10 އޮކްޓޯބަރ 2016 - 09:41

ބާސެލޯނާ (އޮކްޓޯބަރު 10) - ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އަލްބޭނިއާ އަތުން ސްޕެއިން 2-0 އިން މޮޅުވި މެޗުގައި ސްޕެއިނުގެ ޑިފެންޑަރު ޖެރާޑް ޕީކޭ ލައިގެން ހުރި ޖާޒީގެ އަތު ކުރީގައި ސްޕެއިނުގެ ދިދައިގެ ކުލަތައް ނެތުމުން ފާޑުކިޔުން އަމާޒުވިއިރު އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމައިފި އެވެ.
ސްޕެއިން ސަރުކާރާ ވަކިވާން މަސައްކަތްކުރާ ކަޓަލޯނިއާގެ މިނިވަންކަމަށް ފާޅުގައި ތާއީދުކުރާތީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާ ޕީކޭ ބުނީ ސަޕޯޓަރުންގެ ޕްރެޝަރަށް ދެން ކެތް ނުވާނެ ކަމަށާއި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމާ ދުރަށް ދާނެ ކަމަށެވެ.
ރޭގެ މެޗުގައި ޕީކޭ އަދި ކެޕްޓަން ސާޖިއޯ ރާމޯސް ބޭނުންކުރީ އަތްދިގު ޖާޒީއަށް ވުމުން އަތުކުރީގައި ދިދަ ނުވެސް ނެތެވެ. އެކަމަކު ރާމޯސްއާ ހިލާފާށް އަތުކުރިން ޕީކޭ ބައެއް ކަފާލާފައިވުމުން ގިނަ ބަޔަކު ހީކުރީ އޭނާ ދިދަ އިން ބައި އުނިކުރީ ކަމަށެވެ. ބައެއް ކުޅުންތެރިން އަތްދިގު ޖާޒީން ބައެއް ކަފާލަނީ ފަސޭހަކުރުމުގެ ގޮތުންނެވެ.
"ރަޝިއާގައި އޮންނަ ވޯލްޑް ކަޕަކީ ގައުމީ ޓީމާ އެކު އަހަރެން ކުޅޭނެ ފަހު މުބާރާތް. އަހަރެން ބޭނުން ބާކީ މި އޮތް ދެ އަހަރު ތެރޭ ވަރަށް ބޮޑަށް ހިތްހަމަޖެހުން ހޯދަން،" އުމުރުން 29 އަހަރުގެ ޕީކޭ ބުންޏެވެ. "މިއީ ކުއްލި ނިންމުމެއް ނޫން. އެކަމަކު މިރޭ މި ކުރިމަތިވި ފާޑުކިޔުމަކީ މިދިޔަ ދެ އަހަރު ހިނގައި ދިޔަ ކަންތައްގަނޑަށް އިތުރުވި ބޮޅެއް."
ޕީކޭ ބުނީ އޭނާ ގައުމީ ޓީމުގައި ނެތުމަށް ގިނަ ބަޔަކު އެދޭ ކަމަށާއި އޭނާ އަށް ގައުމީ ޓީމުން ހިތްހަމަޖެހުން ލިބިޔަނުދޭން ވެސް ބަޔަކު މަސައްކަތްކުރާ ކަމަށެވެ.
ސްޕެއިނާ އެކު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2012 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރި ޑިފެންޑަރު ވަނީ ބާސެލޯނާއާ އެކު ކްލަބް ލެވެލްގައި ވެސް ހުރިހާ ކާމިޔާބެއް ހޯދައިފަ އެވެ.