އައިޖީއެމްއެޗުގައި ކެންސަރުގެ ފަރުވާ މި އަހަރު ފަށާނެ: ރައީސް
އައިޖީއެމްއެޗުގައި ކެންސަރުގެ ފަރުވާ މި އަހަރު ފަށާނެ: ރައީސް

ކެންސަރު ބައްޔަށް ފަރުވާދޭ ޑިޕާޓްމަންޓެއް އައިޖީއެމްއެޗްގައި ދޮޅުމަސް ދުވަހެއްހާ ދުވަހުގެ ތެރޭގައި ގާއިމު ކުރެވޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ މަޝްރޫއު އިފުތިތާހު ކުރަން އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ރާއްޖޭގައި މިހާރު އެންމެ ބޮޑީ ކެންސަރު ބަލި ކަމަށެވެ. އަދި އެ ބައްޔަށް ފަރުވާ ކުރުމަށް ޓަކައި ދިވެހިން ރާއްޖޭން ބޭރުގައި ބޮޑެތި ހަރަދުތައް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މި އަހަރުގެ ބާކީ މިއޮތް ދޮޅުމަހެއްގެ ތެރޭގައި ކެންސަރު ޓެސްޓު ކުރުމާއި ކެންސަރަށް ފަރުވާ ދިނުމުގެ ނިޒާމް ނޫނީ ޑިޕާޓްމަންޓެއް އައިޖީއެމްއެޗްގައި އުފެދިގެންދާނެ. މިއީ ހަމަގައިމު ވެސް އަޅުގަނޑުމެން ހިޔާލު ފޯރާފައި ހުރި ކަންކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ. "މިކަންކަމަކީ ހަމަ ގަދަ ވޭނުގައި ރާއްޖޭން ބޭރުގައި އާއިލާތައް ގޮވައިގެން ނޫނިއްޔާ ގެންދެވުނު މީހަކު ގޮވައިގެން ގޮސް ދިގުލައިގެންދާ ފަރުވާ ބޭނުންވާ ކަންކަން. ކާކަށްތޯ މިކަހަލަ ފަރުވާ ކުރަން ފަސޭހަ ވާނީ."

ކެންސަރު ބައްޔަށް ފަރުވާދޭނެ ޑިޕާޓްމަންޓެއް އައިޖީއެމްއެޗްގައި ގާއިމު ކުރަން ނިންމާފައިވާ އިރު މި އަހަރުގެ ކުރީކޮޅު ސަރުކާރުގެ އެ ހޮސްޕިޓަލްގައި ކެންސަރު ބައްޔަށް ފަރުވާދޭ ކީމޯތެރަފީ ސުއިޓެއް ވެސް ވަނީ ހުޅުވައިފަ އެވެ.