11 އޮކްޓޯބަރ 2016 - 01:28

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ޓީމް ބަލި ކުރެވޭނެ ބައެއް ނެތް ކަމަށާއި އެ މަނިކުފާނަަށް ފުވައްމުލަކުން ރަން ވަނައެއް ލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކު ފެނާއި ނަރުދަމާ ނިޒާމު އިފުތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި މަސީހް ވިދާޅުވީ ރައީސް ޔާމީންގެ ރިޔާސީ ޓީމް ވަރުގެ ވަރުގަދަ ޓީމެއް މި ވަގުތު ރާއްޖޭގައި ނެތް ކަމަށެވެ.

"ރައީސުލްޖުމްހުރިއްޔާގެ ރިޔާސީ ޓީމަކީ ދިވެހި ރާއްޖޭގައި މި ވަގުތު އޮތް އެންމެ ވަރުގަދަ ރިޔާސީ ޓީމް. މި ޓީމް ބަލިކޮށްލެވޭނެ އެއްވެސް އެހެން ޓީމެއް މި ރާއްޖެއަކު މިއަދަކު ނުނެރެވޭނެ،" ފުވައްމުލަކު މެދު ދާއިރާގެ ގޮނޑި ވެސް ފުރުއްވަމުން ގެންދަވާ މަސީހް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި "2018 ގައި އޮންނަ ފައިނަލް މެޗް" ގައި ވަރަށް ބޮޑު ތަފާތަކުން ރައީސް ޔާމީންގެ ޓީމް ރިޔާސީ ތަށި ކާމިޔާބު ކުރާނެ އެވެ.
"...އިރާދަކުރެއްވިއްޔާ ދެ ޖިންސަށް ހަމަހަމަކޮށް، އެއްވެސް ޖިންސަކަށް ތަފާތު ކުރުމެއް ނެތި އެ ލިބެންވާ އާންމު މުސާރަ މިހާރު ވެސް ލިބެމުން މި ދަނީ އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސްގެ ޒައާމަތުގައި. އެހެންވީމާ އެގޮތަށް އަޅުގަނޑުމެން ބަލަންޏާ މި ތީބީ އެމެރިކާ އާއި އިނގިރޭސިވިލާތަށް ވުރެ ވެސް މާ ކުރީގައި،" މަސީހް ވިދާޅުވި އެވެ.
އެމަނިކުފާނު އަދި ވިދާޅުވީ "ދިވެހިންގެ ސިކުނޑި އެސްލޯން ހޮޅިން ނެރެ، ހުޅުވައިލަންވީ" ކަމަށެވެ.
"އެ [ސިކުނޑި] ފްލެކްސިބަލް ހޮޅިތަކެއްގެ ތެރެއަށް ލާންވީ. އަޅުގަނޑުމެންގެ ސިކުނޑިތައް ހުޅުވާލައި މި ދައްކާ ވާހަކަތައް [ރައްޔިތުން] އަޑު އައްސަވަންވީ،" މަސީހް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދެކެފީމު 2008 ގެ 7 އޮގަސްޓްގެ ގާނޫނުއަސާސީ އަށް ފަހު ދެ ވެރިކަމެއް ނޫނީ އެއް ވެރިކަމެއް ކުރި ތަން. އެހެންވީމާ ވެރިކަންތަކުގައި މި ހުންނަ ތަފާތުތައް އަޅުގަނޑުމެންނަށް އެބަ ފެނޭ."
މަސީހް ވިދާޅުވީ ރަނގަޅަށް ސިކުނޑި އާއި ލޯ ހުޅިވައި މިހާރު ބަލައިލުމުން ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ކުރިއަށްދާ ތަން ރައްޔިތުންނަށް ފެންނާނެ ކަމަށެވެ.
"މި ތަރައްގީ ތިމަންނަމެން ބޭނުމޭ. ތިމަންނަމެން އަންނާނީ މި ތަރައްގީ ގެނެސްދޭ ވެރިއެއްގެ ފަހަތަށޭ، ވޯޓް ވެސް ދޭނީ އެފަދަ ވެރިއަކަށޭ،" މަސީހް ވިދާޅުވި އެވެ.
"ފުވައްމުލަކުން 2018 ވަނަ އަހަރު އަޅުގަނޑުމެން އިއްޒަތްތެރި ރައީސުލްޖުމްހުރިއްޔާ ކަމުގެ ޓިކެޓަށް ޔާމީނަށް އަޅުގަނޑުމެން ރަންވަނައަކުން ދޭނަމޭ. ބޮޑު ތަފާތަކުން ރިޔާސީ އިންތިހާބުގައި ޔާމީން ފުވައްމުލަކުން ހޮވައި ދޭނަމޭ."