10 އޮކްޓޯބަރ 2016 - 09:49

ރައީސް އަބްދުﷲ ޔާމީން މިއަދު ފުވައްމުލަކަށް ވަޑައިގެން، އެ ރަށުގައި އާ މަޝްރޫއުތަކެއް ފައްޓަވައިދެއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި ފުވައްމުލަކުގެ ފެނާއި ނަރުދަމާ އަދި މަގު ހެދުމުގެ މަޝްރޫއު އިފުތިތާހުކޮށް ދެއްވާނެ އެވެ. މިއީ މާލެ ފިޔަވައި، ރާއްޖޭގެ ރަށެއްގައި ބޯފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމަށް ޓަކައި ހިންގާ އެންމެ ބޮޑު މަޝްރޫއެވެ. ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނިގޮތުގައި، މި މަޝްރޫއަށް ކުވޭތުފަންޑާއި ސަރުކާރުގެ ބަޖެޓުން 297 މިލިއަން ރުފިޔާ ހޭދަކުރާނެ އެވެ.
ރައީސް މިރޭ އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ފަހު މާދަމާ އެނބުރި މާލެ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ފުވައްމުލަކަށް ރައީސް ޔާމީން ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގަ އެވެ. ރައީސްގެ މި ދަތުރުފުޅުގައި ބައެއް މިނިސްޓަރުންނާއި ޕީޕީއެމްގެ ބައެއް މަޖިލިސް މެމްބަރުން ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މިއީ ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ލިބުނު ފަހުން، ރައީސް އެ ރަށަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ދިނީ ސެޕްޓެމްބަރު މަހުގެ 22 ގަ އެވެ.