10 އޮކްޓޯބަރ 2016 - 11:54

ރާއްޖެ އާއި ތައިލެންޑާ ދެމެދު ވެފައިވާ ޓްރޭޑް އެންޑް އިކޮނޮމިކް ކޯޕަރޭޝަން އެއްބަސްވުމުގެ ދަށުން އުފެދިފައިވާ ޖޮއިންޓް ޓްރޭޑް ކޮމިޓީގެ ދެވަަނަ ބައްދަލުވުން އަންނަ ބުދަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އަންނަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ބާއްވާ މި ބައްދަލުވުމުގައި ބައިވެރިވުމަށް ތައިލޭންޑުގެ މިނިސްޓަ އޮފް ކޮމާސް އަޕިރާދީ ޓަންޓްރަޕޯން ރާއްޖެ ވަޑައިގަންނަވާނެ އެވެ.
ބަޔާނުގައި ބުނެފައިވާ ގޮތުގައި ޖޮއިންޓް ޓްރޭޑް ކޮމިޓީގެ ދެވަނަ ބައްދަލުވުމުގައި ތައިލޭންޑުގެ އެކްސްޕޯޓް ވިޔަފާރީގައި ހަރަކާތަތްތެރިވާ 30 ކުންފުނީގެ އިސް ފަރާތްތަކުން ވެސް ރާއްޖެ އަންނާނެ އެވެ.
މި ކުންފުނިތަކުގެ ތެރޭގައި ފަރުނީޗަރު، ގަހަނާ، ކެއިންބުއިމުގެ ބާވަތްތައް، ސްޕާ ޕްރޮޑަކްޓްސް، ހޮޓެލް ސަޕްލައި ފަދަ ދާއިރާތަކުގެ ކުންފުނިތައް ހިމެނެ އެވެ.
އެ ކުންފުނިތަކުން އެކްސްޕޯޓު ކުރާ ތަކެތީގެ ޑިސްޕްލޭ އެއް ބުރާސްފަތި ދުވަހު ދަރުބާރުގޭގައި ބަހައްޓައި، އެ ކުންފުނިތަކާ ބައްދަލު ކުރުމުގެ ފުރުސަތު ދިވެހި ވިޔަފާރިވެރިންނަށް ލިބޭނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. އެގޮތުން، ހެނދުނު 10:00 އިން 12:00 އަށް އަދި މެންދުރުފަހު 2:30 އިން ހަވީރު 5:00 އަށް ދަރުބާރުގެ ވިޔަފާރިވެރިންނަށް ހުޅުވާފައި ހުންނާނެ އެވެ.
މިއަހަރު ޖެނުއަރީ މަހު ރައީސް އަބްދުﷲ ޔާމީން ތައިލޭންޑަށް ކުރެއްވި ދަތުރުފުޅަށް ފަހު އެ ގައުމާއި ރާއްޖެއާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދަނީ އެކި މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން، މިދިޔަ ޖެނުއަރީ މަހު އިކޮނޮމިކް މިނިސްޓްރީން ވަނީ ތައިލޭންޑުގެ ކޮމާސް މިނިސްޓަރާއި އެ ގައުމުގެ ވިޔަފާރިވެރިންނާ ވެސް ބައްދަލުކޮށްފައި އެވެ.