މޫނު ރީތިކުރަން ނުކުރާކަށް ކަމެއް ނެތް
މޫނު ރީތިކުރަން ނުކުރާކަށް ކަމެއް ނެތް

ހަންގަނޑު ރީތިކުރުމަށް ވަރަށް އާދަޔާ ހިލާފު ކަންތައް ކުރެ އެވެ. އެކި ފާޑުގެ ޖަނަވާރުގެ ނަޖިހަކީ ވެސް މިގޮތުން ބައެއް ގައުމުތަކުގައި ބޭނުންކުރާ އެއްޗިއްސެވެ. ކުޅި މިރުސް ވެސް އުނގުޅަ އެވެ.

ޔޫރަޕުގައި މިހާރު ފެށިގެން އުޅޭ ކަމަކީ ކުޑަކަމުދާ ނަޖިސް މޫނުގައި އުނގުޅުމެވެ. މި އުނގުޅުމުން ހަންގަނޑު ސާފުވެފައި ރީތިވާކަމަށް މި ބޭނުންކުރާ މީހުން ބުންޏަސް މީގެ ހަގީގަތެއް ނޭނގެ އެވެ.

ޔޫރޯތެރަޕީ ނުވަތަ "ޕީ ފޭޝަލް" އަކީ ގޭގައި އެމީހުން ހޯދާ ފަރުވާ އެކެވެ. މި ފަރުވާގައި ހެނދުނު އެންމެ ފުރަތަމަ ކުޑަކަމުދާ ނަޖިސް ކަފަކޮޅަކުން ނުވަތަ ފޮތިކޮޅަކުން މޫނުގައި އުނގުޅުމަށް ފަހު ހިކުނީމާ ފެނުން ދޮންނަނީ އެވެ.

މި މުޑުދާރު ކަންތައް ކުރާ މީހުން ބުނަނީ ހަންގަނޑު ސާފުވެ ކުލަ އަލިވެ އަދި ހަމުގެ ވާންކަން ވެސް އިތުރުވާ ކަމަށެވެ. އަދި މިއީ ސޮރަޔަސިސް އާއި އެގްޒީމާ އަދި އޮށާޅަ ނެގުން ފަދަ ހަމުގެ ބަލިތަކަށް ވެސް ރަނގަޅު އެއްޗެއް ކަމަށް މި މީހުން ބުނެ އެވެ. އަދި ކުޑަކަމުދާ އެއްޗެހީގައި ހުންނަ ޔޫރިއާ އާއި ޔޫރިކް އެސިޑުން ހަމުގައި ހުންނަ، މަރުވެފައިވާ ސެލްތައް ނެއްޓި ހަންގަނޑު ސާފުކޮށްދޭ ކަމަށް ބުނެ އެވެ.

ނަމަވެސް ސިއްހީ މާހިރުން މި ފަރުވާ އާ މުޅިން ދެކޮޅެވެ. އެބޭފުޅުން ވިދާޅުވަނީ މިހާތަނަށް މިފަރުވާ ހޯދިކަމަށް ބުނާ އެއްވެސް މީހަކަށް މިކަމުން ރަނގަޅު ނަތީޖާއެއް ފެނިފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ.
މި ފަރުވާ ހޯދި ކަމަށް ބުނާ މީހަކު ސޯޝަލް މީޑިއާގައި ބުނެފައި ވަނީ ހަންގަނޑު ހިރުވައި ނެޕީ ރޭޝް ކަހަލަ ބިހިތަކެއް ނެގުން ފިޔަވައި މިކަމުން އެއްވެސް ކަމެއް ނުވި ކަމަށެވެ.

ނިއު ޔޯކްގެ ޑާމަޓޮލޮޖިކް ސާޖަންއެއް ކަމަށްވާ ޑރ. ސޭޖަލް ޝާހް ވަނީ މިއީ އެއްގޮތަކަށް ވެސް ކުރަން ހެޔޮވާވަރުކަމެއް ނޫންކަމަށް ބުނެ އިންޒާރު ދެއްވާފަ އެވެ. އޭނާ ވިދާޅުވީ ކުޑަކަމުދާ އެއްޗެތިން އެލާޖިކް ރިއެކްޝަނެއް ދިމާވެދާނެ ކަމަށާއި މިއީ އަޖުމަ ބަލާލަން ވެސް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަމަށެވެ.

"ކުޑަކަމުދާ އެއްޗެހީގައި މައިގަނޑުގޮތެއްގައި ހުންނަނީ ފެން. ޔޫރިއާ ވެސް ހުންނާނީ އެންމެ ފަސް ޕަސެންޓް. ޔޫރިއާ އެކުލެވޭ ސްކިން ކެއާ ޕްރޮޑަކްޓްތަކުގައި 10 ވަރަކަށް ޕަސެންޓް ނުވަތަ އެއަށް ވުރެ ވެސް މައްޗަށް ޔޫރިއާ ހުންނާނެ،" ޑޮކްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސައިފަތް، އެޕަލް-ސިޑާ ވިނެގަ އަދި ޓީ ޓްރީ އޮއިލް އަކީ ހުރިހާ ގޮތަކުން ވެސް މާ ފައިދާހުރި އަދި ބަދަލުގައި ބޭނުންކުރުން މާ ރަނގަޅު އެއްޗެހި ކަމަށެވެ.

ޔަގީންވާ ކަމަކީ ކުޑަކަމުދާ އެއްޗެހި އުނގުޅުމުން ގެއްލުމެއް ނުލިބުނު ކަމުގައި ވިޔަސް ވަސް މީރު ނުވާނެ ކަމެވެ.