"އެމް.އެސް ދޯނީ"އަށް 100 ކްރޯޑު، "މިރްޒިޔާ" ފްލޮޕް
"އެމް.އެސް ދޯނީ"އަށް 100 ކްރޯޑު، "މިރްޒިޔާ" ފްލޮޕް

މީގެ 10 ވަރަކަށް ދުވަސް ކުރިން ރިލީޒްކުރި "އެމް.އެސް ދޯނީ – ދި އަންޓޯލްޑް ސްޓޯރީ" އަށް އިންޑިއާގެ ބޮކްސް އޮފީހުގައި ހީނުކުރާ ވަރުގެ ބޮޑު ކާމިޔާބެއް ވަނީ ލިބިފަ އެވެ. ފިލްމު ރިލީޒްކުރިތާ އެންމެ ނުވަ ދުވަސް ތެރޭގައި 100 ކްރޯޑު (1000 މިލިއަން ރުޕީސް) މި ފިލްމު ވަނީ ހޯދާފަ އެވެ.

މިއީ ހަމައެކަނި ޑޮމެސްޓިކް މާކެޓުން ލިބުނު ވަރެވެ. ބޭރުގެ ބައެއް ގައުމުތަކުގައި ވެސް ފިލްމު ވަރަށް ރަނގަޅު ވިޔަފާރިއެއް ކޮށްފައިވެ އެވެ. އެގޮތުން ނުވަ ދުވަހުގެ ތެރޭގައި ބައިނަލްއަގުވާމީ މާކެޓްތަކުން މި ފިލްމަށް 28.63 ކްރޯޑު (4.3 މިލިއަން ޑޮލަރު) ލިބުނެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި 100 ކްރޯޑު ލިބުނަސް އަދިވެސް "އެމް.އެސް ދޯނީ"ގެ ވިޔަފާރި އޮތީ ކުރިއަށެވެ. ފިލްމު ބަލަން މިހާރު ވެސް ގިނަ ބަޔަކު ވަންނަމުންދާކަން އޭނާ ފާހަގަކުރި އެވެ.

"އެމް.އެސް ދޯނީ އާއެކު މި އަހަރު 100 ކްރޯޑު ލިބިފައި ވަނީ އެންމެ ފަސް ފިލްމަށެވެ. އޭގެ ތެރޭގައި އަކްޝޭ ކުމާރުގެ ތިން ފިލްމެއް ހިމެނެ އެވެ. އެއީ "އެއާލިފްޓް"، "ރުސްތުމް" އަދި "ހައުސްފުލް 3" އެވެ. މީގެ އިތުރުން ހިމެނެނީ ސަލްމާން ޚާންގެ "ސުލްތާން" އެވެ.

މި އަހަރުގެ މިހާތަނަށް ބޮކްސް އޮފީހުގައި އެންމެ ރަނގަޅު ކާމިޔާބެއް ހޯދާފައި ވަނީ ސަލްމާންގެ "ސުލްތާން" އެވެ. ދެ ވަނަ އަށް މިހާރު އޮތީ "އެމް.އެސް. ދޯނީ" އެވެ.

މި ފިލްމު އުފައްދާފައި ވަނީ 84 ކްރޯޑު (840 މިލއަން ރުޕީސް)ގެ ބޮޑު ބަޖެޓަކުންނެވެ. އަދި އެއީ މާކެޓިން އާއި ޕްރޮމޯޝަން ޚަރަދު ނުލަ އެވެ. ނަމަވެސް އެންމެ ހަފުތާއެއް ތެރޭ ފިލްމުގެ ޚަރަދު ކަނޑައި ފައިދާވާން ފެށުމަކީ ފިލްމު ޕްރޮޑިއުސްކުރި ފޮކްސް ސްޓާ ސްޓޫޑިއޯ އަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެ އެވެ.

މި ފިލްމުގެ ސެޓެލައިޓް ރައިޓްސް ވެސް މިހާރު 45 ކްރޯޑު (450 މިލިއަން ރުޕީސް) އަށް ވިއްކާލާފައިވުމާ އެކު މިއީ މިއަހަރު ނުކުތް އެންމެ ފައިދާވި އެއް ފިލްމުކަން މިހާރު ވަނީ ޔަގީން ވެފަ އެވެ.
މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި، އަނިލް ކަޕޫރުގެ ދަރިފުޅު ހަރްޝްވަރްދަން ކަޕޫރާއި ސައިމީ ކޭރްގެ "މިރްޒިޔާ" ހީކުރި ވަރާ ގާތަށް ވެސް ނުހިނގަ އެވެ.

ފުދޭ ވަރަކަށް ފިލްމު ހިނގާނެކަމަށް ޓްރޭޑް އެނަލިސްޓުން ކުރިން ލަފާ ކުރި ނަމަވެސް ރިލީޒްކުރިތާ ދެ ދުވަސްވީއިރު ފިލްމަށް ލިބިފައި ވަނީ އެންމެ 4.30 ކްރޯޑު (43 މިލިއަން ރުޕީސް) އެވެ.

ކްރިޓިކްސް ބުނެފައި ވަނީ ފިލްމު އެއްގޮތަކަށް ވެސް ކަމުނުދާ ކަމަށެވެ. ފިލްމަކީ ލޯބީގެ ވާހަކައަކަށް ވިޔަސް ލީޑް ރޯލު ކުޅެފައިވާ ދެ ތަރިންގެ ރޮމޭންސް އާއި ކެމިސްޓްރީ އެއްގޮތަކަށް ވެސް ފިލްމުން ނުފެންނަކަމަށް ފާޑުކިޔާ މިހުން ބުނެފައިވެ އެވެ.

ބެލުންތެރިން ވެސް ފިލްމު ބެލުމުގެ ޝައުގުވެރިކަމެއް މާބޮޑު ނެތެވެ. އެހެންކަމުން ފިލްމު ފްލޮޕްވެ މި ހަފުތާ ތެރޭ ސިނަމާތަކުން ނަގަން މަޖުބޫރުވާނެކަން މިހާރު ވަނީ ގާތްގަނޑަކަށް ޔަގީންވެފަ އެވެ.