ހަތް ސިކުންތުގެ ލަނޑާ އެކު ބެންޓެކޭ އަށް ރެކޯޑެއް
ހަތް ސިކުންތުގެ ލަނޑާ އެކު ބެންޓެކޭ އަށް ރެކޯޑެއް

ބްރަސެލްސް (އޮކްޓޯބަރު 11) - ޖިބްރޯލްޓާ ކޮޅަށް ރޭ ބެލްޖިއަމްގެ ކްރިސްޓިއަން ބެންޓެކޭ މެޗުގެ ހަތް ވަނަ ސިކުންތުގައި ޖެހި ލަނޑާ އެކު ވޯލްޑް ކަޕް ކޮލިފައިންގައި އެންމެ އަވަހަށް ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް އޭނާ އަށް ލިބިއްޖެ އެވެ.

ބެލްޖިއަމް 6-0 އިން މޮޅުވި މި މެޗުގައި ބެންޓެކޭ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އޭނާ ފުރަތަމަ ލަނޑު ޖެހީ ޖިބްރޯލްޓާ ކުޅުންތެރިން މެޗު ފެށުމަށް ފަހު ފަހަތަށް ޖެއްސި ބޯޅައެއް ހޯދައިގެން ކުރިއަށް އަރައި ގޯލުގެ ކަނަށް ބޯޅަ ވައްދާލައިގެންނެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި އެންމެ އަވަސް ލަނޑު ޖެހުމުގެ ރެކޯޑް މީގެ ކުރިން އޮތީ 1993 ވަނަ އަހަރު އިންގްލެންޑް ކޮޅަށް 8.3 ވަނަ ސިކުންތުގައި ލަނޑު ޖެހި ސެން މަރީނޯގެ ޑޭވިޑް ގުއަލްޓިއޭރީގެ އަތުގަ އެވެ. ފުޓްބޯޅަ މެޗެއްގައި މިހާތަނަށް ފެނުނު އެންމެ އަވަސް ލަނޑަކީ، 2010 ވަނަ އަހަރު ސައޫދީ އަރަބިއްޔާ ލީގުގައި ނަވާފް އަލް އަބްދު، މެޗުގެ ދެ ވަނަ ސިކުންތުގައި ޖެހި ގޯލެވެ.

ރޭގެ މެޗުގައި ބެލްޖިއަމްގެ އަނެއް ތިން ލަނޑު ޖެހީ ޑްރިއެސް މާޓިންސް އާއި އެޑިން ހަޒާޑް އަދި އެކްސްލް ވިސެލް އެވެ. މި މޮޅާ އެކު ބެލްޖިއަމް އޮތީ ނުވަ ޕޮއިންޓާ އެކު ގްރޫޕް އެޗް ގެ އެއް ވަނައިގަ އެވެ. ގްރީސް ވެސް ނުވަ ޕޮއިންޓް ހޯދާފައިވާއިރު ލަނޑުގެ ތަފާތުން އޮތީ ދެ ވަނައިގަ އެވެ.