އާދައިގެ ކުށްތަކުގައި ބަންދުކުރުން ދޫކޮށް، ކަފާލާތުގެ އުސޫލުގެ ބޭނުން ހިފަން ޖެހޭ
އާދައިގެ ކުށްތަކުގައި ބަންދުކުރުން ދޫކޮށް، ކަފާލާތުގެ އުސޫލުގެ ބޭނުން ހިފަން ޖެހޭ

މީހުން ބަންދުކުރުމާ ގުޅޭ ގޮތުން އެންމެ ބޮޑު ފާޑުކިޔުމެއް އަންނަނީ އާދައިގެ ކުދިކުދި ކުށްކުށުގައި ވެސް އެތައް ދުވަހެއް ވަންދެން ބަންދުގައި ބޭތިއްބުމެވެ. އެންމެ ޓްވީޓެއް ކޮށްލައިގެން ހައްޔަރުކުރާ މީހާ ނުވަތަ އެ ނޫން ވެސް އާދައިގެ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރާ މީހާ ވެސް އެތައް ދުވަހެއް ނުވަތަ މަސްތަކެއް ވަންދެން ބަންދުގައި ބެހެއްޓުމަކީ ބޮޑު ޝަކުވާއެކެވެ.

އާދައިގެ ކުށްތަކުގައި ބަންދުކުރުން ދޫކޮށް، ކަފާލާތުގެ އުސޫލުގެ ބޭނުން ހިފަން ޖެހޭ
އާދައިގެ ކުށްތަކުގައި ބަންދުކުރުން ދޫކޮށް، ކަފާލާތުގެ އުސޫލުގެ ބޭނުން ހިފަން ޖެހޭ

ބައެއް މީހުން ބަންދުގައި ބައިތިއްބައިގެން ދައުވާކޮށް، އެންމެ ފަހުން ހުކުމް އަންނައިރު ހުކުމުގެ މުއްދަތަށް ވުރެ ބަންދުގައި ހޭދަކުރި ދުވަސް އޮންނަނީ އިތުރުވެފަ އެވެ. އެ ހާލަތުގައި ހުކުމްކުރާ ހިސާބުން ވަގުތުން އެ މީހުން ދޫކޮށްލަން ޖެހުނަސް ހުކުމުގެ މުއްދަތަށް ވުރެ އިތުރަށް ބަންދުގައި ހޭދަކުރި މުއްދަތަކީ ގެއްލިގެން ދިޔަ އަސާސީ ހައްގެކެވެ.

ޖިނާއީ ކުށް ތަހުގީގު ކުރުމާއި ދައުވާ ކުރުމާއި ޝަރީއަތް ކުރުމުގެ މަރުހަލާތަކުގެ ތެރެއިން އެންމެ ނުރައްކާތެރި، އެންމެ ބޮޑު ހައްގެއް ނިގުޅައިގަނެވޭ މަރުހަލާއަކީ ކުށް ސާބިތުވާ ކަމަށް ކޯޓަކުން ހުކުމް ކުރުމުގެ ކުރިން މީހަކު ބަންދުކުރުމެވެ. ކުށް ސާބިތުވާ ކޯޓަކުން ހުކުމް ކުރުމުގެ ކުރިން މީހަކު ބަންދުގައި ބެހެއްޓޭނީ ވަކި ހާއްސަ ސަބަބުތަކަށްޓަކައި އެކަނި ކަމަށް ގާނޫނުއަސާސީގައި ލިޔެފައި އޮންނަނީ ވެސް ގެއްލިދާނެ ހައްގުތައް ބޮޑުކަމުންނެވެ. އަދި ޝަރުތުތަކާ އެކު ނުވަތަ ކަފާލާތުގެ އުސޫލުން ބަންދުން ދޫކުރެވިދާނެ ކަމަށް އޮންނަނީ ވެސް އެ ސަބަބަށްޓަކަ އެވެ.

ކަފާލާތަކީ ކޯޓުން ކަނޑައަޅާ އަދަދެއްގެ ފައިސާ ޑިޕޮސިޓެއްގެ ގޮތުގައި ބެހެއްޓުމުން ނުވަތަ ކޯޓުން ކަނޑައަޅާ ޝަރުތުތަކާ އެއްގޮތަށް، ހައްޔަރުގައިވާ މީހާ އަމަލުކުރާނެ ކަމުގެ ޔަގީންކަން އޭނާގެ ފަރާތުން އެހެން މީހަކު ދިނުމުން ބަންދުން ދޫކޮށްލާ ދޫކޮށްލުމެވެ. އެ ފުރުސަތު ގާނޫނު އަސާސީގެ 49 ވަނަ މާއްދާއިންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމުގެ ގަވާއިދުގެ ދަށުން ވެސް ވަނީ ފަހިކޮށްދީފަ އެވެ. އެކަމަކު އެ އުސޫލުން މީހުން ދޫކުރުމަކީ އާންމުކޮށް ރާއްޖޭގައި ކުރާ ކަމެއް ނޫނެވެ. އެއްގޮތަކަށް ވެސް އެކަން ނުކުރެއޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

މިހާރު ރާއްޖޭގައި އާންމު ގޮތެއްގައި މީހުން ބަންދުން ދޫކުރަނީ ޝަރުތުތަކެއް ކަނޑައެޅުމަށް ފަހު އެވެ. މުޒާހަރާ ނުކުރުމާއި ރަށުގެ ވަކި ތަނަކަށް ނުދިއުން ނުވަތަ ވަކި ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް ނުވަތަ ގެއިން ބޭރުގައި ނޫޅުން ފަދަ ޝަރުތުތަކެވެ. އެއީ ކަފާލާތުގެ އުސޫލާ އެއްގޮތް ސިފަތަކެއް ހުންނަ އެކަމަކު ތަފާތު އުސޫލެކެވެ.

ޝަރުތުތަކާ އެކު ބަންދުން ދޫކުރުމަށް ވުރެ ކަފާލާތުގެ އުސޫލުން ބަންދުން ދޫކުރުމަކީ މާ ޔަގީންކަން ބޮޑު ނުވަތަ ފައިދާ ބޮޑު އުސޫލެކެވެ. ކަފާލާތުގެ އުސޫލުން މީހަކު ދޫކުރެވޭނީ ކޯޓުން ކަނޑައަޅާ ޝަރުތުތަކަށް ހައްޔަރުގައިވާ މީހާ އަމަލުކުރާނެ ކަމުގެ ޔަގީންކަން އޭނާގެ ފަރާތުން އެހެން މީހަކު ދީ، ހައްޔަރުގައިވާ މީހާ އާއި ޔަގީންކަން ދޭ މީހާ އިގުރާރެއްގައި ސޮއިކުރުމުންނެވެ. ނުވަތަ ކޯޓުން ކަނޑައަޅާ އަދަދެއްގެ ފައިސާ ޑިޕޮސިޓްގެ ގޮތުގައި ކޯޓުގައި ބެހެއްޓުމުންނެވެ.

ޑިޕޮސިޓް ފައިސާ ބެހެއްޓުމަށް ފަހު ކަފާލާތުގެ އުސޫލުން ދޫކޮށްފައިވާ މީހަކު ކޯޓުން ކުރި ޝަރުތަކާ ހިލާފްވެއްޖެ ނަމަ އެ ހިސާބުން ޑިޕޮސިޓް ފައިސާ ދައުލަތަށް ނެގިދާނެ އެވެ. އަދި އެ މީހަކު އަލުން ބަންދު ކުރުމުގެ ބާރު ވެސް އެ ހާލަތުގައި ކޯޓަށް އޮންނާނެ އެވެ. މިސާލަކަށް އެއް ލައްކަ ރުފިޔާގެ ޑިޕޮސިޓެއް ކޯޓުގައި ބެހެއްޓުމުން ކަފާލާތުގެ ދަށުން ބަންދުން މީހަކު ދޫކޮށްލާ ހާލަތުގައި ޑިޕޮސިޓް ފައިސާ ގެއްލިދާނެ ކަމުގެ ބިރަށްޓަކައި، ކޯޓުން ކުރި ޝަރުތާއި ޚިލާފްވާން އެ މީހަކު ޔަގީނުން ވެސް ފަސްޖެހޭނެ އެވެ.

އެ ހުރިހާ ގޮތަކުން ބަލާއިރު ވެސް ޝަރުތުތަކާ އެކު ދޫކުރުމަށް ވުރެ ކަފާލާތުގެ އުސޫލުން ދޫކުރުމުން ތުހުމަތުގައިވާ މީހާ ޝަރުތުތަކާ އެއްގޮތަށް އަމަލު ކުރާނެ ކަމުގެ ޔަގީންކަން ބޮޑެވެ. ނަމަވެސް ސީރިއަސް ބޮޑެތި ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ކަފާލާތުގެ އުސޫލެއް ނުހިނގާނެ އެވެ. އެއީ ކުށުގެ ނުރައްކާތެރިކަމާއި ހެކި ނައްތާލުމަށް އޮތް ފުރުސަތުތަކަށް ބަލައި، އޮންނަ އިިސްތިސްނާ ހާލަތްތަކެކެވެ.

ޚަރަދުގެ ގޮތުން ބަލާއިރު ވެސް ކަފާލާތުގެ އުސޫލަކީ ދައުލަތަށް ލުއި ގޮތެކެވެ. ބަންދުގައި ތިބޭ މީހުންގެ ކެއިންބުއިމާއި ބެލެހެއްޓުމުގެ ހުރިހާ ޚަރަދެއް ދައުލަތުން ކުރަން ޖެހޭއިރު ކަފާލާތުގެ އުސޫލުން މީހުން ދޫކުރާ ނަމަ އެ ޚަރަދު ވަރަށް ބޮޑުތަން ކުޑަވެ އެވެ.

ހަމަ އެގޮތަށް، ޝަރީއަތް ދިގުލައިގެން ގޮސް ހުކުމް އަންނައިރު ހުކުމުގެ މުއްދަތަށް ވުރެ ބަންދުގައި ހޭދަކުރި މުއްދަތު ދިގުވެގެން މީހުންނަށް ލިބޭ ގެއްލުން ވެސް ކުޑަވާނެ އެވެ.

ކަފާލާތުގެ އުސޫލަކީ ހަމައެކަނި ތަހުގީގު މަރުހަލާގައި ނުވަތަ ޝަރީއަތުގެ މަރުހަލާގައި ހިނގާ އުސޫލެއް ނޫނެވެ. ހަމައެގޮތަށް އިސްތިއުނާފް މަރުހަލާގައި ވެސް އެ އުސޫލު ހިނގާނެ އެވެ. ކުށް ސާބިތުވެގެން މީހަކަށް ހުކުމެއް އައިސްފައިވާ މީހާ އެ މައްސަލަ އިސްތިއުނާފްކޮށް، އިސްތިއުނާފް މަރުހަލާ ނިމެންދެން ކަފާލާތުގެ އުސޫލުން ބަންދުން މިނިވަން ކޮށްދޭން އެދޭ ހާލަތުގައި އިސްތިއުނާފީ ކޯޓަށް އެކަން ކުރެވިދާނެ އެވެ.

ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ގަވާއިދު ބުނާ ގޮތުން ވެސް ކުށްވެރިވާ ކަމަށް ހުކުމް އައިސްފައިވާ މީހަކު ގަބޫލުކުރެވޭ ފަދަ ކަފާލާތެއް އިސްތިއުނާފް މަރުހަލާގައި ކޯޓަށް ހުށަހަޅައިފި ނަމަ އިސްތިއުނާފްގެ އެ މައްސަލަ ނިމެންދެން އެ މީހަކު ދޫކޮށްލާފައި ބެހެއްޓުމުގެ ބާރު އެ ދެ ކޯޓަށް އޮވެ އެވެ. އެކަމަކު އިސްތިއުނާފް މަރުހަލާގައި އެ އުސޫލުން މީހުން ދޫކުރުމަކީ ވެސް ރާއްޖޭގައި ވަރަށް މަދުން ނޫނީ ނުކުރާ ކަމެކެވެ. ގިނަ ފަހަރު އެގޮތަށް އެދުނަސް އިސްތިއުނާފް ކޯޓުތަކުން ކަފާލާތު ބަލައެއްނުގަނެ އެވެ.

ރާއްޖޭގައި އަމަލު ނުކުރިޔަސް ކަފާލާތުގެ އުސޫލުން މީހުން ދޫކުރުމަކީ ކުރިއަރާފައިވާ އެހެން ގައުމުތަކުގައި އާންމު ގޮތެއްގައި ކުރާ ކަމެކެވެ. އެ ގައުމުތަކުގައި މަޝްހޫރު ފިލްމީ ތަރިންނާއި އެ ނޫން ވެސް މަޝްހޫރު ސިޔާސީ މީސްމީހުން ހައްޔަރު ކުރުމުން ވެސް ޖެހިގެން އަންނަ ދުވަހު އެ މީހުން މިނިވަންވަނީ ކޯޓުން ކަނޑައަޅާ ބޮޑު އަދަދެއް ޑިޕޮސިޓްގެ ގޮތުގައި ބެހެއްޓުމުން ކަފާލާތުގެ އުސޫލެއްގެ ދަށުންނެވެ.

ސީރިއަސް ކުށްތައް ފިޔަވައި އާދައިގެ މައްސަލަތަކުގައި ކަފާލާތުގެ އުސޫލުން މީހުން ދޫކުރުމަކީ ކުރަން ވެއްޖެ ކަމެކެވެ. ދައުލަތުގެ ޚަރަދުތަކެއް ސަލާމަތް ކުރެވި، ކޯޓުން ކުރާ ޝަރުތުތަކާ ޚިލާފްވުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވާނެ އެވެ. މިއީ ކޯޓުތަކާއި ތަހުގީގީ އިދާރާތަކުން ވެސް ވިސްނަންވެއްޖެ ކަމެކެވެ.