ވޮލީގެ ވިސްނުމަކީ ދިވެހި ކޯޗަކާއި ބިދޭސީ ޓްރޭނަރެއް
ވޮލީގެ ވިސްނުމަކީ ދިވެހި ކޯޗަކާއި ބިދޭސީ ޓްރޭނަރެއް

ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކޯޗަކަށް ދިވެއްސަކު ހަމަޖައްސައި ޓްރޭނަރަކަށް ބިދޭސީއަކު ގެންނަން ވިސްނަމުން އަންނަ ކަމަށް ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

އެކަމަކު ލަތީފް ވިދާޅުވީ ގައުމީ ޓީމަށް އޮފިޝަލުން ހަމަޖެއްސުމާ މެދު ގޮތެއް ނިންމާނީ އެގްޒެކެޓިވް ކޮމިޓީން ކަމަށާއި އެއްވެސް ކަމެއް އަދި ފައިނަލްނުވާ ކަމަށެވެ.

"ދިވެހި ކޯޗުންނަށް ޕްރިއޯރިޓީ ދިނުން މުހިއްމު. ދިވެހި ކުޅުންތެރިން އެނގޭނީ ދިވެހި ކޯޗުންނަށް. އެކަމަކު ބޭރުގެ ޓްރޭނަރަކު ހުރުން މުހިއްމު. އެއީ އަޅުގަނޑުމެންގެ ވިސްނުމަކީ،" ލަތީފް ވިދާޅުވި އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގެ ޓީމު ކުޅިވަރުތަކުގައި ހެޑްކޯޗުގެ ބެލުމުގެ ދަށުން ޓްރެއިނިންތައް ކުރިއަށްގެންދަން ހާއްސަ ޓްރޭނަރަކު ހުރެ އެވެ. ހެޑްކޯޗުގެ މައިގަނޑު ޒިންމާއަކީ މެޗުގައި ޓީމުގެ ކުޅުން ރޭވުމާއި އެތުރުމެވެ.

އޭނާ ވިދާޅުވީ އެގްޒެކެޓިވް ކޮމިޓީގައި ހިމެނޭ ބީޗް ވޮލީބޯޅަ ކޮމިޝަނުގެ މެމްބަރުން އިންތިހާބުކުރުމަށް މި މަހުގެ 24 ގައި ބާއްވާ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަށް ފަހު އެކްސްކޯ ހަމަވުމުން ގައުމީ ޓީމަށް އޮފިޝަލުން ހަމަޖައްސާނެ ކަމަށެވެ.

ޑިސެމްބަރު 22 ގައި ފަށާ އޭވީސީ ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވުމަށް އަންނަ މަހުގެ ފަހުކޮޅު ގައުމީ ޓީމުގެ ޕްރެކްޓިސް ފެށުމަށް ހަމަޖެހިފައިވާއިރު އެސޯސިއޭޝަނުން ވިސްނަނީ އަންނަ މަހުގެ ކުރީކޮޅު ކޯޗާ ޓީމު ހަވާލުކުރާށެވެ.

ގައުމީ ފިރިހެން ވޮލީބޯޅަ ޓީމަށް އެންމެ ފަހުން ކޯޗުކޮށްދިނީ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ. އޭގެ ކުރިން ތައިލެންޑުގެ ސުންޓޮން ފޮސީޓާ ހުރިއިރު މުހައްމަދު ޝަރަފް ވެސް ގިނަ ދުވަސްތަކެއް ވަންދެއް ގައުމީ ކޯޗުގެ މަގާމް އަދާކުރި އެވެ.