02 ނޮވެމްބަރ 2016 - 06:29

އަލަތު ކައިވެނީގައި 50 އަހަރު ހޭދަކުރެވޭނީ ވަރަށް މަދު ބަޔަކަށެވެ. އަދި އަލަތު ކައިވެނި ކުރި ދުވަހު އެޅި ކައިވެނީގެ ހެދުން އޭގެ 50 އަހަރު ފަހުން ހެޔޮވަރުވާނީ އެއަށް ވުރެ ވެސް މަދު ބަޔަކަށެވެ. މިޒަމާނުގައި ގިނަ މީހުންނަށް 10 ވަރަކަށް އަހަރު ކުރިން ލީ ހެދުމެއް ވެސް ހެޔޮވަރު ވިޔަސް އެއީ ނަސީބެކެވެ.

އިނގިރޭސި ވިލާތުގެ ދެމަފިރިން ކަމަށްވާ ކެރޯލް-އޭން އާއި ޖިމް ސްޓެންފީލްޑްގެ ކައިވެންޏަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ތައްޔާރުވަމުން ދިޔައިރު އެމީހުންގެ އާ ކައިވެނީގެ ހެދުން ލެވޭތޯ ބަލަން ޚިޔާލުދިނީ މާމަދަރިފުޅު ހޭލީ އެވެ.
މިހާރު އުމުރުން 71 އަހަރު ވެފައިވާ ޖިމް ބުނީ ކާފަ ދަރިފުޅު ހޭލީ އާއިލާގެ ފޮޓޯ އަލްބަމްތައް ހޯދަން ގުދަނެއް ހާވަނިކޮށް، ކައިވެނިކުރި ދުވަހު އަންހެނުން އެޅި ހެދުން ފެނުނީ ކަމަށެވެ. ފަންސާސް އަހަރުވަންދެން އެހެން އޮތުމުގެ ސަބަބުން ހެދުމަށް އޮތީ ވަރަށް ހިރަފުސް ވެސް އަރާފަ އެވެ. އަދި އެ ހެދުން ހެޔޮވަރުތޯ ބަލަން މާމަދަރިފުޅު މާ ގިނައިން ކިޔާވަރުން ކެރޯލް-އޭން އެ ހެދުން ލީއިރު ވަރަށް ހެޔޮވަރެވެ.
މި ދެމަފިރިން 1966 ވަނަ އަހަރު ކައިވެނިކޮށްގެން ހަނީމޫނަށް ދިޔައީ މޯލްޓާ އަށެވެ. މިފަހަރު 50 ވަނަ އެނިވާސަރީ ފާހަގަކުރަން ދާން ގަސްދުކުރަނީ ތުރުކީ އަށެވެ.
މި ދެ މީހުން ފުރަތަމަ ބަދަލުވީ 1962 ވަނަ އަހަރު މެންސް ކްލަބަކުންނެވެ. ޖިމް އަކީ އޭރު އެތަނުގެ މުވައްޒަފެކެވެ. އޭރު ގުޅުނު ގޮތަށް މިއަދާ ހަމައަށް ވެސް ދެމީހުން ތިބީ އެކުގަ އެވެ.
އެހާ ދިގު މުއްދަތަކަށް އުފާވެރި ކައިވެންޏެއްގައި ދެމި ތިބެވުމުގެ ސިއްރަކީ ކޮބައި ހެއްޔެވެ؟
"ވަރަށް ގިނައިން ހުނުން،" ކެރޯލް-އޭން ބުންޏެވެ.
އޭނާ ބުނި ގޮތުގައި ފިރިމީހާ ޖިމް އަށް އޭނާގެ އިސްތަށިގަނޑު ވަރަށް ކަމުދެ އެވެ. އެގޮތަށް އޭނާއަށް ޖިމްގެ ސަކަ މިޒާޖު ވަރަށް ކަމުދެ އެވެ.
"ޖިމް އަކީ ހަމަ ފައްކާ ކޮމޭޑިއަން އެއް. އަބަދުވެސް އަހަންނަށް ހެވޭ ކަހަލަ ކަންތައްތައް ކުރާނީ. އަހަންނަށް ހީވަނީ އެއީހެން އަހަރެމެންގެ ކައިވެނި ބާއްޖަވެރިވުމުގެ ސިއްރަކީ،" ކެރޯލް-އޭން ބުންޏެވެ.
އޭނަ ބުނި ގޮތުގައި އެދެމީހުން ޝައުގުވެރިވާ ކަންތައްތަކާއި ހޮބީތައް ވެސް ވަރަށް ތަފާތެވެ. ނަމަވެސް އެކުގައި ހީނ މަޖާކުރާތީ އެމީހުންގެ ގުޅުން ބަދަހިވެގެން ދިޔައީ އެވެ.