ފަސް މިލިއަން ޑޮލަރު ހަރަދުކޮށްގެން ކާށިދޫގައި 50 އެނދުގެ ސިޓީ ހޮޓަލެއް އަޅަނީ
ފަސް މިލިއަން ޑޮލަރު ހަރަދުކޮށްގެން ކާށިދޫގައި 50 އެނދުގެ ސިޓީ ހޮޓަލެއް އަޅަނީ

ކ. ކާށިދޫގައި 50 އެނދުގެ ސިޓީ ހޮޓަލެއް އަޅަން ބަޔަކާ މިއަދު ހަވާލުކޮށްފި އެވެ.

އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސިޓީ ހޮޓާ އެޅުމަށް ސީ ކްރޮސް މޯލްޑިވްސް ކުންފުންޏާއި ކާށިދޫ ކައުންސިލާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމަށް ހޯމް މިނިސްޓަރު އަހުމަދު އަޒްލީން ވެސް ކާށިދޫ އަށް ވަޑައިގެންނެވި އެވެ.

އެ ރަށު ކައުންސިލް އިދާރާ އިން ބުނީ ސިޓީ ހޮޓަލެއް އަޅަން އެ ރަށުން 200،000 އަކަފޫޓުގެ ބިން ދޫކޮށްފައިވާ ކަމަށެވެ. އަދި އެ ހޮޓަލުގެ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިންމަން ޖެހޭ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

ސީ ކްރޮސް މޯލްޑިވްސްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކާށިދޫ ހުޅަނގު ފަރާތު އަތިރިމަތީގައި 50 ބީޗް ބަންގްލޯ ހިމެނޭ ގޮތަށް ހަދާ ސީޓީ ހޮޓަލަށް ގާތްގަނޑަކަށް ފަސް މިލިއަނަށް ވުރެ ގިނަ ޑޮލަރު ހަރަދުވާނެ ކަމަށެވެ. އަދި އެ ތަނުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހު ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ހޮޓާ އަޅާ ސަރަހައްދުގެ ސާވޭތައް ނިންމައި ޑިސެމްބަރު މަހު މަސައްކަތް ފެށުމަށް. މިކަމުގެ ސަބަބުން އެ ރަށުގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ހޮޓަލާ އެކު އެ ރަށުގެ ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތުތަކެއް ލިބި ރަށަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.