10 އޮކްޓޯބަރ 2016 - 09:40

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ އާ ސީޕްލޭން ޓާމިނަލް ޑިޒައިން ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އާ ރަންވޭގެ މަސައްކަތް ކުރިއަށްދާ ތަން ނޫސްވެރިންނަށް ދައްކަވާލައްވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ ސީޕްލޭން ޓާމިނަލް އެހެން ސަރަހައްދަކަށް ބަދަލުކުރުމަކީ އެއާޕޯޓް ތަރައްގީކުރުމަށް ހިންގާ މަޝްރޫއުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އެގޮތުން، އެ ޓާމިނަލް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރު މިހާރު ހުންނަ ސަރަހައްދަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އާދިލް ވިދާޅުވި ގޮތުގައި އާ ސީޕްލޭން ޓާމިނަލްގެ ކޮންސެޕްޓް ޑިޒައިން ނިމި، އޭގެ ތަފްސީލު ޑިޒައިން ހެދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އަދި ކޮންޓްރެކްޓަރު ފައިނޭންސްގެ އުސޫލުގެ ދަށުން އެ މަސައްކަތް ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާ ރަންވޭ ނިންމައި 2018 ގައި ބޭނުންކުރަން ނިންމާފައިވާ އިރު، ރަންވޭ ބޭނުންކުރާނީ ސީޕްލޭން ޓާމިނަލް ބަދަލުކޮށްގެން ކަމަށް އާދިލް ވިދާޅުވި އެވެ. އެހެންކަމުން، އާ ރަންވޭ ބޭނުންކުރުމުގެ ކުރިން ސީޕްލޭން ޓާމިނަލާއި އެ ތަނާ ގުޅުންހުރި ހުރިހާ އިމާރާތެއް ބަދަލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސީޕްލޭން ޓާމިނަލަކީ ޕެސެންޖާ ޓާމިނަލާ ތަފާތު ތަނެއް. ސީޕްލޭން ޓާމިނަލްގައި ސޮފިސްޓިކޭޓެޑް އިކުއިޕްމެންޓްސްއެއް ނުހުންނާނެ،" އާދިލް ވިދާޅުވި އެވެ.
އެއާޕޯޓްގެ އާ ރަންވޭ އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ ގާތްގަނޑަކަށް 30 ޕަސެންޓް މިހާރު ނިމިފައިވާ އިރު، އެ މަސައްކަތަށް ބޭނުންވާ ވެލި ނަގަނީ މިހާރު ސީޕްލޭން ޓާމިނަލް ހުންނަ ސަރަހައްދުންނެވެ. މީގެ އިތުރުން، އައިއެންއައިއޭގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ސީޕްލޭން ސަރަހައްދު ބަންދު ކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް އޮޕަރޭޓްކުރާ ރާއްޖޭގެ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ އިތުރުން، ގައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަންގެ ސީޕްލޭންތައް ވެސް އޮޕަރޭޓްކުރަނީ އައިއެންއައިއޭއިންނެވެ. ޓީއެމްއޭގައި 45 ސީޕްލޭން އޮންނައިރު، މޯލްޑިވިއަން ނުވަ ސީޕްލޭން ގެންގުޅެ އެވެ.
އެއާޕޯޓުގެ އާ ރަންވޭ ތަރައްގީކުރުމުގެ މަޝްރޫއު އެމްއޭސީއެލް އިން ހަވާލުކޮށްފައިވަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ އެވެ. އެ ކުންފުނިން ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި ޔޫއޭއީގެ ގަލްފް ކޮބްލާ ހަމަޖައްސައި ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ މިދިޔަ ޖުލައި 25 ގަ އެވެ.
އެއާޕޯޓުގެ އާ ރަންވޭ ތަރައްގީކުރުމުގެ 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) ގެ މަޝްރޫއުގެ ދަށުން ހަދަނީ 3،400 މީޓަރު ދިގު 60 މީޓަރު ފުޅާ ރަންވޭއެކެވެ. މިއީ އެންމެ ބޮޑެތި މަތިންދާބޯޓު ކަމަށްވާ އެއާބަސް އޭ380 ވެސް ޖެއްސޭ ވަރުގެ ރަންވޭއަކަށް ވާއިރު، މި މަޝްރޫއުގެ ދަށުން 120،000 ޓަނުގެ ކާގޯ ޓާމިނަލަކާއި 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާމެއް ހެދުން ވެސް ހިމެނެ އެވެ.