އަހަންނަކީ ޖިންނިއެއް
އަހަންނަކީ ޖިންނިއެއް

(އާދިއްތަ ދުވަހުގެ ނޫހާ ގުޅޭ)

އަހަންނަށް އެ މަންޒަރު ފެނުނު ކަމުގައިވިޔަސް އަހަރެން ހުރީ އެ ތަނަކު ނޫނެވެ. ޝައިތާނާގެ ވަށައިގެން އުއްބައްތި ބަހައްޓައިފައި ހުއްޓެވެ. ސިފަ ހުތުރު، ކަޅު ކުލައިގެ ޖިންނިއެއް އޭރު ވެސް އިނީ ސިހުރުހަދާށެވެ. އޭނަ މަރާލަން އިސްމާއިލަށް މާ އުނދަގުލެއް ނުވިއެވެ. ގޭތެރޭގައި ވަޅުލައިފައި ހުރި ސިހުރުތަކެއް ވެސް ހުއްޓެވެ.

"އެއީ ކާފައަށް ހަދައިފަ ހުރި ސިހުރު،" އިސްމާއިލް ބުންޏެވެ. "މީގެ އެތައް އަހަރެއް ކުރި."

ގޭގެ ގިފިލީގައި ހުރި ޅޮސްގަސް ކައިރީގައި މީހަކު ހުއްޓެވެ. އެ މީހާގެ ބޯ ހުރީ ބަކައްޓެއްގެ ބޯ ހުންނަ ގޮތަށެވެ. ދިގު ދެ ކަންފަތާއި ދެ ދަޅު ވެސް ހުއްޓެވެ. އެ ބޮލަކީ، ސިހުރުހަދާ ޝައިތާނާގެ ބޮލެވެ. ހަށިގަނޑަކީ، ސިހުރު ހެދި އިންސާނާގެ ހަށިގަނޑެވެ. އަހަރެން ފެނުމާއެކު އަހަންނަށް ޙަމަލާދޭން އޭނަ ފުންމައިގަތެވެ. އިސްމާއިލްގެ ކުޅަދާނަކަމުން ޝައިތާނާގެ ހަތަރެސްފައި ބަނދެލިއެވެ. ސިހުރު ބާތިލުކުރުމުން ޝައިތާނާ އިސްލާމްވިއެވެ. ގޭގެ އޮޅިގަނޑު ދަށުގައި ވެސް ސިހުރެއް ވަޅުލައިފައި އޮތެވެ. އެ ތަނުގައި އޮތީ ވެނެކެވެ. ވެން ނަގައި ސިހުރު ބާތިލު ކުރިއެވެ. އަހަރުމެން އުޅުނު ކޮޓަރި ތެރޭގައި ހުރީ ގަހެކެވެ. ގަހުގައި އަޅާފައި ހުރީ ޝައިތާނުންގެ ބޯބުރިއެވެ. ދަވަލައިފައިވާ މޫތަކެއް އެ ގަހުން ފައިބައިފައި ހުއްޓެވެ. މުޅި ގަހުގައި ވެސް ހުރީ ސިހުރު ލިޔެފައެވެ. ހުރިހާ ސިހުރެއް ބާތިލުކުރަން ވަރަށް ގިނަ ވަގުތު ނެގިއެވެ. އެ ކަންތައް ނިންމައިފައި ދެން އައީ އަހަރެންގެ ގެއަށެވެ. އެ ގޭގެ ވެސް އޮޅިގަނޑާ ދިމާ އަޑީގައި ސިހުރު ވަޅުލައިފައި ހުއްޓެވެ. އިސްމާލާއި ހާދީއަކަށް ވެސް އެ ވަގުތަކު އެ ސިހުރަކާ ނުކުޅެވުނެވެ. ހަދައިފައި ހުރިލެއް ވަރުގަދަކަމުންނެވެ. އެ ހިސާބުން އިސްމާއިލް ފޮނުވައިލިއެވެ.

އެ ރޭ އެ ހިސާބަށް ނިންމައިލީމެވެ. އަހަރެން އެނދުން ތެދުވީމެވެ. ހާދީއާ އެކުގައި ގޭގެ ދޮރުމައްޗަށް ނުކުމެލީމެވެ. ގެ ކައިރީގައި ސަހަރާއެއް ހުރެއެވެ. މުޅި މާޙައުލު ވެސް އަހަންނަށް ފެންނަނީ ނޫކުލައެއްގައެވެ. އަހަރެންގެ ހަމަލޮލުން ޖިންނީންގެ ޖަމާޢަތެއް ދުށީމެވެ. އެ ޝައިތާނުންތައް ތިބީ ސަހަރާ ފާރުމަތީގައި އިށީނދެލައިގެންނެވެ. ހީވަނީ ކުޅިބަލަން ބަޔަކު އިށީނދެލައިގެން ތިބިހެންނެވެ. ސަހަރާގައި ހުރި ބޮޑެތި ގަސްތައް މަތީގައި ބޮޑު ދެ އިފުރީތު ތިއްބެވެ. ގަސްތައް މަތީގައި ތިއްބަސް ގަހަކަށް އެނގުމެއް ނުވެއެވެ. ފަތަކަށް ވެސް އެނގުމެއް ނުވެއެވެ. މަތިން އެ ދިމާއަށް ކޮންމެވެސް އެއްޗެހިތަކެއް އައެވެ. އަލިގަދަކަމުން އޭގެ އަދަދެއް ނޭނގެއެވެ. ތިބީ ހުދުކުލައިގައެވެ. ޔަގީނުން ވެސް އެކައްޗަށް ވުރެ ގިނައެވެ. ކޮންމެ އެއްޗެއްގެ ބުރިކަށީގައި ބޮޑު ދެ ފިޔަގަނޑު ހުއްޓެވެ. ފިޔަގަނޑުގެ ތެރެއިން އަނެއް ފަރާތް ފެނެއެވެ. ހީވަނީ ބިއްލޫރިހެންނެވެ. އެކަމަކު، ހަރުކަށިކަމެއް ނެތެވެ. ރަބަރު ފަދައިން ލެނބެއެވެ. އަލިމަހުން އަރާ ކަހަލަ ކުލަތަކެއް އެ ފިޔަތަކުން އެރިއެވެ. ފާރުމަތީގައި އިށީނދެގެން ތިބި ޝައިތާނުންނާ ދިމާއަށް އެ ބަޔަކު ފައިބައިފައި، ހުދުކުލައިގެ މޫތަކެއް ކަހަލަ އެއްޗެއް ޝައިތާނެއް ގައިގައި އޮޅައިލިއެވެ. އޮޅައިލިލެއް ބާރުކަމުން އެ ހަށިގަނޑު ފަޅައިގެންދިޔައެވެ. އެއީ، މީދަލެއްގެ މައްޗަށް ކާރެއްގެ ފުރޮޅު އެރުމުން ވާ ކަހަލަ ގޮތެކެވެ. އެ މަންޒަރު ފެނިފައި، ދެން ތިބި ޝައިތާނުން ހޭރިގަތެވެ. ވިދުވަރުތަކެއް ފަދައިން އެކި ދިމަދިމާއަށް ގޮސް ގެއްލުނެވެ. އަހަރެން އަނބުރައިގަތީ އެ ހިސާބުންނެވެ. ފަހުން ހާދީ އާއި އިސްމާއިލާ ވެސް އަހަރެން މަޝްވަރާ ކުރީމެވެ. އެކަކަށް ވެސް އެ މުލަކީ ކޯޗެއްކަމެއް ނޭނގުނެވެ. ހިނގައިދިޔައީ ކޮން ހާދިސާއެއްކަމެއް ވެސް ނޭނގުނެވެ.

އަހަރެންގެ ހަށިގަނޑުގައި ހުރި ސިހުރު ދެއްކިއިރު ފެންނަނީ، އިންސާނާގެ މަހުން ހެދިފައިވާ ހޮހަޅައެއް ކަހަލަ ތަނެކެވެ. އިސްމާއިލް ބުނެދިން ގޮތުގައި އެއީ އަހަރެންގެ ހަށިގަނޑުގެ ލޭނާރެކެވެ. އަހަންނަށް ހީވަނީ އަހަރެން އޭގެ ތެރޭގައި ހުންނަހެންނެވެ. އެތެރެއަށް ދާ ވަރަކަށް އަނދިރިވެއެވެ. ދަނީ ވަރަށް ބާރަށެވެ. ވަށައިގެން ފެންނަ މަންޒަރު ހުންނަނީ ފާޑަކަށް އެކުވެފައެވެ. ފުރަތަމަ ސިހުރު ދެއްކީ އަހަރެންގެ ފައިގައި ހުއްޓައެވެ. ފައިގެ ވަކި ހިސާބެއްގައި ހުރި ނާރުތައް ހުރީ ގޮށްޖަހައިފައެވެ. އެ ގޮށްތަކުގައި ހުންނަނީ ރޯވެފައެވެ. ސިހުރު ބާތިލު ކުރުމަށްޓަކައި ގޮށްތައް ޖެހެނީ މޮހާށެވެ.

"ކޮން ވަގުތެއްގަ ސިހުރު ހެދީ؟" ހާދީ ސުވާލުކުރިއެވެ.

އިސްމާއިލް އަނެއްކާ ވެސް އަހަރެންގެ ލޮލަށް ދެއްކީ މަންޒަރުތަކެކެވެ. ފުރަތަމަ ފެންނަނީ، ފޭރާމެއް ނުލައި ހުރި، އެއް ލޯ ރަތް މުސްކުޅިއެކެވެ. އޭނަ ހުރީ ކޮން އަތޮޅެއްގައިކަމާއި އެންމެ ކައިރިއަށް އޮތީ ކޮން ރަށެއްކަން ވެސް އިސްމާއިލް ކިޔައިދިނެވެ.

"އޭނަ މިހާރު އެހެރީ ފަޅުރަށެއްގަ." އިސްމާއިލް އިތުރަށް ބުންޏެވެ.

ކައިރިއަށް އޮތް ރަށުގެ ނަން ބުނުމުން އެއީ ކޮންތަނެއްކަން ބައްޕައަށް އެނގުނެވެ. މުސްކުޅިޔާ އަތުގައި ކާށްޓެއް އޮތެވެ. އެ ކާށީގެ ތެރެއަށް އޭނަ ކޮންމެވެސް އެއްޗެއް ލިއެވެ. ލާފައި ކާށި އެލުވި ގޮތަށް ކާށްޓެއް ނުނަގައެވެ. ކާށި ނަގައި، ﷲގެ ވާގިފުޅާއެކު ސިހުރު ބާތިލުކޮށްދިނީ އިސްމާއިލެވެ.

"ދެން ހެދި ސިހުރުތައް ހުރީ ކައިރީގަ އެ އޮތް ރަށުގަ،" އިސްމާއިލް ކިޔައިދިނެވެ. "ހަމަ ތި ޢާއިލާއިން ހަދާފަ ހުރި ސިހުރު އެއީ. ބޭނުމަކީ މުނިކާފަގެ ދަރިފަސްކޮޅު ނައްތާލުން. އެހެންވީ، ސިހުރުވެރިންނާ ދެކޮޅަށް މުނިކާފަ ހަނގުރާމަ ކުރީމަ. އެ ކަމުގެ ބަދަލުހިފަން އެ ކަމެއް ކޮށްފަ ހުރީ."

ފަހުން ބައްޕަ އެ ވާހަކަ ތަންކޮޅެއް ތަފުސީލުކޮށް ކިޔައިދިނެވެ. އެއީ މީގެ އެތަކެއް އަހަރެއް ކުރިއެވެ. މުނިކާފަގެ ރަށް އާބާދުވިއިރު އުޅެނީ ދެ ދަރިފަސްކޮޅެކެވެ. އެއް ދަރިފަސްކޮޅަކީ ކާފަގެ ދަރިފަސްކޮޅެވެ. ސިހުރުހަދާ މީހުން އައީ އަނެއް ދަރިފަސްކޮޅުންނެވެ. އެ މީހުން އަތުގައި އޮތީ، ނޫނު އަތޮޅުގެ ރަށަކުން އެ މީހުންނަށް ލިބިފައިވާ ސިހުރު ފޮތެކެވެ. ވަރަށް މަޝްހޫރު އެ ފޮތުގެ ނަމަކީ ރަތް ބަންދެވެ. ބޮޑު ހުޅުގެ ދުވަސްވަރު ސިހުރުގެ ކަންތައް ރާއްޖޭގައި ވަރަށް ބޮޑުވިއެވެ. އޭރުގެ ސަރުކާރުން ރަށްތަކުގައި އަތްފުނާއަޅައިގެން ސިހުރު ފޮތްތައް ހޯދައި ނައްތައިލިއިރު، ގިނަ "ރަތްބަންދުތައް" ނައްތައިލިއެވެ. މި ފޮތް އަތަށް އެރުމާއެކު، އެ ފޮތުން ސިހުރުހަދަން އެ މީހުން ދަސްކުރަން ފެށިއެވެ. މުނިކާފައަކީ ފަންޑިތަ ދަސްކުރި މީހެކެވެ. އޭނަގެ މަސައްކަތަކީ ސިހުރުޖެހިފައި ތިބޭ މީހުންނަށް ފަރުވާދީ ސަލާމަތް ކުރުމެވެ. ފަންޑިތައަކީ ރުޤްޔާއެއް ނޫނެވެ. ސިހުރުގެ ބާވަތެކެވެ. އޭރު އޮންނަނީ ތަވީދު އެޅުވުމެވެ. އެހެންނަމަވެސް، ފަންޑިތަހަދާ މީހުންނަކީ ސިހުރާ ދެކޮޅަށް "ސިހުރު ހެދި" ބައެކެވެ. ދެމެދުގައި ދުސްމިނުކަމެއް އުފެދުނީ އެހެންވެއެވެ. ކާފަގެ ދުވަސް ދުއްވާލުމަށްޓަކައި ސިހުރުގެ މައްޗަށް ސިހުރު ހެދިފައިވެއެވެ. ކަން ހިނގި ގޮތަކީ އެއީއެވެ.

ސިހުރު ހޯދުމުގެ މަސައްކަތް އަހަރުމެން ފެށީމެވެ. އިސްމާއިލް ފުރަތަމަ ދިޔައީ ކުއްޅަވައްފަލެއް ހުރި ތަނަކަށެވެ. މުޅި ހިސާބުގައި އޮތީ ކިސަޑެވެ. ކިސަޑުގަނޑުގެ ތެރޭގައި ބޮއްތަކެއް އުޅުނެވެ. ސިހުރު ލާފައި ހުރީ ބޮކުގެ ބުރިކަށްޓަށެވެ. ހަޤީޤަތުގައި އަހަރެންގެ ފައިގައި ނެގީ ބިއްސެއް ނޫނެވެ. ފައިގައި ކަސްއެޅީ އެ ބޮކަށް ހަދައިފައި ހުރި ސިހުރުންނެވެ. ފަޔަށް "މިކްސްއެއް" ދޫކުރީއޭ ކިޔައިފައި ޝައިތާނުން ހެދީ ދޮގެކެވެ. އެވެރިން ބޭނުންވީ ސިހުރުގެ ވާހަކަ ސިއްރުކުރާށެވެ. ބުރިކަށި ފަޅާލުމަށް ފަހު އޭގެ ހަންގަނޑު ތެރެއަށް ހުރީ ޤުރުއާނުގެ ގަނޑުތަކެއް ނަޖިސްކޮށްފައި ލާފައެވެ. ލާފައި ހަންގަނޑު ހުރީ ފަހާފައެވެ. އެ ތަން ފެންނައިރަށް އިސްމާއިލް ރޯން ފެށިއެވެ.

"އެހެރީ ޤުރުއާނަށް ހަދާފަ ހުރި ގޮތް،" އިސްމާއިލް ރޮމުން ބުންޏެވެ. "އެ ކަހަލަ ކަންތައް ކުރަން ހެޔޮވާނެތަ؟"

ކިސަޑުގަނޑުގެ ތެރެއިން ބޮއް ހޯދުމަށް ފަހު އިސްމާއިލް އެ ސިހުރު ވެސް ބާތިލުކުރިއެވެ. އެ ކަހަލަ އެތައް ސިހުރެއް ހޯދައި ބާތިލުކުރިއެވެ. ސިހުރު ހަދާފައި އޮތް ކުކުޅުބިހެއް ވެސް ހޯދިއެވެ. ބިސް އޮތީ އެއްޗެއްގެ ތެރެއަށް ލާފައެވެ. ބިސް ކުނިވާ ވަރަކަށް ސިހުރުގެ ބާރު ގަދަވާ ގޮތަށް ހަދައިފައެވެ. ފަޅުރަށުގައި ހުރި އެއްޗެހި ނައްތައިލުމަށް ފަހު ކައިރީގައި އޮތް ރަށަށް ވެސް އިސްމާއިލް އެރިއެވެ. އެ ވަގުތު ކުއްލިއަކަށް އައި ޖިންނީންގެ ފައުޖެއް، އައި ގޮތަށް އައިސް އަހަރެންގެ ގައިތެރެއަށް ވަދެގަތެވެ. ވަދެފައި ސިހުރު ލާން މަސައްކަތް ކުރިއެވެ. އޭރު އަހަރެން ހުރީ ކިޔަވައިގެންނެވެ. ވީމާ، ސިހުރެއް ނުލެވުނެވެ. އެ ކަމާ ވަރަށް ރުޅިގަދަވިއެވެ. އަހަރެންނަށް އަނިޔާ ކުރެވޭތޯ ވެސް ބެލިއެވެ. ގައިގެ އެތެރެއިން ތަންތަނަށް ދަމައި، ވިކައި ހެދިއެވެ. އަހަރެންގެ ދޫ އޮޅައިލައިފައި އަނެއް ފުށަށް ޖަހައިލިއެވެ. ދެން އަހަންނަކަށް ވާހަކައެއް ނުދެއްކުނެވެ. ހާދީ ބުނެފައި އޮތީ ކުރުސި ކިއުމަށެވެ. އަހަރެން ކުރި ކަމަކީ އެއީއެވެ. ކުރިސި ކިޔޭ ވަރު ވަނީ މެދަކާ ހަމައަށެވެ. އެ ހިސާބުން ދުލުގައި ހިފަހައްޓައެވެ. ދެތިން ފަހަރު މަސައްކަތް ކޮށްގެން ވެސް އަހަންނަށް ކުރުސި ކިޔޭ ގޮތެއް ނުވިއެވެ.

"ނުކެރޭނެ ކުރުސި ކިޔާކަށް،" ހިނިގަނޑެއް ޖަހައިފައި ޝައިތާނަކު ބުންޏެވެ. "މިހާރު ކަލޭ ތިހިރީ އަހަރެންގެ ބާރުގެ ދަށުގަ. ހާދީ ވެސް މަރާލާނަން. ކަލެއަށް ވުރެ މާ ބާރު ގަދަ މީހަކު މަ ފޮނުވާފަ މިހިރީ. މިހާރު އެ ކަން އެނގިފަ އޮންނާނީ. ކަލެއަށް ސިހުރު ބާތިލު ކުރެވޭނީތާ. އަހަރުމެން އާކުރާނަން."

ކިތަންމެ މޮޅު ބަސް ބުންޏަސް ޝައިތާނުންނަކީ ފިނޑިބައެކެވެ. އިންސާނުންދެކެ ޖިންނިޝައިތާނުން މާ ބިރުގަނެއެވެ. ޝައިތާނުން މަސައްކަތްކަތް ކުރަނީ ބިރުގަންނަވާށެވެ. އެއީ ހާދީއަށް އާ ކުޅިވަރެއް ނޫނެވެ. ހާދީ ވަގުތުން އެ ޖިންނި ބަނެވެ. ދީނަށް ގޮވައިލިއެވެ. ބައެއް ޖިންނިން އިސްލާމްވިއެވެ. އަނެއްބައި ޖިންނިން ޖެހުނީ މަރާލާށެވެ. އެކަމަކު، ޖިންނީން އައި ވަރު މަދެއް ނުވިއެވެ. އޭރު ލަންކާ ސިހުރުވެރިޔާ، އަރިޔަސިރީ ފޮނުވައިގެން އައި ހާހެއްހާ ޖިންނި އަހަރެންގެ ހަށިގަނޑު ތެރެއަށް ވަދެއްޖެއެވެ. އެވެރިން ވަންނަނީ ޒައްރެއްގެ މިންވަރަށް ކުދިވެގެންނެވެ. އެތެރެއަށް ވަނުމާއެކު އެކުވެ، އެކަތިގަނޑަކަށް ވެއެވެ. ހީވަނީ ބޯޅައެއްހެންނެވެ.

ނުނިމޭ