10 އޮކްޓޯބަރ 2016 - 12:25

އޭޝިއަން ކަޕް ކޮލިފައިން ދެ ވަނަ ލެގުގައި މާދަމާ ހަވީރު ލާއޮސްގައި އެ ޓީމާ ދެކޮޅަށް ކުޅޭ މެޗު ފަސޭހަ ނުކުރާނެ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ބުނެފި އެވެ.
މިދެ ޓީމު މާލޭގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން ރާއްޖެ މޮޅުވީ 4-0 އިންނެވެ. މާދަމާގެ މެޗުން ރާއްޖެ ފަސް ލަނޑުގެ ތަފާތުން ބަލިނުވެއްޖެނަމަ ކޮލިފައިން ގްރޫޕް ސްޓޭޖުގެ ޖާގައެއް ރާއްޖެ އަށް ލިބޭނެ އެވެ. ގައުމީ ކޯޗު ސްޓެވާޓް ބުނީ މިއީ މުޅިން އާ މެޗެއް ކަމަށާއި ޓާގެޓަކީ މޮޅެއް ކަމަށެވެ.
"ފުރަތަމަ މެޗަކީ މާޒީ. އަހަރެމެންގެ ވިސްނުމަކު އެއް ނެތް އެ މެޗު. އެ ނަތީޖާ އަށް ބަލައިގެން މެޗު ފަސޭހައެއް ނުކޮށްލާނަން. އެއްވަރުކޮށްލައިގެން ވެސް ފަރުޖައްސާލެވެން އެބައޮތް. އެކަމަކު ބައިނަލްއަގްވާމީ އެއްވެސް މެޗަކަށް އަހަރެން ނުނުކުންނާނަން މޮޅުވުން ނޫން ޓާގެޓެއް ކަނޑައަޅައިގެން،" ސިންގަޕޫރު ލީގުގައި މަސައްކަތްކޮށްފައިވާ ސްޓެވާޓް ބުންޏެވެ.
ލާއޮސްއާ ދެކޮޅަށް މާލޭގައި ކުޅުުނު މެޗުގައި ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅުނު ދެ ކުޅުންތެރިން ކަމަށްވާ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އާއި އައްސަދު އަލީ (އަޑުބަރޭ) މި ފަހަރު ޓީމާ އެކު ނުދެ އެވެ. ދަގަނޑޭ ނުދަނީ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. ފިޓްނަސް ދަށްވުމުން މި ފަހަރުގެ ސްކޮޑަށް އަޑުބަރޭ ނުނަގަ އެވެ.
ސްޓެވާޓް ބުނީ މިދެ ކުޅުންތެރިން ނުލައި މާދަމާގެ މެޗުން މޮޅުވެވޭނެ ކަމަށެވެ.
"ޓީމުން ކުޑަ ބަދަލުތަކެއް ފެންނާނެ. އަޑޭ އާއި އަޝްފާގު ނުކުޅޭނެ. އެކަމަކު މި ދެ ކުޅުންތެރިން ނުލައި ވެސް މި މެޗުން މޮޅުވެވޭނެ. ރާއްޖޭގެ ފުޓްބޯޅަ ކޮމިއުނިޓީ ހިތްހަމަ ޖެހޭފަދަ ނަތީޖާއެއް ނެރެން ބޭނުން،" ސްޓެވާޓް ބުންޏެވެ.
ލާއޮސް އާއި ރާއްޖެ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން 16:00 ގަ އެވެ.