ޗެމްޕިއަން ޓީމަށް އެއް ލައްކަ ލިބޭ ދިއްދޫ މުބާރާތް ޑިސެމްބަރުގައި
ޗެމްޕިއަން ޓީމަށް އެއް ލައްކަ ލިބޭ ދިއްދޫ މުބާރާތް ޑިސެމްބަރުގައި

ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު އެ ރަށުގައި ކުރިއަށްގެންދަވާ އަގުބޮޑު ފުޓުބޯޅަ މުބާރާތް ޑިސެމްބަރުގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ޗެމްޕިއަން ޓީމަށް އެއް ލައްކަ ލިބޭ ދިއްދޫ މުބާރާތް ޑިސެމްބަރުގައި
ޗެމްޕިއަން ޓީމަށް އެއް ލައްކަ ލިބޭ ދިއްދޫ މުބާރާތް ޑިސެމްބަރުގައި

ޗެމްޕިއަން ޓީމަށް އެއް ލައްކަ ރުފިޔާ ހުށަހަޅާފައިވާ "އެއް ލައްކަ ކަޕް" އަކީ ރާއްޖޭގައި އެންމެ އަގުބޮޑު އެއް ފުޓްބޯޅަ މުބާރާތެވެ. ޑިސެމްބަރު 6-17 އަށް ބާއްވާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިއްދޫގެ ޓީމުތަކަށް ހުޅުވާލާފައިވާއިރު ކޮންމެ ޓީމެއްގައި ރަށުން ބޭރުގެ ތިން ކުޅުންތެރިން ޖެހުމުގެ ފުރުސަތު އޮންނާނެ އެވެ.

"މުބާރާތުގައި ބައިވެރިވާ އެއްވެސް ޓީމަކުން ޗަންދާއެއް ދައްކާކަށް ނުޖެހޭނެ. އަޅުގަނޑުމެން ހުރިހާ އިންތިޒާމެއް ކުރާނީ. އަދި ޓީމުތަކުން ބޭނުންވާ އެހީތައް ވެސް އަޅުގަނޑުމެން ފޯރުކޮށްދޭނަން،" ލަތީފް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ މުބާރާތުގައި، ރާއްޖޭގެ އެހެން ރަށްރަށުގެ މަޝްހޫރު ކުޅުންތެރިން ވެސް ފެންނާނެ ކަމަށާއި އަދި މުބާރާތުގެ މެޗުތައް ބަލަން ކައިރި ރަށްރަށުން ދިއްދު އަށް މީހުން ޒިޔާރާތްކުރާނެ ކަމަށެވެ.

"މިއީ ރާއްޖޭގައި ބާއްވާ އެންމެ ފުރިހަމައެއް މުބާރާތައް ވާނެ. މުބާރާތުގެ މެޗުތައް ވެސް ވަރަށް ފެންވަރު ރަނގަޅުވާނެ. އެހެންކަމުން މުބާރާތުގެ މެޗުތައް ބަލަން ރަށްރަށުން ވެސް މީހުން ޒިޔާރަތްކުރާނެ،" ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުބާރާތް ޑިސެމްބަރު މަހު ބާއްވަނީ ވެސް އެއީ ޗުއްޓީ ދުވަސްވަރު ކަމަށްވެފައި މޫސުން ވެސް ރަނގަޅުވާނެ ދުވަސްވަރު ކަމަށް ލަފާކުރެވޭތީ ވީހާ ވެސް ގިނަ ބަޔެއްގެ ބައިވެރިވުން މުބާރާތުގައި އޮންނަން ބޭނުންވާތީ ކަމަށެވެ.

"ވީހާ ވެސް ގިނަ ކުޅުންތެރިންނަށް މުބާރާތުގައި ކުޅުމުގެ ފުރުސަތުދީ އަދި މުބާރާތުގެ މެޗުތައް ބެލުމާއި އެހެނިހެން ކަންކަމުގައި ވެސް ގިނަ ބަޔެއްގެ ބައިވެރިވުން ބާއްވަން ބޭނުންވޭ. މިއީ އިޖްތިމާއީ ބޮޑު ހަރަކާތެއް،" ލަތީފް ވިދާޅުވި އެވެ.

މީގެ އިތުރުން މުބާރާތުގެ ގުރުނެގުމުގެ ރަސްމިއްޔާތު މާލޭގައި ކުލަގަދަކޮށް ބާއްވައި އަދި ސެމީ ފައިނަލުން ފެށިގެން މެޗުތައް ޓީވީން ވަގުތުން ދެއްކުމަށް ވެސް މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ލަތީފަކީ 80ގެ އަހަރުތަކުން ފެށިގެން ހއ. ދިއްދޫ ފުޓްބޯޅަ ޓީމު ހިންގައި އެ ރަށުގައި ޒުވާނުންނާ ގުޅޭ ހަރަކާތްތަކާއި އިޖްތިމާއީ ކަންކަން ރޭއްވެވުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެކެވެ. އެގޮތުން ދިއްދޫ ޓީމަށް ރާއްޖޭގެ މަޝްހޫރު ގިނަ ކުޅުންތެރިން ގެންގޮސް ލަތީ ވަނީ ކުޅުވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހަށް 2014 ވަނަ އަހަރު އިންތިހާބުވެ، ލަތީ ވަނީ ދިއްދޫގައި އެއް ވަނަ އަށް 100،000ރ. ލިބޭ ފުޓްބޯޅަ މުބާރާތުގެ އިތުރުން ގުރުއާން މުބާރާތެއް ބާއްވަވައިފަ އެވެ. އަދި އެ ރަށަށް މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަން ގެންގޮސް ފުޓްބޯޅައިގެ ބޮޑު ހަރަކާތްތެއް އިންތިޒާމްކުރެއްވި އެވެ.