ކަރަން ޖޯހަރާއި ކާޖޮލްގެ ގުޅުން މިހާރު ކުޑަ: އަޖޭ
ކަރަން ޖޯހަރާއި ކާޖޮލްގެ ގުޅުން މިހާރު ކުޑަ: އަޖޭ

މަޝްހޫރު ފިލްމީ ބަތަލާ ކާޖޮލް އާއި ފިލްމު ޑައިރެކްޓަރު ކަރަން ޖޯހަރްގެ ގުޅުން މިހާރު ވަނީ ވަރަށް ބޮޑަށް ހީނަރުވެފައި ކަމަށް ކާޖޮލްގެ ފިރިމީހާ އަދި އެކްޓަރު އަޖޭ ދޭވްގަން ބުނެފި އެވެ.

ކާޖޮލް އާއި ކަރަން އަކީ އެއް އިރެއްގައި ވަރަށް ގާތް ދެ އެކުވެރިންނެވެ. ނަމަވެސް ޒާތީ ބައެއް މައްސަލަތަކާހުރެ ދެމީހުންގެ ގުޅުމަށް ބުރޫ އެރީ ކަމަށް އަޖޭ ބުންޏެވެ.

ކަރަން އަބަދުވެސް ކާޖޮލް އަކީ އޭނާގެ ނަސީބާ ގުޅިފައިވާ ބަތަލާއެއް ކަމަށް ދެކެ އެވެ. އަދި ކަރަން ޑައިރެކްޓްކުރާ ފިލްމުތަކުގައި އެންމެ މަންޒަރެއްގައި ނަމަވެސް ކާޖޮލް ދައްކާލުމަކީ ކަރަން އަބަދުވެސް ކުރާ ކަމެކެވެ. އޭނާގެ ފިލްމު ރަނގަޅަށް ހިނގާނީ އެ ފިލްމެއްގައި ކާޖޮލް ފެނިގެން ކަމަށް ކަރަން ގަބޫލުކުރަނީ އެވެ.

އަޖޭ އާއި ކަރަން މިހާރު ދަނީ ބޮކްސް އޮފީހުގައި ވަރުގަދަ ހަނގުރާމައަކަށް ތައްޔާރުވަމުންނެވެ. އަޖޭ އެކްޓްކޮށް ޑައިރެކްޓްކޮށްފައިވާ "ޝިވާއޭ" އާއި ކަރަންގެ "އޭ ދިލް ހެ މުޝްކިލް" ރިލީޒްކުރާނީ އެއް ދުވަހަކު އެވެ.

އަޖޭ ބުނި ގޮތުގައި އެއް އިރެއްގައި ވެސް އޭނާ އާއި ކަރަން ގެ އެކުވެރިކަމެއް ނޯވެ އެވެ. އަދި ކުރިން ކާޖޮލް އާއި ކަރަންއަކީ ގާތް ދެ އެކުވެރިން ނަމަވެސް މިހާރު އެ އެކުވެރިކަން ވެސް މަޑުމަޑުން ދަނީ ނެތެމުންނެވެ.

އެއީ އެއްގޮތަކަށް ވެސް އޭނާ އާއި ކަރަންގެ ފިލްމު އެއް ދުވަހު ރިލީޒްކުރާތީ ދިމާވެގެން އުޅޭ މައްސަލައެއް ނޫންކަމަށާއި ޕްރޮފެޝަނަލް މައްސަލައަކަށް ވުރެ ބޮޑަށް އެ ދެ މީހުންގެ ގުޅުން ގޯސްވާން ދިމާވީ އަމިއްލަ މައްސަލަތަކަކާ ހުރެ ކަމަށް ވެސް އަޖޭ ބުންޏެވެ.

ނަމަވެސް ކަރަން އާއި ކާޖޮލްގެ މެދުގައި ޖެހުނީ ކޮން މައްސަލަތަކެއް ކަން ކިޔައިދޭން އަޖޭ ބޭނުމެއް ނޫނެވެ.