01 ޖޫން 2016 - 10:42

އާދައިގެ މަތިން މި ފަހަރު ވެސް މުޅި ރާއްޖެ އަންނަނީ ރޯދަ މަހަށް ތައްޔާރު ވަމުންނެވެ. ދަނޑުވެރިންގެ ތައްޔާރީތައް އެންމެ ފަސޭހަ އިން އެއް ތަނަކުން ފެންނަ ދަތުރުވެރިންގެ މާރުކޭޓަށް ބަލާލުމުން އެކަން ވަރަށް ރަނގަޅަށް އެނގެ އެވެ. އެންމެ އާދައިގެ ގޮތުގައި ދަނޑުވެރިކަން ކުރާ މީހުންނާއި އެންމެ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ މީހުން ދަނީ އެ މީހުންގެ އުފެއްދުންތައް މާލެ އަށް ޖަމާ ކުރަމުންނެވެ.

މާރުކޭޓުން މި ފެންނަ ހަލަބޮލިކަމުގެ ތެރޭގައި މި ފަހަރު ގަމީރާ ކޮބައި ހެއްޔެވެ؟ ބ. އަންހެނުންފުށި މި ރޯދަ އަށް މަރުހަބާ ކިޔާނީ ކިހިނެއް ހެއްޔެވެ؟

"ވަރަށް ދެރަކޮށް ދިމާވީ، ރޯދަ އަށް ތައްޔާރުވާން ފަށަންވީ ދުވަސްކޮޅު އާއިލާގެ ކަމަކު މާލޭގައި ހުންނަން ޖެހުނީ. އެހެންވެ، ރޯދަ އަށް މި ފަހަރު ތައްޔާރުވެވޭ ގޮތެއް ނުވި" ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ދަނޑުވެރިންކަން ކޮށް، އެ ތަކެތީގެ ވިޔަފާރި ކުރާ ގަމީރާ އާދަމް "މިހާރު" އަށް ބުންޏެވެ.
ގަމީރާ ބުނީ ރޯދަ އަށް މާ ބޮޑަށް ތައްޔާރު ނުވެވުނަސް ކޮންމެވެސް ވަރަކަށް ބައެއް ބާވަތްތައް މާލެ ފޮނުވާނެ ކަމަށެވެ. އެގޮތުން ކޮންމެ ހަފުތާއަކު ގާތްގަނޑަކަށް ތިން ޓަނުގެ ކަރަޔާއި ބަށި އަދި ކިއުކަމްބާ ފޮނުވާނެ ކަމަށް ބުންޏެވެ. ނަމަވެސް މީގެ ކުރީގެ ރޯދަމަސްތަކުގައި އެ ތަކެތީގެ އިތުރުން، ކެބެޖާއި މިރުސް ފަދަ ތަކެތި ވެސް ގިނަ އަދަދަކަށް މާލެ ފޮނުވަ އެވެ.
ރޯދަ މަހަށް ތައްޔާރު ނުވެވުމުގެ ހިތާމަ އަށް ވުރެ ގަމީރާ ކަންބޮޑުވާ އެހެން ކަމެއް އެބަ އޮތެވެ. އަތް ނުފޯރާ ފަށަށް ކާބޯތަކެތީގެ އަގުތައް އުފުލި، އެކަމުގެ ހިޔަނި މުޅި ރޯދަ މަހުގެ ކެއިންބުއިމަށް ކޮށްފާނެ ކަމުގެ ބިރެވެ. އޭނާ ބުނި ގޮތުގައި ރޯދަ މަހު ހުރިހާ ތަކެއްޗެއްގެ އަގު ވެސް ދާނީ އިތުރަށް މައްޗަށެވެ.