ހައްޔަރުކުރި ޓީޗަރުގެ ބަންދަށް 10 ދުވަސް ދީފި
ހައްޔަރުކުރި ޓީޗަރުގެ ބަންދަށް 10 ދުވަސް ދީފި

ލ.ކުނަހަންދޫން ހައްޔަރުކުރި އެ ރަށު ސްކޫލްގެ ލީޑިން ޓީޗަރުގެ ބަންދަށް އެ އަތޮޅު ގަމު މެޖިސްޓްރޭޓް ކޯޓުން 10 ދުވަސް ދީފި އެވެ.

ލީޑިން ޓީޗަރު އަބްދުﷲ މައުރޫފް ހައްޔަރުކުރީ މިދިޔަ އާދިއްތަ ދުވަހުގެރޭ 12 ޖަހާކަށްހާއިރު ގިނަ އަދަދެއްގެ ފުލުހުން ކުނަހަންދޫއަށް ގޮސްގެންނެވެ.

"މިހާރަ"ށް އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރުކުރީ ޓެރަރިޒަމް ޕްރޮމޯޓް ކުރުމުގެ ތުހުމަތުގަ އެވެ.

ހައްޔަރުކުރުމުގެ ދެ މަހެއްހާ ދުވަސް ކުރިން އޭނާގެ ލެޕްޓޮޕާއި ޕެންޑްރައިވް ފަދަ ތަކެތި ފުލުހުން ވަނީ ގެންގޮސްފަ އެވެ. ހައްޔަރުކުރުމުގެ ކުރިން އޭނާ ވަނީ ވަޒީފާ އިން ވެސް ވަކިކޮށްފަ އެވެ.

އަބްދުﷲ ހައްޔަރުކޮށްފައި ވާއިރު، ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ދިވެހިންގެ ބަޔަކު މިފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވާކަން ވަނީ އެނގިފަ އެވެ.

އަލަށް އަމަލުކުރަން ފެށި ޓެރަރިޒަމް ހުއްޓުވުމާ ބެހޭ ގާނޫނުގެ ދަށުން، ޓެރަރިޒަމް ހުއްޓުވުމަށް ސަަލާމަތީ ބާރުތަކަށް ބޮޑެތި ބާރުތަކެއް ދީފައިވެ އެވެ. ސީރިއާގައި ކުރާ ހަނގުރާމާގައި ބައިވެރިވާން އުޅުނު ބައެއްގެ މައްޗަށް ދާދި ފަހުން ވަނީ އެ ގާނޫނުގެ ދަށުން ދައުވާ ވެސް ކޮށްފަ އެވެ.