ކޮންމެ ހަތް ސިކުންތަކުން 15 އަހަރުން ދަށުގެ ކުއްޖަކު ކައިވެނިކުރޭ
ކޮންމެ ހަތް ސިކުންތަކުން 15 އަހަރުން ދަށުގެ ކުއްޖަކު ކައިވެނިކުރޭ

ކޮންމެ ހަތް ސިކުންތަކުން 15 އަހަރުން ދަށުގެ އަންހެން ކުއްޖަކު ކައިވެނި ކުރާ ކަމަށް ސޭވް ދަ ޗިލްރަންގެ ރިޕޯޓެއްގައި ބުނެފި އެވެ.

ކޮންމެ ހަތް ސިކުންތަކުން 15 އަހަރުން ދަށުގެ ކުއްޖަކު ކައިވެނިކުރޭ
ކޮންމެ ހަތް ސިކުންތަކުން 15 އަހަރުން ދަށުގެ ކުއްޖަކު ކައިވެނިކުރޭ

ސޭވް ދަ ޗިލްރަން އިން ބުނީ އަފްޣާނިސްތާން، ޔަމަން، އިންޑިއާ އަދި ސޯމާލިއާ ފަދަ ގައުމުތަކުގައި އުމުރުން 10 އަހަރުގެ އަންހެން ކުދިން ވެސް އުމުރުން ދުވަސްވީ މީހުންނާ ކައިވެނި ކުރަން މަޖްބޫރު ކުރަމުންދާ ކަމަށެވެ. ސޭވް ދަ ޗިލްރަން އިން ބުނީ ޅަ އުމުރުގައި ކައިވެނި ކުރުމަކީ އަންހެން ކުދިންގެ މުޅި ދިރިއުޅުމަށް އެކަމުން ގެއްލުންވާނެ ކަމެއް ކަމަށެވެ. ޅަ އުމުރުގައި ކައިވެނި ކުރަން މަޖްބޫރު ކުރުވަނީ ހަނގުރާމަތަކާއި ފަގީރުކަން އަދި އިންސާނީ މުސީބާތަތްތަކުގެ ސަބަބުން ކަމަށް ސޭވް ދަ ޗިލްރަން އިން ބުނެފައިވެ އެވެ.

ސޭވް ދަ ޗިލްރަންގެ އިންޓަނޭޝަނަލް ސީއީއޯ ހެލޭ ތޯނިން-ޝްމިދު ވިދާޅުވީ ޅަ އުމުރުގައި ކައިވެނި ކުރުމުގެ ސަބަބުން ތައުލީމު އުނގެނުމުގެ އެންމެ އަސާސީ ހައްގުން މަހްރޫމްވެ ކުދިން ހެދި ބޮޑުވުމަށް ހުރަސް އަޅާ ކަމަށެވެ.

"ޅަ އުމުރުގައި ކައިވެނި ކުރާ ކުދިންނަށް ސްކޫލަށް ދިއުމަށް ހުރަސް އަޅާ. އަދި އެ ކުދިންނަށް ގެވެށި އަނިޔާއާ ކުރިމަތިލާން ޖެހޭ. ޅަ އުމުރުގައި މާބަނޑުވެ އަދި ޖިންސީ ގުޅުމުން ގައިން ގަޔަށް އަރާ ބަލިތަކުގެ ޝިކާރައަކަށްވޭ،" ޝްމިދު ވިދާޅުވި އެވެ.

"އެވްރީ ލާސްޓް ގާލް" ގެ ނަމުގައި ނެރެފައިވާ ރިޕޯޓުގައި ޅަ އުމުރުގެ ކުދިން ސްކޫލަށް ދިއުމާއި ޅަ އުމުރުގައި ކައިވެނި ކުރުމާއި ޅަ އުމުރުގައި މާބަނޑުވުމާއި ވިހެއުމުގެ ތެރޭގައި ކުދިން މަރުވުމާ އަދި ޕާލަމެންޓުގައި އަންހެނުން ތިބި އަދަދަށް ބަލައިގެން ގައުމުތައް ވަނީ ރޭންކުކޮށްފަ އެވެ. ލިސްޓުގެ އެންމެ ފުލުގައި ހިމެނެނީ ޗާޑު، ނައިޖާ، ސެންޓްރަލް އެފްރިކަން ރިޕަބްލިކް، މާލީ އަދި ސޯމާލިއާ އެވެ.

މިއަދު ފާހަގަކުރާ އިންޓަނޭޝަނަލް ޑޭ އޮފް ގާލްއާ ދިމާކޮށް ސޭވް ދަ ޗިލްރަން އިން ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ރެފިއުޖީންގެ ގޮތުގައި ދިރިއުޅެން ޖެހިފައިވާ މީހުންނަށް ވެސް ޅަ އުމުރުގައި އެ މީހުންގެ އަންހެން ދަރިން ކައިވެނިކުރަން މަޖްބޫރުވެފައި ވަނީ އާއިލާގެ ރައްކާތެރިކަމާއި ފަގީރުކަމުން ސަލާމަތްވުމަށް ކަމަށެވެ. މިސާލެއްގެ ގޮތުން ސޭވް ދަ ޗިލްރަން އިން ނަގާފައި ވަނީ ލުބުނާނުގައި ދިރިއުޅެން ޖެހިފައިވާ ސީރިއާގެ 13 އަހަރުގެ ސަހާރު (އަސްލު ނަމެއް ނޫން) އެވެ. އޭނާ ކައިވެނިކުރީ 20 އަހަރުގެ މީހަކާ އެވެ. ސަހާރުގެ އުމުރުން 14 އަހަރުވީ އިރު އޭނާ ބަލިވެ އިންތާ ދެ މަހެވެ.

އދ.ގެ ކުޑަ ކުދިންނާ ބެހޭ އެޖެންސީ ޔުނިސެފުން ބުނީ ޅަ އުމުރުގައި ކައިވެނިކޮށްފައިވާ އަންހެން ކުދިންގެ އަދަދު 700 އަށް އަރާ ކަމަށެވެ. އަދި މި އަދަދު 2030 ވަނަ އަހަރު 950 މިލިއަނަށް އަރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.