10 އޮކްޓޯބަރ 2016 - 20:27

ރައީސް އަބްދުﷲ ޔާމީން މިއަދު ހަވީރު ވަޑައިގަތުމުން، އެ ރަށުން މިހާރު އެމަނިކުފާނަށް ތަފާތު ފެނިވަޑައިގަންނަވާނެ ކަމަށް، ފުވައްމުލަކަށް ނިސްބަތްވާ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކުގެ ސާފު ބޯފެނާއި ނަރުދަމާގެ މަޝްރޫއު އިފުތިތާހު ކޮށްދެއްވުމަށް ރައީސް ޔާމީން މިއަދު ހަވީރު އެ ރަށަށް ވަޑައިގަތުމުން ބައެއް މީހުން ވަނީ އެއާޕޯޓާ މާދުރު ނޫން ހިސާބެއްގައި އެމަނިކުފާނާ ދެކޮޅަށް މުޒާހަރާކޮށްފަ އެވެ.
ސަރުކާރަށާއި ރައީސް ޔާމީނަށް ފާޑުކިޔައި، ބެނާތައް ހިފައިގެން ތިބެ އެ މީހުން މުޒާހަރާ ކުރީ ސަރުކާރުން ކާޑާއި ކަރަންޓުގެ އަގުބޮޑުކުރުމާ ގުޅިގެންނެވެ.
މި މުޒާހަރާގެ ފޮޓޯތަކާއެކު، ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުވައްމުލަކުން ރައީސް ޔާމީނަށް ވޯޓެއް ވެސް އަދި ތާއީދެއް ވެސް ނުލިބޭނެކަން ޔަގީން ކަމަށެވެ.
މުޒާހަރާގައި ބައިވެރިވި އަތޮޅު ކައުންސިލްގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު އިސާމް ވިދާޅުވީ އެގޮތަށް އަޑުއުފުލުމުގެ ބޭނުމަކީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސަށް އިއްވުން ކަމަށެވެ.
"މި ރަށަށް މިނިސްޓަރެއް ވަޑައިގެން ނަމަވެސް، ކުދިންކޮޅަކާއެކު ސައިހޮޓަލެއްގައި ވާހަކަ ދައްކަވާލެއްވުމަށް ފަހު ފުރާވަޑައިގަންނަވާނީ. އެހެންވެ ރައްޔިތުންގެ އަސްލު ކަންބޮޑުވުންތަކެއް އެ ބޭފުޅުންނަކަށް ނޭނގޭ،" އިސާމް ވިދާޅުވި އެވެ.
ރައީސް ޔާމީން ފުވައްމުލަކަށް ވަޑައިގަތުމުން ރަށުގެ އެއާޕޯޓުން ގިނަ އަދަދެއްގެ ބަޔަކު އެމަނިކުފާނަށް ހޫނު މަރުހަބާއެއް ވެސް ކިޔެވެ. އެ މަނިކުފާނަށް އެއާޕޯޓުން އިސްވެ މަރުހަބާ ދެންނެވީ ފުވައްމުލަކަށް ނިސްބަތްވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރުގެ އިތުރުން ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދު އިބްރާހީމެވެ. މީގެ އިތުރުން ރަށުގެ ޕީޕީއެމްގެ ސަޕޯޓަރުންނާއި ސަރުކާރުގެ މުއައްސަސާތަކުގެ މީހުން ވެސް ރައީސް ޔާމީނަށް ހޫނު މަރުހަބާއެއް ދެންނެވި އެވެ.