އެލަވަންސުން މަދުވާ ބައި ދޭން އަމުރުކޮށްފި
އެލަވަންސުން މަދުވާ ބައި ދޭން އަމުރުކޮށްފި

ސިވިލް ސާވިސް ސާވަންޓުންނަށް ސާވިސް އެލަވަންސްގެ ގޮތުގައި ދެމުންދާ ފައިސާ ހަތް އަހަރު ވަންދެން ސިވިލް ސާވަންޓަކަށް މަދުން ދީފައިވާތީ މިހާތަނަށް އެ މީހާއަށް ނުލިބި އޮތް 90،000 އަށް ވުރެ ގިނަ ރުފިޔާ އެ މީހާއަށް ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި މަސައްކަތް ކުރާ އެ މުވައްޒަފަށް 92،000 އަށް ވުރެ ގިނަ ރުފިޔާ ދޭން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މައްޗަށް ޓްރައިބިއުނަލުން މިދިޔަ ބުދަ ދުވަހު އަމުރުކުރީ އެ އޮފީހުގެ އެހެން މުވައްޒަފުންނަށް ސާވިސް އެލަވަންސްގެ ގޮތުގައި ދެމުންދާ މިންވަރަށް ވުރެ މަދުން އެ މުވައްޒަފަށް އެލަވަންސް ދެމުންދާތީ އެ މުވައްޒަފު މައްސަލަ ހުށަހެޅުމުންނެވެ.

އެ މަގާމުގެ އެހެން މުވައްޒަފުންނަށް ސާވިސް އެލަވަންސަށް މަހަކު 2،500ރ. ދިނަސް އެ މުވައްޒަފަށް ދެމުންދިޔައީ މަހަކު 1،500ރ. އެވެ. އެހެން މުވައްޒަފުންނަށް ވުރެ މަދުން އެ މުވައްޒަފަށް އެލަވަންސް ދެމުން ދިޔަ ކަމަށާއި އޭނާ އަށް ނުލިބި އޮތް ބަޔަކީ އޭނާ އަށް ހައްގު އެއްޗެއް ކަމަށް ސީއެސްސީން ވަނީ ޓްރައިބިއުނަލްގައި އެއްބަސްވެފަ އެވެ.

ޓްރައިބިއުނަލުން އަމުރުކޮށްފައި ވަނީ މިހާރު އޮންނަ ގޮތަށް ސިވިލް ސާވަންޓުންނަށް އެލަވަންސް ދޭން ސީއެސްސީން ނިންމި ތާރީޚު ކަމަށްވާ ފެބްރުއަރީ، 2009 އިން ފެށިގެން އެ މައްސަލަ ނިންމި ދުވަހާއި ހަމައަށް އޭނާއަށް ނުލިބި އޮތް 92،000ރ. ހަ މަސް ތެރޭގައި އޭނާއަށް ދިނުމަށެވެ.