12 އޮކްޓޯބަރ 2016 - 06:38

އިންޑިއާގައި ހަތަރު އަހަރުގެ ކުއްޖެއްގެ ކަންފަތުން ނުބައި ވަސް ދުވާތީ އާއި ކަންފަތުގެ އެތެރެ ހަޑިވެފައި ވަނިކޮށް މެއްސެއް ވަނުމުން އެ ނަގައި ސާފުކުރަން އުޅެނިކޮށް ކަންފަތުން 80 ފަނި ފެނިއްޖެ އެވެ.

ފަނިތައް ފެނުނީ އިންޑިއާގެ މެދުތެރޭ މަދްޔަ ޕްރަދޭޝްގެ ދާރް ކިޔާ ކުޑަކުޑަ އަވަށެއްގައި ދިރިއުޅޭ ރާދިކާ މަންޑްލޯއި ކިޔާ ކުއްޖެއްގެ ކަންފަތުންނެވެ. މީގެ ހަފުތާއެއްހާ ދުވަސް ކުރިން ކުއްލިއަކަށް އެ ކުއްޖާގެ ކަންފަތުގައި ރިއްސާ ހިރުވާތީ އުޅެން ފެށި އެވެ.

އޭނާގެ މައިންބަފައިން ފުރަތަމަ ހީކުރީ ކުއްޖާ ކުޑަކުޑަ ކަމަކާ މާ ބޮޑަށް ރޮނީ ކަމަށެވެ. ނަމަވެސް ރާދިކާ އެއްގޮތަކަށް ރުއިން ހުއްޓާނުލުމުން ހޮސްޕިޓަލަށް ގެންދިޔައީ އެވެ.
ރާދިކާގެ ކަންފަތް ފެނިފައި ޑޮކްޓަރަށް ލިބުނީ ޝޮކެކެވެ. ކަންފަތުގައި ހުރީ ޖެނަސް ކްރިސޯމާޔާ (މާބުރުމެހި) ބިސް އަޅައިފަ އެވެ.
ޑޮކްޓަރު ވިދާޅުވި ގޮތުގައި ކުއްޖާގެ ކަންފަތް ތެރޭގައި 80 ވަރަކަށް ބިސް އޮތެވެ. މި ވައްތަރުގެ މެއްސަކީ ނުބައި ވަހަށް އަންނަ އެއްޗެއް ކަމަށާއި އަދި މުޑުދާރު ތަންތަނުގައި މި މެހި އުޅޭނެކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. ޚާއްސަކޮށް ކަންފަތާއި ނޭފަތް ނުތާހިރު ނަމަ މިފަދަ މެހި ވަދެ ބިސް އަޅާކަން އޭނާ ފާހަގަކުރެއްވި އެވެ.
"މީގެ ކުރިން ވެސް މިކަހަލަ ކޭސްތައް ފެނިފައި އެބަހުރި. ނަމަވެސް ކުރީ ފަހަރުތަކުގައި ފެނިފައިވަނީ މެހި ވަދެ ދެތިން ބިހެއް އަޅާފައި ވަނިކޮށް. މިހާ ގިނަ ބިސް އަޅާފައި ހުއްޓަކާ އަދި ނުދެކެން،" ޑޮކްޓަރު ވިދާޅުވި އެވެ.
މި މެއްސާއި ބިސްތައް ކުއްޖާގެ ކަންފަތުން ނަގާ ސާފުކުރެވުނީ ދެ ފަހަރެއްގެ މަތިންނެވެ. ކޮންމެ ފަހަރަކު 90 ވަރަކަށް މިނިޓް ޑޮކްޓަރު އެ އެއްޗެތި ނަގަން މަސައްކަތް ކުރެއްވި އެވެ.
ޑރ. މުންދްރާ ވިދާޅުވީ ފަނިތައް ކަންފަތުގެ ކަށިތަކަށް ބޮޑެތި ގެއްލުންތައް ދިނުން އެކަށީގެންވާ ކަމަށެވެ. އެހެންވެ އެ އެއްޗެތި މާ ބޮޑަށް ހަރަކާތްކުރިޔަ ނުދީ ވަރަށް ފަރުވާތެރިކަމާ އެކު މަޑުމަޑުން ނެގުން ވަރަށް މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ. ފުރަތަމަ ބުރުގައި ނެގުނީ 70 ފަންޏެވެ. އަދި ދެ ވަނަ ބުރުގައި 10 ފަނި ނަގައި ކަންފަތް ސާފުކުރީ އެވެ.
ފަހުން ޗެކްކުރިއިރު ކަންފަތް މުޅިން ސާފު ކަމަށާއި ނަމަވެސް ފަނިތައް ކަންފަތުގެ އެތެރެއަށް ކޮންމެވެސް ވަރަކަށް ގެއްލުން ދީފައިވާ ކަމަށް ޑރ. މުންދުރާ ވިދާޅުވި އެވެ.
ކުއްޖާގެ ކަންފަތުގައި ރިއްސާތީ އުޅޭތާ ވީ އެންމެ ހަފުތާއެއް ކަމަށް މައިންބަފައިން ބުންޏަސް ކުއްޖާގެ ކަންފަތުގައި ހުރި ފަނިތަކަށް ބަލާފައި އެ އެއްޗެހި ކަންފަތުގައި ހުންނަތާ ހަފުތާއަކަށް ވުރެ މާ ގިނަ ދުވަސް ވެދާނެކަމަށް ޑޮކްޓަރު ލަފާކުރައްވަ އެވެ.
ރާދިކާ އަދިވެސް އޮތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ. އަދި މަދުވެގެން ހަފުތާއެއްހާ ދުވަހު އޭނާ ހޮސްޕިޓަލުގައި ބާއްވާނެ އެވެ.
ޑރ. މުންދުރާ ވިދާޅުވި ގޮތުގައި އެމްއާރުއައި ރިޕޯޓަށް ބެލުމުން، ކުއްޖާގެ ސިކުނޑިއަށް ފަނި ވަދެފައި ނުވާކަން ޔަގީންވާ ކަމަށެވެ. ނަމަވެސް ފަރުވާ ނުދެވި އިތުރަށް ހަފުތާއެއްވަރު ވީ ނަމަވެސް ފަނިތައް ސިކުނޑިއަށް ވަންނާނެކަމަށާއި އޭރުން ފުރާނައަށް ނުރައްކާވާ ފަދަ ހާލަތަކަށް ކުއްޖާ ހިނގައިދާނެ ކަމަށެވެ.
"ސިކުނޑި އާއި ކަންފަތާ ދޭތެރޭގައި ހުންނަނީ ކަރުދާސްފަށެއްގެ ބޯމިނުގެ ކަށި. އެހެންވެ ފަންޏަށް ވަރަށް ފަސޭހައިން މި ކަށިކޮޅު ފޫއަޅުވާލާފައި ވަދެވޭނެ. އަދި އިންސާނެއްގެ ސިކުނޑިއަށް މި ފަނި ވަދެއްޖެނަމަ ސިކުނޑި ކާލާނެ،" ޑޮކްޓަރު ވިދާޅުވި އެވެ.
ކަންފަތުގެ އެއްވެސް އިންފެކްޝަނެއް އަޅާ ނުލާ ދޫކޮށް ނުލުމަށް ވެސް ޑޮކްޓަރު އިންޒާރު ދެއްވި އެވެ.
"ކަންފަތުން ފެން، ދޮސް ފަދަ އެއްވެސް އެއްޗެއް އަންނަ ނަމަ އަޅާ ނުލާ ހުރެގެން ނުވާނެ. ވަރަށް ފަސޭހައިން މެހި ބިސް އަޅާ ފަނިތައް އިތުރުވާނެ،" އޭނާ ވިދާޅުވި އެވެ.
ޑޮކްޓަރު ވިދާޅުވި ގޮތުގައި ނޭފަތާއި ކަންފަތަކީ ސިކުނޑިއާ ވަރަށް ކައިރީގައިވާ ތަންތަނަށް ވާތީ އެ ތަންތަނުގެ ސާފުތާހިރުކަމަށް ވަރަށް ސަމާލުކަން ދޭން ޖެހޭނެ އެވެ.
ކުއްޖާގެ އާއިލާ ދިރިއުޅެނީ ވަރަށް ހަޑިމުޑުދާރުކަންމަތީގައި ކަމަށް ގަބޫލު ކުރެވޭ ކަމަށާއި ކުއްޖާއަށް މިފަދަ ހާލަތެއް މި ދިމާވިޔަސް ސާފުތާހިރުކަން ނެތުމުންކަން އޭނާ ފާހަގަކުރެއްވި އެވެ.