10 އޮކްޓޯބަރ 2016 - 15:38

ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުކުރިޔަސް، ޕާނުގެ އަގު ބޮޑު ނުކުރާނެ ކަމަށް މާލޭގައި ހިންގާ ބޭކަރީތަކުން މިއަދު ބުނެފި އެވެ.
އެސްޓީއޯ އިން ވިއްކާ ހަނޑޫ، ހަކުރު އަދި ފުށަށް ސަރުކާރުން ދެމުން ދިޔަ ސަބްސިޑީ މި މަހުން ފެށިގެން ވަނީ ހުއްޓާލައި، ސަބްސިޑީ ފައިސާ ހަމައެކަނި ފަގީރުންނަށް ދޭން ނިންމައިފަ އެވެ. އެކަމާ ގުޅިގެން، ޕާން ފަދަ އާއްމުކޮށް ކެއިންބުއިމުގައި ބޭނުން ކުރާ ބައެއް ތަކެތީގެ އަގު އުފުލޭނެ ކަމަށް ބެލެވުނެވެ.
ނަމަވެސް، ރާއްޖޭގެ އެންމެ ބޮޑު އެއް ބޭކަރީ، އެލްސިއޯންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ތަނުން ވިއްކާ ޕާނުގެ އަގު މިހާތަނަށް ބޮޑެއް ނުކުރެ އެވެ. ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ބަދަލެއް ގެނައުމުގެ ވިސްނުން އަދި ނުގެންގުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލޭގައި ދެ ފިހާރަ ހިންގާ އަދި ގިނަ ފިހާރަތަކަކަށް ޕާން ފޯރުކޮށްދޭ ސިޓީ ބޭކަރީން ވެސް ބުނީ ޕާނުގެ އަގު ބޮޑު ނުކުރާ ކަމަށާއި އަގުތަކަށް ބަދަލު ގެންނަން ވިސްނަމުން ނުދާ ކަމަށެވެ.
މަހުގެ ބާވަތްތައް ވިއްކުމުގެ އިތުރަށް، ބޭކަރީއެއް ވެސް ހިންގާ އެންސިސް ކުންފުނީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ކުންފުނިން ތައްޔާރުކުރާ އެންޒީ ބްރޭންޑުގެ ޕާނުގެ އަގަށް އެއްވެސް ބަދަލެއް ނުގެންނާނެ އެވެ.
"މިއީ އާއްމުކޮށް ދޭ ހިދުމަތަކަށް ވީމަ، އަގަށް ބަދަލު ގެންނާކަށް ބޭނުމެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
ޕާން ތައްޔާރުކުރުމުގައި އެ ކަަމަށް ހާއްސަ ފުށެއް ވެސް ބައެއް ބޭކަރީތަކުން ބޭނުން ކުރެ އެވެ. އަދި ބައެއް ފަހަރު އެ ވައްތަރުގެ ފުށާއި އާދައިގެ ފުށް އެއްކޮށްގެން ވެސް ބޭނުން ކުރެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ހަނޑޫ، ހަކުރު އަދި ފުށަށް، މި މަހުގެ އެކަކުން ފެށިގެން ސަބްސިޑީ ދޫކުރާނީ ފަގީރުންނަށް އެކަންޏެވެ. ސަބްސިޑީ އަށް އެދި ހުށަހެޅުމުގެ ފޯމު އެންސްޕާއިން ބަލައިގަންނަ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
މިގޮތަށް ސަރުކާރުން ހަމަޖެއްސުމާ ގުޅިގެން، މާލޭގައި ހަނޑޫ ކިލޯއެއް މިހާރު ގަންނަން ލިބެނީ 7.96ރ. އަށެވެ. ކުރިން ހަނޑޫ ކިލޯއެއް ވިއްކީ 3.98ރ. އަށެވެ. ހަކުރު ކިލޯއެއް އަށް ރުފިޔާ އަށް އަދި ފުށް ކިލޯއެއްގެ އަގު 5.96 އަށް ވަނީ އަރާފަ އެވެ. ފުށް ކިލޯއެއް ކުރިން ވިއްކީ 2.96ރ. އަށެވެ. ހަކުރު ކިލޯއެއް ވިއްކީ ހަތަރު ރުފިޔާ އަށެވެ.
ރަށްރަށުގައި ކާޑުގެ ބާވަތްތަކުގެ އަގު މާލެ އަށް ވުރެ ވެސް ބޮޑުއިރު، މާލޭގައި ގެދޮރު ކުއްޔަށް ދޭ ފަރާތްތަކުން ވަނީ ގޭގޭގެ ކުލި ބޮޑުކުރަން ފަށާފަ އެވެ. އެއާ އެކު، ކާޑުގެ އަގު ބޮޑު ކުރުމާ ދެކޮޅަށް މިދިޔަ ހަފުތާގައި މާލެ އާއި ބައެއް ރަށްރަށުގައި މުޒާހަރާ ވެސް ކޮށްފައިވެ އެވެ.