11 އޮކްޓޯބަރ 2016 - 12:27

އޭވީސީ ސެންޓްރަލް ޒޯން ވިމެންސް ވޮލީބޯޅަ މުބާރާތް ރާއްޖޭގައި ބޭއްވުމަށް ވޮލީބޯޅަ އެސޯސިއޭޝަނުން މަސައްކަތް ފަށައިފި އެވެ.
ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ކުރިއަށްގެންދާ މި މުބާރާތް ބާއްވަން ކުރިން ނިންމާފައި އޮތީ ބަންގްލަދޭޝްގަ އެވެ. އެކަމަކު އެ ގައުމަށް ބޭއްވެން ނެތުމުން އެހެން ގައުމުތަކަށް ވަނީ އެ ފުރުސަތު ހުޅުވާލަފަ އެވެ.
މުބާރާތް ބާއްވަން މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ނޭޕާލުގެ އިތުރުން އިންޑިއާ އިންނެވެ.
ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ ރާއްޖޭން ވެސް އެ މުބާރާތް ބާއްވަން ބޭނުންވާ ކަމަށާއި އެކަމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"ބަންގްލަދޭޝް އިން ވަނީ އަންގާފައި އެ ގައުމަށް ބޭއްވެން ނެތް ކަމަށް. އެހެންކަމުން އަޅުގަނޑުމެން މަސައްކަތްކުރަމުން މި އަންނަނީ ރާއްޖޭގައި ބޭއްވޭތޯ. އެކަމަށް ވަރަށް ބޮޑަށް މަސައްކަތް އެބަކުރަން،" ވޮލީބޯޅަ އެސޯސިއޭޝަނާ ދާދި ފަހުން ހަވާލުވި ލަތީފް ވިދާޅުވި އެވެ.
އޭޝިއަން ސީނިއާ މެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕް އޮންނާނީ ބަންގްލަދޭޝްގައި ޑިސެމްބަރު 22-30 އަށެވެ. އެ މުބާރާތަށް ތައްޔާރުވުމަށް ވޮލީބޯޅަ ކަލަންޑަރަށް ބަދަލު ގެނެސްފައިވާއިރު މުބާރާތުގެ ކުރިން ގައުމީ ޓީމު ރާއްޖޭން ބޭރުގައި ކޭމްޕްކުރާނެ އެވެ.