11 އޮކްޓޯބަރ 2016 - 06:18

ކަރަން ޖޯހަރްގެ "އޭ ދިލް ހެ މުޝްކިލް" ގެ ޝޫޓިން މުޅިން ނިމި ރިލީޒްކުރަން ތައްޔާރުވެފައި ވިޔަސް އަދި ޝާހްރުކް ޚާންގެ "ރައީސް"ގެ ވެސް ޝޫޓިންގް ގެ ބޮޑު ބައި ނިމިފައި ވިޔަސް އެ ދެ ފިލްމުގައި ޕާކިސްތާނު އެކްޓަރުން އުޅޭތީ އެ ބައިތައް ފޮހެނުލައި ނުވަތަ އެބައިތައް އެހެން އެކްޓަރަކު ލައްވާ ކުޅުވައިގެން ނޫނީ އިންޑިއާގައި ރިލީޒްކުރިޔަ ނުދޭނެކަމަށް އެ ގައުމުގެ ސިޔާސީ ޕާޓީއެއް ކަމަށްވާ އެމްއެންއެސް އިން ދަނީ އިންޒާރު ދެމުންނެވެ.
އެހެންވެ ކަރަން ޖޯހަރް އާއި ޝާހްރުކް ޚާން މިހާރު ތިބީ ގާތްގަނޑަކަށް ގޮތް ހުސްވެފަ އެވެ. ޝާހްރުކަށް ވުރެ ވެސް ކަރަންގެ ހާލު ބޮޑެވެ. އޭނާގެ ފިލްމުގެ ހުރިހާ މަސައްކަތެއް ނިމި ޕްރޮމޯޝަން މަސައްކަތް ފަށާފައި ވަނިކޮށް ކުއްލިއަކަށް މި ލިބެން ފެށި އިންޒާރުންނެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ކަރަންގެ ފިލްމުގައި ފަވާދު ކުޅެފައިވާ ރޯލު ސައިފް އަލީ ޚާން ލައްވާ އަލުން ކުޅުވަން ކަރަން ދަނީ ވިސްނަމުންނެވެ. އަދި "ރައީސް" ގައި މާހިރާ ޚާން ކުޅެފައިވާ ރޯލަށް އެހެން ބަތަލާ އަކު ހޯދަމުންދާ ކަމަށް ވެސް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވެ އެވެ.
ސަބަބަކީ މާހިރާ އާއި ޝާހްރުކްގެ ބައެއް މަންޒަރުތަކާއި ލަވަތައް އަދި ނުނިމި ހުރުމާ އެކު މާހިރާއަށް އިންޑިއާގައި ޝޫޓިންގައި ބައިވެރިވެވޭނެ ގޮތެއް މިހާރު ނެތީމަ އެވެ. އިންޑިއާ އިން ވަނީ ޕާކިސްތާނު ހުރިހާ އާޓިސްޓުންގެ ވާކް ޕާމިޓް ކެންސަލް ކޮށްފަ އެވެ.
ނަމަވެސް "ރައީސް"ގެ ޑައިރެކްޓަރު ރާހޫލް ޑޯލަކިއާ ކޮށްފައިވާ ޓުވީޓެއްގައި މި ވާހަކަ ދޮގުކޮށްފައިވެ އެވެ.
"ރައީސް" ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ. މި ފިލްމު ބޮކްސް އޮފީހުގައި ވާދަކުރަން ޖެހިފައިވަނީ ރިތިކް ރޯޝަންގެ "ކާބިލް" އާ އެވެ.