ޝައްމޫންގެ ހުނަރާއި ކާމިޔާބީތައް ފަރުދާވެފައި
ޝައްމޫންގެ ހުނަރާއި ކާމިޔާބީތައް ފަރުދާވެފައި

ރާއްޖޭގެ އެންމެ މޮޅު އެތުލީޓޭ ބުނެފި ނަމަ ގިނަ ބަޔަކަށް ސިފަކުރެވިގެންދާނީ މަޝްހޫރު ދުވުންތެރިއެކެވެ. އެކަމަކު ހަގީގަތަކީ ގައުމީ އެތުލެޓިކްސްގެ މުބާރާތުގެ 26 އަހަރުވީ ތާރީހުގައި މުބާރާތުގެ އެންމެ ކާމިޔާބު އެއް އެތުލީޓުގެ ގޮތުގައި ހުރީ ޝޮޓްޕުޓާއި ޑިސްކަސް އަދި ޖެވެއިލިން އުކާ ފީލްޑް އެތުލީޓެއް ކަމެވެ. ގައުމީ މުބާރާތުގައި 16 އަހަރު ވާދަކޮށް 21 މެޑަލް ދިވެހި ސިފައިންގެ ކްލަބުގެ ހަސަން ޝައްމޫން ހޯދާފައިވާއިރު އޭނާ މިވަނީ މި އަހަރުގެ މުބާރާތުގެ އެއް ވަނަ އެތުލީޓުގެ މަގާމް ހާސިލްކޮޮށްފަ އެވެ.

ޝައްމޫންގެ ހުނަރާއި ކާމިޔާބީތައް ފަރުދާވެފައި
ޝައްމޫންގެ ހުނަރާއި ކާމިޔާބީތައް ފަރުދާވެފައި

އެތުލެޓިކްސްގެ އެންމެ މުހިއްމު އެއް ބައި ކަމަށްވާ ފީލްޑް އިވެންޓްތަކުގައި އޭނާ ވަރުގެ އެހެން ހުނަރުވެރިއެއް ރާއްޖޭން ފެނިފައެއް ނުވެ އެވެ. މީގެ 16 އަހަރު ކުރިން އޭނާ އުމުރުން 15 އަހަރުގައި އިންޓަ ސްކޫލް މުބާރާތުގައި ހެދި ޝޮޓްޕުޓުގެ ރެކޯޑާ ގާތަށް ވެސް އަދި އެހެން އެތުލީޓަކަށް ދެވިފައެއް ނުވެ އެވެ. މި ފަހަރު ޖެވެއިލިން އުކުމުން އެއް ވަނަ ހޯދި ނަމަވެސް އޭނާގެ ހާއްސަ ދެ އިވެންޓަކީ، ގައުމީ ރެކޯޑް ހަދާފައިވާ ޑިސްކަސް އުކުމާއި ޝޮޓްޕުޓް އުކުމެވެ. އެކަމަކު އޭނާގެ އެ ހުނަރުތަކާއި ކާމިޔާބީތައް ގިނަ ބަޔަކަށް ނޭގެ އެވެ.

އެންމެ މޮޅު އެތުލީޓުގެ މަގާމާ އެކު ޝައްމޫނަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވީ ނަމަވެސް އޭނާގެ ހިތުގައި ބައިވަރު ޝަކުވާ އެބަހުއްޓެވެ. އަދި މި އިވެންޓްތައް ކުރިއަރުވާނެ ގޮތުގެ ވިސްނުމާއި ހިޔާލު ވެސް އެބަހުއްޓެވެ. އެކަމަކު އޭގެ ކުރިން އުފެދޭ ސުވާލަކީ ފީލްޑް އިވެންޓަށް އޭނާ ޝައުގުވެރިކަން އުފެދުނު ގޮތެވެ. ވަށައިގެން ދުވުންތެރިން ތިބި އިރު އެހާ މަގުބޫލު ނޫން ދިމާލަކަށް އޭނާގެ ނަޒަރު ހުއްޓުނީ ކީއްވެ ހެއްޔެވެ؟ ޝޮޓްޕުޓް (ދަގަނޑު ބޯޅައެއް ދުރަށް އެއްލުން) އަދި ޑިސްކަސް (ދަގަނޑު ޑިސްކެއް ދުރަށް އެއްލުން) އަށް ހިތް ޖެހުނީ ކިހިނެއް ހެއްޔެވެ؟

"ގައްދޫ ސްކޫލުގައި އުޅުނުއިރު ފުވައްމުލަކުގައި އޮތް އިންޓަ ސްކޫލް މުބާރާތުގައި ވާދަކުރުމަށް ޓީމު އެކުލަވާލިއިރު ސްކޫލުގެ ޓީޗަރަކު އަޅުގަނޑު ގާތު ބުނީ ފީލްޑް އިވެންޓުގައި ބައިވެރިވާންވީނޫންހޭ. އެ ޓީޗަރަކީ އޭނާގެ ސްކޫލް ދައުރުގައި ވެސް ފީލްޑް އިވެންޓްތައް ހަދާފައި ހުރި ޓީޗަރެއް. އޭނާ ބުނި އަޅުގަނޑަށް ކުރިއަށް ދެވިދާނެހެން ހީވާ ކަމަށް. އޭނާގެ ލަފާގެ މަތިން ފުރަތަމަ ބައިވެރިވީ،" ޝައްމޫން، 30، ބުންޏެވެ.

ހަޔާތުގައި މިހާތަނަށް ކޯޗެއްގެ ފަރާތުން އޭނާ އަށް ލިބުނު ހަމައެކަނި ތަމްރީން ލިބުނީ އޭނާގެ ފަރާތުންނެވެ. އެ މުބާރާތުގައި ޝައްމޫން ވިދާލިއިރު އޭނާގެ ހިތުގައި މި އިވެންޓަށް ރަނގަޅަށް ލޯބި ޖެހުނެވެ. އެއަށް ފަހު ގައުމީ މުބާރާތުގައި ވާދަކުރަން ފަށައި ކާމިޔާބީތައް ހޯދަން ފެށި އެވެ.

"15 އަހަރު މިވީ ގައުމީ މުބާރާތުގައި ބައިވެރިވާތާ. ފުރަތަމަ ފަހަރަށް ބެސްޓް އެތުލީޓުގެ މަގާމް ލިބުމުން ވަރަށް އުފާވެއްޖެ،" ޝައްމޫން ބުންޏެވެ. "ރާއްޖޭގައި ހީވެފައި އޮންނަނީ އެތުލެޓިކްސް އަކީ ހަމައެކަނި ދުވުމޭ. އެކަމަކު ޓްރެކް އެންޑް ފީލްޑް އައީމާ އެތުލެޓިކްސްއޭ އަސްލު ކިޔޭނީ. ފީލްޑުގެ އެތުލީޓަކަށް މި މަގާމް ލިބުމަކީ ހިތްވަރަކަށް ވާނެ."

ޝައްމޫން ބުނީ އޭނާ އުމުރުން 15 އަހަރުގައި 2000 ވަނަ އަހަރު ހޯދި ކާމިޔާބީތަކާ އެކު ރަނގަޅު ފުރުސަތުތަކެއް އެސޯސިއޭޝަނުން ދިން ނަމަ މިއަދު ވަރަށް ބޮޑުތަން ކުރިއެރޭނެ ކަމަށާއި ރަނގަޅު ތަމްރީން ލިބިއްޖެ ނަމަ ސަރަހައްދީ މުބާރާތްތަކުން ވެސް ކާމިޔާބު ހޯދޭނެ ކަމަށެވެ.

"އެންމެ ފަހުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ފެނުނީ ވެސް އަޅުގަނޑަށް ބީޓް ނުކުރެވޭ ރިޒަލްޓްތަކެއް ނޫން. ރަނގަޅަށް ޓްރެއިނިން ހެދިއްޖެއްޔާ ދެކުނު އޭޝިއާގައި ވެސް ކުރި ހޯދޭނެ،" ޝައްމޫން ބުންޏެވެ.

ޝައްމޫން ބުނީ އެސޯސިއޭޝަނުން މިހާރު ފީލްޑް އިވެންޓްތަކަށް ކުރިއަށް ވުރެ ސަމާލުކަންދޭ ކަމަށާއި އެގޮތުން މި ފަހަރު ޝޮޓްޕުޓް އުކަން ކޮންކްރީޓުން ތަނެއް އަޅައިދީފައިވާކަން ވެސް އޭނާ ފާހަގަކުރި އެވެ.

"ހަގީގަތުގައި ފީލްޑް އިވެންޓުން ކާމިޔާބު ހޯދަން މާ ފަސޭހަވާނެ. މިތާ ހުރި ވަސީލަތްތައް ބޭނުންކޮށްގެން ކާމިޔާބީ ހޯދިދާނެ. މިކަންކުރަން ސިންތެޓިކް ޓްރެކެއް ބޭނުމެއް ނުވޭ،" ޝައްމޫން ބުންޏެވެ.

"އެކަމަކު މުބާރާތުގައި 18 ޓީމު ބައިވެރިވިއިރު 12 ނުވަތަ 15 ކުދިން މިއައީ އުކަން. ކުދިން ނާންނާތީ އެސޯސިއޭޝަނުން ވެސް އެހާ ބޮޑަށް ފޯސްއެއް ނުކުރޭ. އެކަމަކު ނެޝަނަލް ޕޫލުގައި ކުދިން ހިމަނަފިއްޔާ އެ ކުދިންނަށް އެނގޭނެ މިއީ ކުރިއަށް ދެވިދާނެ ފީލްޑެއްކަން. ހަގީގަތުގައި ގައުމީ މުބާރާތަށް ވުރެ ރަނގަޅަށް އުކާފައި އެބަހުރި އިންޓަ ސްކޫލް މުބާރާތުގައި ވެސް. އެކަމަކު ގައުމީ މުބާރާތަށް ނާންނަނީ ކުރިމަގެއް ނެތްކަމަށް ވިސްނޭތީ،" ޝައްމޫން ބުންޏެވެ.

ޝައްމޫން ބުނީ އޭނާގެ އުމުުރުގެ ގޮތުން ވެސް ދެން އިތުރު ފުރުސަތުތަކެއް ލިބިދާނެ ކަމަށް ގަބޫލުނުކުރާ ކަމަށާއި އެކަމަކު އަންނަން ތިބި ކުދިންނަށް ފުރުސަތު އެބައޮތް ކަމަށް ގަބޫލުކުރާ ކަމަށެވެ.

"ދެން އަޅުގަނޑު ބޮޑަށް ވިސްނާނީ ކޯޗިން ދާއިރާއަށް ވަދެ މިކަމަށް ކުދިން ނެރެން. އަޅުގަނޑު މިހިރީ ވަގުތު ލިބޭ ވަރަކުން ހިލޭ ސާބަހަށް މިކަން ކޮށްދޭން. ގައުމީ މުބާރާތުގައި މިހާރު ނުލިބޭ ކާމިޔާބެއް ނެތް އަޅުގަނޑަށް އެހެންކަމުން ދެން ކުޑަކޮށް އެއް ފަރާތްވެލާފައި އަލަށް އަންނަ ކުދިންނަށް ފުރުސަތު ދޭން ވިސްނަނީ،" ޝައްމޫން ބުންޏެވެ.

ސިފައިންގޭގައި ވަޒީފާ އަދާކުރާ ޝައްމޫން ބުނީ އުއްމީދަކީ ފީލްޑް އިވެންޓްތަކުގައި މިއަށް ވުރެ ގިނަ ކުދިން ވާދަކޮށް އަދި ރާއްޖޭން ބޭރުގެ މުބާރާތްތަކުގައި ރާއްޖޭން ފީލްޑް އެތުލީޓުން ބައިވެރިވާތަން ފެނުން ކަމަށެވެ.

"އެއްވެސް ކޯޗެއްގެ އެހީއެއް ނުލިބި ސެލްފް ކޯޗިން ހަދައިގެން އަޅުގަނޑު މި ކުރިއެރުން ހޯދަނީ. އަޅުގަނޑު ބޭނުން މިކަމަށް ކުދިން ވައްދައި އެހީތެރިކަން ފޯރުކޮށްދޭން. ކުރިއަށް އޮތްތަނުގައި ބޮޑަށް ފެންނާނީ ކޯޗިންގެ ތެރެއިން،" ޝައްމޫން ބުންޏެވެ.