11 އޮކްޓޯބަރ 2016 - 06:23

ފިހާރައިގެ ވިޔަފާރި ރަނގަޅު ވޭތޯ އާއި އާއިލާގެ ބަދުނަސީބުން ސަލާމަތް ވޭތޯ ބެލުމަށް އިންޑިއާގެ ސިކަންދަރުއާބާދުގައި 13 އަހަރުގެ އަންހެންކުއްޖަކަށް ކާން ނުދީ 68 ދުވަހު ބެހެއްޓުމުން މަރުވެއްޖެ އެވެ.

ހިންދުސްތާން ޓައިމްސް ގައި ބުނެފައިވާ ގޮތުން އާރާދަނާ ނަމަކަށް ކިޔާ މި އަންހެންކުއްޖާ ލައްވާ ގަދަކަމުން "ރޯދަ ހިފުވީ" އޭނާގެ ބައްޕަގެ ގަހަނާ ވިޔަފާރިއަށް ގެއްލުންވާތީ އާއި އާއިލާއަށް ދިމާވެފައިވާ ބަދުނަސީބުތަކުން ސަލާމަތްކުރުމަށް އެމީހުން ގަބޫލުކުރާ ދީނީ ހަމަތަކެއްގެ މަތިންނެވެ.
މި ކުއްޖާ މަރުވެފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހު އެވެ.
ކުއްޖާ ބެލި ކްރިޝްނާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް (ކިމްސް)ގެ ޑޮކްޓަރުން ވެސް ބުނީ ކުއްޖާ މަރުވެފައި ވަނީ ކާން ނުދީ މާ ގިނަ ދުވަހު ބެހެއްޓުމުން ކަމަށެވެ.
"އަހަރެމެން އެ ކުއްޖާ ހޮސްޕިޓަލުގައި އެޑްމިޓެއް ނުކުރަން. ގެނައިއިރު ވެސް މަރުވެފައި އޮތް ކަމުގެ ލިޔުން ދިނީ. ނަމަވެސް ކުއްޖާ ބެލި ހުރިހާ ޑޮކްޓަރުން ވެސް ބުނެފައި ވަނީ މާގިނަ ދުވަހު ކާން ނުދީ ބެހެއްޓުމުގެ ސަބަބަން ކުއްޖާގެ ހަށިގަނޑުގެ އިލެކްޓްރޯލައިޓްސްގެ ބެލެންސް ގެއްލި ހިތާއި ކިޑްނީ މަސައްކަތް ކުރުން ހުއްޓުނީ ކަމަށް،" ކިމްސްގެ ސްޕޯކްސްޕާސަން ޑރ. އަލޯކު މަލިކު ވިދާޅުވި އެވެ.
ގްރޭޑް 8 ގައި ކިޔަވަމުން ދިޔަ އާރާދަނާ އަކީ ގަހަނާ ވިއްކާ ފިހާރައެއް ހިންގާ މީހެއްގެ ދަރިއެކެވެ.
ކާން ނުދީ ބެހެއްޓި 68 ދުވަހު މި ކުއްޖާއަށް ދީފައި ވަނީ ހަމައެކަނި ފެންފޮދެކެވެ. ފެން ދެނީ ހެނދުނު 6.00 ގައި އެކަންޏެވެ. ކާން ނުދީ ބަހައްޓަންޖެހެނީ 68 ދުވަހު ކަމަށް ވުމުން އެ މުއްދަތު ހަމަވުމުން މި މަހުގެ ދެ ވަނަ ދުވަހު އެ މީހުންގެ އަވަށުގައި ވަރަށް ކުލަގަދަކޮށް ފާހަގަ ވެސް ކުރި އެވެ. ނަމަވެސް ޖެހިގެން އައި ދުވަހު ކުއްޖާގެ ހާލު މާބޮޑަށް ސީރިއަސްވެ ހޮސްޕިޓަލަށް ގެންދިޔައިރު އޮތީ މަރުވެފަ އެވެ.
މިގޮތަށް މިކުއްޖާ މަރުވުން ވެސް ވެފައި ވަނީ އާއިލާ އާއި އެކަން ގަބޫލުކުރާ މީހުންނަށް ވަރަށް އުފާވެރި ކަމަކަށެވެ. އެހެންވެ ކުއްޖާ މަރުވުން ވެސް ވަރަށް ކުލަގަދަކޮށް ފާހަގަކޮށް ޖަނާޒާގެ ކަންތައް ވެސް ބޭއްވީ ވަރަށް އުފާވެރި މާހައުލެއްގަ އެވެ.
މައިންބަފައިން ބުނަނީ ދަރިފުޅު ނުކައި ނުބޮއި މި "އަޅުކަން" ފުރިހަމަކުރީ އަމިއްލަ އިހްތިޔާރުގައި ކަމަށެވެ. މިދިޔަ އަހަރު ވެސް އޭނާ 34 ދުވަހު މިގޮތަށް ނުކައި ހުރި ކަމަށާއި މިފަހަރު 68 ދުވަހު ހުންނަން ނިންމީ ވެސް އަމިއްލަ އަށް ކަމަށް އާއިލާ އިން ބުނެ އެވެ.
ކުޑަކުދިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާއިން ބުނަނީ ކުޑަކުއްޖަކަށް މިވަރުގެ ކަމެއް އަމިއްލައަށް ކުރުމުގެ އިޚްތިޔާރު ލިބުމަކީ ވެސް އިހްމާލެއް ކަމަށެވެ. ކޮންމެ ގޮތެއް ވިޔަސް ކުއްޖާގެ މައިންބަފައިން މިކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުނެފައިވެ އެވެ.
މި މީހުން އެ ދީނަކަށް ތަބާވާ ޖެއިން ދީނުގެ އިސް މީހުން ވެސް މިކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފައިވެ އެވެ. އެމީހުން ބުނެފައި ވަނީ މިގޮތަށް ކުޑަކުދިން ލައްވާ ރޯދަ ހިފުވުން ނޯންނަ ކަމަށާއި ރޯދަ ހިފަން އޮންނަނީ އުމުރުން ދުވަސްވީ މީހުން ކަމަށެވެ.