ކާނިވާ ސަރަހައްދުގައި ހުރި ކަޑަތައް ނުނަގަން ނިންމައިފި
ކާނިވާ ސަރަހައްދުގައި ހުރި ކަޑަތައް ނުނަގަން ނިންމައިފި

ސައުދީ ސަރުކާރުގެ ހިލޭ އެހީގައި މާލޭގައި އަޅާ "ކިންގް ސަލްމާން" މިސްކިތް އިމާރާތް ކުރުމަށް ކާނިވާ ސަރަހައްދުގައި ހުރި ކަޑަތައް މި ވަގުތަށް ހުސް ނުކުރަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

ކާނިވާ ސަރަހައްދުގައި ހުރި ކަޑަތައް ނުނަގަން ނިންމައިފި
ކާނިވާ ސަރަހައްދުގައި ހުރި ކަޑަތައް ނުނަގަން ނިންމައިފި

މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިނިސްޓްރީން ސާވޭ ކުރިއިރު، ކެފޭތަކަށް ނާރާ ގޮތަށް މިސްކިތުގެ ބައުންޑަރީ ނެގޭ ކަމަށެވެ. އަދި މި ވަގުތަށް އެ ތަންތަން ނުނަގާ ގޮތަށް ހެދުމަކީ މާލޭގައި އުޅޭ މީހުންނަށް ލިބޭނެ ފަސޭހައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކާނިވާ ސަރަހައްދުގައި ހުރި ކަޑަތައް ނުނަގަން ނިންމައިފި
ކާނިވާ ސަރަހައްދުގައި ހުރި ކަޑަތައް ނުނަގަން ނިންމައިފި

"ފުޑް ކޯޓު އެޅުމަށް ހާބަރު ސަރަހައްދުގައި ހުރި ކަޑަތައް އެ ހުރީ ނަގާފައި. އެކަހަލަ ތަނަކަށް މިހާރު ހުރީ ކާނިވާ ސަރަހައްދު. ހުރިހާ ތަނެއް ނެގީމަ ރައްޔިތުންނަށް ދަތިވާނެ،" މުއިއްޒު ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީން ކާނިވަލުގައި ހުރި ބައެއް ކަޑަތައް ނެގުމަށް ހަތަރު މަހާއި ހަ މަހުގެ މުއްދަތެއް ދިނީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ. ނަމަވެސް މިއަދާ ހަމައަށް އައިއިރު އެ ތަންތަނުން ހިދުމަތް ދެ އެވެ.

ހަ ބުރި އަށް އިމާރާތްކުރާ ކިންގް ސަލްމާން މިސްކިތަކީ ރާއްޖޭގައި މިހާތަނަށް އަޅާ އެންމެ ބޮޑު އަދި އެންމެ ރީތި މިސްކިތަށް ވާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. މި މިސްކިތުގައި އެއްފަހަރާ 6،000 މީހުންނަށް ނަމާދުކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މާލޭގެ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުގައި ތަރައްގީކުރާ ފުޑް ކޯޓުތަކުގެ މަސައްކަތް ނިންމަން އެސްޓީއޯއިން ވަނީ އެމްއެސް ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަނާ ހަވާލުކޮށްފަ އެވެ.

މުއިއްޒު ވިދާޅުވީ ފުޑް ކޯޓުތަކުގެ މަސައްކަތް އަންނަ އަހަރުގެ މާޗް މަސް ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އަދި އަންނަ ހަފްތާގެ ތެރޭގައި ފައުންޑޭޝަންގެ މަސައްކަތް ފަށާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެސްޓީއޯއިން ކުރިން ބުނި ގޮތުގައި އެތަނުގެ މަސައްކަތް ލަސްވީ ޑިޒައިނަށާއި އެނޫން ވެސް ބައެއް ކަންތައްތަކަށް ބަދަލުތަކެއް ގެންނަން ޖެހިގެންނާއި އެ މަސައްކަތަށް އެކަށީގެންވާ ރަނގަޅު ކޮންޓްރެކްޓަރެއް ހޯދަން ގިނަ ވަގުތު ހޭދަ ކުރަން ޖެހިގެންނެވެ.

ހައުސިން މިނިސްޓްރީން ކުރިން ބުނެފައި ވަނީ ހާބަރު ކަޑަތަށް ތަރައްގީކޮށް ނިމޭއިރު އެތަނަށް އަމީނީމަގުންނާއި އެތެރޭގައި އޮންނަ މަގުން ވެސް ވަދެވޭނެ ގޮތަށް ހަދާނެ ކަމަށެވެ. އަދި ސައިކަލާއި ކާރު ޕާކު ކުރުމަށް ދެ ފަރާތުގައި ރޮޓަރީ ޕާކިން ސިސްޓަމެއް ގާއިމް ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

ގާތްގަނޑަކަށް 30،000 އަކަ ފޫޓުގެ ސަރަހައްދުގައި ކުރިން 40 ކެފޭ ހުރި އިރު އަލަށް ހަދާ ނިމެނޭއިރު އެތަނުގައި ހުންނާނީ 26 ފުޑް ކޯޓެވެ.

އާ ހާބަރު ކަޑަތައް ވެސް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ގޮތުން ހައުސިން މިނިސްޓްރީން އެސްޓީއޯއާއެކު އެއްބަސް ވުމެއްގައި ސޮއިކުރީ މިދިޔަ ޖެނުއަރީ މަހު އެވެ. އޭރު އެ މަސައްކަތް ހަވާލުކުރީ ހަ މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ފަހު ތަން އަލުން ހުޅުވާ ގޮތަށެވެ.