މިހާރު ސަބްސިޑީ ފޯމު ބަލައިގަންނާނީ އެންސްޕާ އިން އެކަނި
މިހާރު ސަބްސިޑީ ފޯމު ބަލައިގަންނާނީ އެންސްޕާ އިން އެކަނި

ސަރުކާރުން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކާޑު ބާވަތްތަކުގެ އަގު 100 ޕަސެންޓް ބޮޑު ކޮށް، ކާޑުގެ ސަބްސިޑީ އަށް އެދޭ ފޯމު މާލޭގެ ހަތަރު ސަރަހައްދަކުން ބަލައިގަތުން ކުރި އަށް ގެންދިއުމަށް ފަހު ހުއްޓާލައިފި އެވެ.

ކާޑު ސަބްސިޑީ ހަމައެކަނި ފަގީރުންންނަށް ދޭ ގޮތަށް ނިންމުމާ ގުޅިގެން، އެކަމަށް އެދޭ ފޯމު ބަލައިގަތުމުގެ ކަންތައްތައް ކުރިޔަށް ގެންދިޔައީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ އިތުރުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި މާލޭގައި ހުންނަ ހުޅުމާލެ އަދި ވިލިމާލެ ފެެރީ ޓާމިނަލުގެ ބޭރުގައި ބެހެއްޓި މޭޒުތަކުންނެވެ.

އެންސްޕާ ކައުންޓަރުގައި ހުރި މުވައްޒަފަކު ބުނީ އެ އޮފީސް ފިޔަވައި މާލޭގެ އެހެން ސަރަހައްދުތަކުގައި ފޯމް ބަލައިގަތުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައީ އެއް ހަފުތާ އަށް ކަމަށެވެ.

"އެ ތަންތަނުން ފޯމް ބަލައިގަތީ އެއް ހަފުތާ އަށް. މިހާރު ފޯމް ހުށަހަޅަން ޖެހޭނީ މިތަނަށް. އަދި ފޯމް ހުށަހަޅާތާ 15 ދުވަހުގެ ތެރޭގައި އެ ފަރާތަށް ޖަވާބެއް ދޭނަން،" އޭނާ ބުންޏެވެ.

އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލް މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނީ ކާޑުގެ ސަބްސިޑީ ދިނުމުގައި، ލިބޭ އާމްދަނީ އަށާއި ގެއެއްގައި މީހުން ތިބޭ އަދަދާއި އާއްމު ދިރިއުޅުމުގެ ހާލަތަށް ބަލާނެ ކަމަށެވެ. އަދި އެކަންކަން، ފަގީރުންނަށް ސަބްސިޑީ ދިނުމަށް ދޫކުރާ ފޯމުގައި ހިމަނާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ގެއެއްގައި ހުންނަ ކޮޓަރީގެ އަދަދާއި ދިރިއުޅޭ އާއިލާގެ އަދަދާއި އެ މީހުންގެ އަދަދާއި އުމުރުން 18 އަހަރުން ދަށުގެ ކުދިންނާއެކު ދިރިއުޅެނީ ކިތައް މައިންތޯ އާއި ދިރިއުޅޭ ތަނުގެ ބޮޑުމިން ފޯމުގައި ހިމަނަން ޖެހެ އެވެ. އަދި ގޭގައި ބޭނުން ކުރާ ދޮންނަ މެޝިނާއި ރޭޑިއޯ އާއި އައިސްއަލަމާރި އާއި ރައިސް ކުކާ އާއި ކޮމްޕިއުޓަރު ފަދަ އިލެކްޓްރޯނިކް ސާމާނު ހުރޭތޯ ބަލަ އެވެ. ސަރުކާރުން ކަނޑައަޅާ ފަގީރު ގޭބިސީއަކަށް މަހަކު ގިނަވަގެން ދޭން ނިންމާފައިވާ 240ރ.ގެ ސަބްސިޑީ އެކެވެ.

ސަރުކާރުން ކާޑަށް ދޭ ސަބްސިޑީ ކަނޑާލައި ހަމައެކަނި ފަގީރުންނަށް ދޭ އެއްޗެއްގެ ގޮތުގައި ހަމަޖެއްސުމާ އެކު ކާޑުގެ ބާވަތްތަކުން އަގުވަނީ ބޮޑުވެފަ އެވެ. އެގޮތުން މާލޭގައި ހަނޑޫ ކިލޯއެއް ދެން ގަންނަން ލިބޭނީ 7.96ރ. އަށެވެ. މިހާތަނަށް ހަނޑޫ ކިލޯއެއް ވިއްކީ 3.98ރ. އަށެވެ. ހަކުރު ކިލޯއެއް އަށް ރުފިޔާ އަށް އަދި ފުށް ކިލޯއެއްގެ އަގު 5.96 އަށް ވަނީ އަރާފަ އެވެ. ފުށް ކިލޯއެއް މިހާތަނަށް ވިއްކީ 2.96ރ. އަށެވެ. ހަކުރު ކިލޯއެއް ވިއްކީ ހަތަރު ރުފިޔާ އަށެވެ.

މިއީ ހަމައެކަނި މާލޭގައި ކާޑު ވިއްކާ އަގެވެ. ރަށްރަށުގައި މި އަގު އަދި މިއަށް ވުރެ ބޮޑު ވާނެ އެވެ. ސަރުކާރުގެ އާ ކޮންޓްރޯލް އަގު އިކޮނޮމިކް މިނިސްޓްރީން ވަނީ މިދިޔަ ހުކުރު ދުވަހު އިއުލާން ކޮށްފަ އެވެ.

ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުކުރުމާ ގުޅިގެން މިދިޔަ ހަފުތާގައި މާލެ އާއި އަތޮޅުތަކުގެ ބައެއް ރަށްރަށުގައި މުޒާހަރާކޮށްފައިވެ އެވެ.