10 އޮކްޓޯބަރ 2016 - 16:40

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އެޅުމަށްޓަކައި، އެ ސްކޫލުގެ ތެރޭގައި މިހާރު ހުރި ތިން އިމާރާތެއް ތަޅާލަން، "އައިއެސްއެޗް މޯލްޑިވްސް" އާ މިއަދު ހަވާލުކޮށްފި އެވެ.
މި އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމާއިލް އެވެ. އައިއެސްއެޗް މޯލްޑިވްސް އިން ސޮއިކުރެއްވީ އެތަނުގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފިޔާޒެވެ.
މި މަސައްކަތް އައިއެސްއެޗްއާ ހަވާލުކުރީ ދަރުމަވަންތައިގެ ބާ އިމާރާތް ދެ މަސް ދުވަހުގެ ތެރޭގައި ތަލާލުމަށެވެ. މަސައްކަތުގެ އަގަކީ އެއް މިލިއަން ރުފިޔާ އެވެ.
އިބްރާހިމް އިސްމާއިލް ވިދާޅުވީ ދަރުމަވަންތައިގެ އާ އިމާރާތުގެ މަސައްކަތްްތައް އަންނަ އަހަރު ތެރޭގައި ފަށައި އަދި އެ އިމާރާތް 2018 ވަނަ އަހަރު ބޭނުންކުރެވޭނެ ކަމަށެވެ.
"އެ ސްކޫލް މަސައްކަތްތައް ނިމުމުން ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ،" އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާ އިމާރާތް އަޅާނެ ބަޔަކު ހޯދުމަށް ވެސް އަލުން އިއުލާން ކުރާނެ ކަމަށެވެ. ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތަށް ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރާނެ ކަމަށް ވެސް އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.