11 އޮކްޓޯބަރ 2016 - 00:34

ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ހިންގާ މަޝްރޫއަކީ ރާއްޖޭގައި ހިންގާ މިފަދަ އެންމެ ބޮޑު މަޝްރޫއަށް ވާނެ ކަމަށާއި އެކަމަށް 26 މިލިއަން ޑޮލަރު ނުވަތަ 300 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކުގެ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް އިފުތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަަޝްރޫއަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރުން މިހާރު ފަށައިފައިވާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ނެދަލަންޑް ސަރުކާރުންނާއި ކުވައިތު ފަންޑްގެ ފަރާތުން އަޅުގަނޑުމެންނަށް އުންމީދީ ވާހަކަތަކަކާ އެކީގަ މި މަޝްރޫއުގެ ކަންތައްތައް ވެސް ކުރިއަށް ގެންދެވޭނެ،" ގިރުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވެފައިވާ މައްސަލަ އަށް ހައްލެއް ހޯދުމަށް ފުވައްމުލަކުގައި ހިންގާ މަޝްރޫއާ ބެހޭ ގޮތުން ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން އަދި ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެ މަނިކުފާނުގެ ވެރިކަމުގެ މި ދައުރުގެ ތެރޭގައި ފެށިގެން ދިއުން ކަމަށެވެ.
"އަޅުގަނޑު މި އުންމީދު ކުރަނީ މި މަޝްރޫއު ވެސް މި ޒައާމަތުގެ ތެރޭގައި ފެށިގެން ގޮސް ނިމި، އެކަމުގެ ފަސޭހަތައް ފުވައްމުލަކުގެ ރައްޔިތުންނަށް ހަމައަށް އަންނާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
ފުވައްމުލަކުގެ ފެނާއި ނަރުދަމާ ނިޒާމު މިރޭ އިފުތިތާހު ކުރިއިރު އެ މަޝްރޫއަށް 297 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުންޏެވެ.