10 އޮކްޓޯބަރ 2016 - 12:08

ރާއްޖެ އާއި ސްރީ ލަންކާގެ ބައެއް ހޮސްޕިޓަލުތަކުގައި މަސައްކަތް ކުރާ ޑޮކްޓަރުންނަށް އޮންލައިންކޮށް އެޕޮއިންޓްމަންޓް ހައްދައި ފައިސާ ދެއްކޭނެ ޕްލެޓްފޯމެއް ފުރަތަމަ ފަހަރަށް މިއަދު ރާއްޖޭގައި ތައާރަފްކޮށްފި އެވެ.

އީ ކޮމާސްގެ ދާއިރާގައި ހަރަކާތްތެރިވާ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެވްރިތިން ރެޑުން ތައާރަފް ކުރި "ޑޮކް.އެމްވީ" މެދުވެރިކޮށް މިހާރު ވެސް ލަންކާގެ އެންމެ ބޮޑެތި ހޮސްޕިޓަލުތަކުގެ ތެރޭގައި ހިމެނޭ 11 ތަނަކަށް އޮޕޮއިންޓްމަންޓް ހައްދައި ފައިސާ ދެއްކެ އެވެ. އޭގެ ތެރޭގައި، އާސިރީ، ނަވަލޯކާ، ޑާޑަންސް، ނައިންވެލް އަދި ޔޫނިއަން ހޮސްޕިޓަލްސް ހިމެނެ އެވެ.
"ރާއްޖޭގެ ހޮސްޕިޓަލުތަކާއި ކްލިނިކުތަކާ ވެސް އަޅުގަނޑުމެން މިދަނީ ވާހަކަ ދައްކަމުން. ކުރިއަށް އޮތް މަދު ހަފުތާތަކެއްގެ ތެރޭގައި އެ ތަންތަނުން ވެސް މި ޕްލެޓްފޯމުގައި ބައިވެރިވާނެ،" މި ޕްލެޓްފޯމް ލޯންޗު ކުރުމަށް ބްރޭކްވޯޓާ ރެސްޓޯރަންޓުގައި ބޭއްވި ހަފުލާއެއްގައި އެވްރިތިން ރެޑުގެ ސީއީއޯ މުހައްމަދު ރިފާއު ވިދާޅުވި އެވެ.
ލަންކާގައި މިހާރު ވެސް ހިދުމަތް ދޭ "ޑޮކް.އެލްކޭ" ހިންގާ އިނޯވާ އާއި ޑިޖިޓަލް ހެލްތާ ގުޅިގެން އެވްރިތިން ރެޑުން ތައާރަފް ކުރި "ޑޮކް.އެމްވީ" މެދުވެރިކޮށް އެޕޮއިންޓްމަންޓު ހައްދަން އިތުރަށް ފައިސާއެއް ނުނަގާނެ އެވެ. އެކަމަކު، އޮންލައިން ޕޭމަންޓު ފަދަ ކަންކަން ހިމެނޭތީ މި ޕްލެޓްފޯމުގައި ބައިވެރިވާން ހޮސްޕިޓަލުތަކުން ކޮންމެވެސް ވަރެއްގެ ފީއެއް ދައްކަން ޖެހޭނެ ކަމަށް އެވްރިތިން ރެޑުން ބުންޏެވެ.
ވެބްސައިޓެއްގެ އިތުރުން އައިފޯނާއި އެންޑްރޮއިޑަށް ހާއްސަ ދެ ފޯނު އެޕްލިކޭޝަން މެދުވެރިކޮށް ހިދުމަތް ދޭ "ޑޮކް.އެމްވީ" މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެދުމުގެ އިތުރުން، ޑޮކްޓަރުންގެ މައުލޫމާތު ހޯދުމާއި ޑޮކްޓަރުންގެ ޑިއުޓީ ބެލުމާއި ހޮސްޕިޓަލުތަކުގެ ކިއޫ ނަމްބަރު ދާ ވަރު ބެލެ އެވެ. އަދި ޑޮކްޓަރުންނަށް މި ޕްލެޓްފޯމް މެދުވެރިކޮށް، ބަލިމީހުންގެ ލިޔެކިއުންތައް ރައްކާކޮށް އެ ތަކެތި ބަލާލައި އެހެން ޑޮކްޓަރުންގެ ލަފާ ހޯދުން ފަދަ ކަންކަން ކުރެވެ އެވެ.
ރިފާއު ވިދާޅުވި ގޮތުގައި ރާއްޖެ ފަދަ ގިނަ ރަށްތަކެއް ހިމެނޭ ގައުމެއްގައި ސިއްހީ ހިދުމަތް ޑިޖިޓަލްކޮށް ދިނުމަކީ ވަރަށް މުހިއްމު، ބޭނުންތެރި ކަމެކެވެ. "ޑޮކް.އެމްވީ"ގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ އިތުރުން ރާއްޖެ އަންނަ ޓޫރިސްޓުންނަށް ވެސް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށާއި އެޕޮއިންޓްމަންޓު ހަދަން އުފުލަންޖެހޭ ތަކުލީފު ކުޑަވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޑިޖިޓަލް ހެލްތު ސާވިސަސްގެ ސަބަބުން ރާއްޖޭގެ ސިއްހީ ހިދުމަތް އެހެން ލެވެލްއަކަށް މި ދަނީ. ރާއްޖޭގައި ހެލްތު ސާވިސަސް ނުލިބި ތިބި، އެޕޮއިންޓްމަންޓު ނުހެއްދި ތިބި އެތައް ބަޔަކަށް ވަރަށް ބޮޑު ފަސޭހައެއް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލިބިގެން ދާނެ،" ރިފާއު ވިދާޅުވި އެވެ.
އެވްރިތިން ރެޑުން ވަނީ ކާއެއްޗެއްސަށް އޯޑަރުކޮށް ރެސްޓޯރަންޓުތަކުން ބުކިން ހެދޭ "ފުޑްހަބް"ގެ ހިދުމަތް ވެސް ތައާރަފްކޮށްފަ އެވެ. މީގެ އިތުރުން ވެސް، ގިނަ ހިދުމަތްތަކެއް ތައާރަފް ކުރުމަށް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.