11 އޮކްޓޯބަރ 2016 - 00:22

ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ސަބަބުން ދައުލަތް ދަރަނިވެރިވެ ނުވަތަ ބޮލަކަށް ޖެހޭ ދަރަނި ބޮޑުވެގެން އިދިކޮޅު ފަރާތްތަކުން ކަންބޮޑުވާ ނަމަ، އެއަށް ދޭން އޮތް ޖަވާބަކީ އެ މަނިކުފާނު "ވަކިވެގެން ދާނީ" އެ ދަރަނި އަދާކުރައްވާފައި ކަމަށާއި އެކަމަށް އަދި އެއް ދައުރު ބޭނުން ކަމަށް، އިދިކޮޅު ފަރާތްތަކަށް ބަހުގެ ހަމަލާތަކެއް ދެއްވި ވާހަކަފުޅުގައި، ރައީސް އަބްދުﷲ ޔާމީން މިރޭ ފުވައްމުލަކުގައި ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކުގެ ފެނާއި ނަރުދަމާ މަޝްރޫއު އިފުތިތާހު ކުރަން ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ލިބޭ މިންވަރަށް ވުރެ އިތުރަށް ހަރަދުކޮށްގެން ވެސް ބޭނުން ވަނީ ރައްޔިތުން އެދޭ ތަރައްގީ ގެނެސްދިނުން ކަމަށެވެ.
"އެހެންވީމާ އެ ދަރަނި އަދާ ކުރުމަށްޓަކައި އަނެއްކާވެސް އަދި އެ ބޭފުޅުންގެ އިހުސާސްތައް އެހާ ސީރިއަސްކޮށް ހުށަހެޅުއްވީމަ އެބަ އެނގޭ އެ ބޭފުޅުންގެ ތެރޭގައި އެ ދަރަނި އަދާކުރެވޭ ވަރުގެ މީހަކު ނެތްކަން،" ރައީސް ވިދާޅުވި އެވެ.
"އެހެންވީމާ އެ ދަރަނި އަދާ ކުރުމަށްޓަކައި ވެސް އަޅުގަނޑު ހިތަށް އަރަނީ އަޅުގަނޑުމެންނަށް އެއް ދައުރު ލިބެން ޖެހެއޭ. އޭރުން އެ ދަރަނިތައް އަދާކޮށްފައި އަދި ކުރިއަށް ދެވޭނީ."
ރައީސް ވިދާޅުވީ ފެނާއި ނަރުދަމާ ގާއިމުކުރުމާއި މަގުތައް ހެދުން ފަދަ ބޮޑެތި މަޝްރޫއުތަކުގެ އިތުރަށް ސިއްހީ ދާއިރާ ތަރައްގީ ކުރުން ފަދަ ކަންކަން ސަރުކާރުން ވަރަށް ބާރަށް، ވަރަށް ރޭވުންތެރިކަމާ އެކު ކުރިއަށް ގެންދާ ކަމަށެވެ. އަދި މީގެ ނަތީޖާ ވެސް މިހާރު ފެންނަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"އިސްވެ ދިޔަ ސިޔާސީ ލީޑަރުންނަށް ރައްޔިތުން ބޭނުންވާ ކަންކަން ކުރުމަށް ފުރުސަތު ލިބުނު. އެކަންކަން އެ ލީޑަރުންނަށް ނޭނގޭ ކަމަށްވަންޏާ އެކަމަށް ވިސްނާލަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.
"މިއަދަކު ނޫން މި މައްސަލަތައް ޖެހިގެން މިއުޅެނީ، މިއަދަކު ނޫން ބަނދަރުތައް ކުޑަވެގެން މި އުޅެނީ. މިއަދަކު ނޫން މަގު ހަދަން ބޭނުންވީ މިއަދަކު ނޫން ފެނާއި ނަރުދަމާ ބޭނުންވެގެން މި އުޅެނީ، މިއަދަކު ނޫން ބްރިޖުގެ ހުވަފެން އޮތީއަކީ، މިއަދު ނޫން އެއާޕޯޓް ތަރައްގީ ކުރަން އޮތީއަކީ."
އެމަނިކުފާން ވިދާޅުވީ ސިޔާސީ ބޭފުޅުން ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ގައުމަށްޓަކައި އެ ބޭފުޅުންގެ އަމިއްލަ ވިސްނުން ދޫކޮށްލަން ޖެހިފައިވާކަން ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި ސިޔާސީ ލީޑަރުން ގައުމަށް ހެޔޮ އެދިގެން މަސައްކަތް ކުރާ ނަމަ ގައުމުގައި އޮންނާނީ ހަމަޖެހުމެވެ. އަދި ގައުމަށް ދުއްޕާން ކުރާނެ މީހަކު އޭރުން ނާންނާނެ ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ގައުމުގައި ނެތް މައްސަލައެއް އަމިއްލަ އަށް އުފައްދައިގެން އެކަމުގެ ސަބަބުން ގައުމަށް ގެއްލުން ލިބުމަކީ "އަމިއްލަ ފަޔަށް ހަންޖަރު ހެރުން" ފަދަ ކަމެއް ކަމަށެވެ.
"އަޅުގަނޑު ހަމަ ހިތްދަތިވޭ ރާއްޖޭގައި މަސްއޫލިއްޔަތާއި ޒިންމާ އަދާކުރައްވާ ކަމަށް ވިދާޅުވާ ސިޔާސީ ލީޑަރުން ކަންކަމަށް ދެކޮޅު ހަދާތީ، ހަމައެކަނި ދައުލަތުގެ ބަޖެޓަކަށް އެ ބޭފުޅުން ދެކޮޅު ހަދަނީ. އިސްލާމީ ރިވެތި އުސޫލުތަކާއި ރިވެތި އާދަތައް އަށަގަންނުވަން ކުރާ ކޮންމެ ކަމަކަށް މި ބޭފުޅުން ވިދާޅުވަނީ ނޫނެކޭ،" ރައީސް ވިދާޅުވި އެވެ.