އޭސީސީ އަށް ހުށަހަޅާ މައްސަލަތައް އެސްއެމްއެސްއަކުން ބެލޭނެ ގޮތް ހަދައިފި
އޭސީސީ އަށް ހުށަހަޅާ މައްސަލަތައް އެސްއެމްއެސްއަކުން ބެލޭނެ ގޮތް ހަދައިފި

އެންޓި ކޮރަޕްޝަން ކޮމިޝަަން (އޭސީސީ) އަށް ހުށަހަޅާ މައްސަލަތައް ކުރިއަށް ގޮސްފައިވާ ހިސާބު އެސްއެމްއެސްއަކުން ބެލޭނެ ގޮތް މިއަދު ތައާރަފްކޮށްފި އެވެ.

އޭސީސީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަން ތައާރަފްކޮށްދެއްވީ އެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ އެވެ.

އޭސީސީން ބުނީ މައްސަލައެއް ހުށަހެޅުމާއެކު އެތަނުން މައްސަލަ ރަޖިސްޓްރީ ކުރާނެ ކަމަށާއި އެ މައުލޫމާތު، ރަޖިސްޓްރީ ނަމްބަރާއެކު މައްސަލަ ހުށަހެޅި މީހާ އަށް އެސްއެމްއެމްއަކުން އަންގާނެ ކަމަށެވެ.

މައްސަލަ ކުރިއަށް ދާގޮތް އޮޓޮމެޓިކުން ބެލުމަށް ސަބްސްކްރައިބް ކުރަން ޖެހޭނެ އެވެ. އެކަމަކު ސަބްސްކްރައިބް ނުކޮށް އެ ކޮމިޝަނަށް އެސްއެމްއެސްއެއް ކޮށްގެން ވެސް މައްސަލަ ގޮސްފައިވާ ހިސާބު ބެލެ އެވެ.

އޮޓޮމެޓިކުން މައްސަލައިގެ އަޕްޑޭޓް ހޯދަން ސަބްސްކްރައިބް ކުރުމަށް އިނގިރޭސި ބަހުން އެސްޔޫބީ ޖަހައި، މައްސަލައިގެ ރަޖިސްޓްރީ ނަމްބަރާއި އައިޑީ ކާޑު ނަމްބަރު ޖެހުމަށް ފަހު ފޮނުވާނީ 1418 އަށެވެ. އަދި މައްސަލަ ކުރިއަށް ގޮސްފައިވާ ހިސާބު އަމިއްލައަށް އެމްއެސްކޮށްގެން ހޯދުމަށް، އެސްޓީއެސް ޖަހައި، ރަޖިސްޓްރީ ނަމްބަރާއި އައިޑީ ކާޑު ނަމްބަރު ޖެހުމަށް ފަހު ފޮނުވާނީ 1418 އަށެވެ.

މި ހިދުމަތް ހޯދާނެ ގޮތް ހަނދާން ނެތިއްޖެ ނަމަ އިނގިރޭސި ބަހުން "ހެލްޕް" ޖެހުމަށް ފަހު ފޮނުވާނީ 1418 އަށެވެ.

އޭސީސީން ބުނީ މައްސަލައެއް ހުށަހެޅުމުން އެ މައްސަލައަށް ވަކި ރަޖިސްޓްރީ ނަމްބަރެއް ދީ، އެ މައްސަލަ ކޮމިޝަނުން ބަލާނެ ކަން ނުވަތަ ނޫންކަން އަދި، ތަހުގީގު ރިޕޯޓު ފައިނަލް ކުރާނެ ދުވަހާއި ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެކަން މައްސަލަ ހުށަހެޅި ފަރާތަށް އެސްއެމްއެސްއަކުން އަންގާނެ ކަމަށެވެ.

ރަސްމިއްޔާތުގައި ލުތުފީ ވިދާޅުވީ މި ނިޒާމުގެ ސަބަބުން މުއައްޒަފުންގެ މަސައްކަތް ވެސް ވަރަށް ބޮޑަށް ލުއިވެ، އަވަސް ވެގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ހުށަހަޅާ މައްސަލަ ކުރިއަށް ދާގޮތް ބެލުމަށް މީގެ ކުރިން ޖެހެނީ އެ ކޮމިޝަނަށް ގުޅައިގެން ސާފުކުރަން ކަމަށާއި އެކަމަކު އެސްއެމްއެސް މެދުވެރިކޮށް އެކަން ބެލޭނެ ގޮތް ފަހިވުމަކީ އާއްމުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ. އަދި އެއީ ހުށަހަޅާ މައްސަލަތައް ވެސް އަވަހަށް ނިންމޭނެ ކަމެއް ކަން ލުތުފީ ފާހަގަކުރެއްވި އެވެ.