒު ކުރުމުގެ ކުރިން އެކަން ރައީސް އައްބާސް ތަސްދީގު ކުރައްވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.